ސްޓެލްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2021 އިން ފެށިގެން ކުންފުނީގެ އާމްދަނީ ދަށްވަމުން ދިޔަ އެވެ. އަދި 2023 ވަނަ އަަހަރު އެ ކުންފުންޏަށް ބޮޑު ގެއްލުމެއްވެފައިވެ އެވެ.
ސްޓެލްކޯ އަށް 2023 ވަނަ އަހަރަކީ ބިރުވެރި އަހަރެކެވެ. ސަބަބަކީ ސަރުކާރުގެ ބަޖެޓުން ފައިސާ އިން ނަމަވެސް އެ ކުންފުންޏަށް 171.9 މިލިއަން ރުފިޔާގެ ގެއްލުމެއްވުމެވެ. ކުންފުނި "އޮޔާލުމުގެ ބިރު" އޮތުމެވެ. ސަބަބަކީ ރިޔާސީ އިންތިހާބު އޮތް އެ އަހަރު ކުންފުނީގެ އިޝްރާފު ހައްދުން ނައްޓައިގެން ދިއުމާއި ހިންގުމުގައި ހުރި މައްސަލަތަކެވެ. ނަމަވެސް ޖެހިގެން އައި 2024 ވަނަ އަހަރު އެ ކުންފުނިން ފައިދާ ނެރުނެވެ. އެންމެ އަހަރެއްގެ ތެރޭގައި މި ބަދަލު ގެނައުމުން ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ސްޓެލްކޯ އިން މިކަން ކުރީ ކިހިނެއް ހެއްޔެވެ؟
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެކްސް އަށް ދޫކޮށްލައްވާފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި 2018 އިން ފެށިގެން ފައިދާގައި ވަމުން ދިޔަ ކުންފުންޏަށް 2023 ވަނަ އަހަރު ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވެ އެވެ. މި ތަފާސް ހިސާބުތަކުން މި ބަދަލު ގެނައި ގޮތް ސާފުކޮށް އެނގެ އެވެ.
މި ހިސާބު ތަކުން އެނގޭ ގޮތުގައި 2018 އިން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް ފައިދާވަމުން ދިޔަ އެވެ. ނަމަވެސް އެ އަހަރުން ފެށިގެން އެ ކުންފުނީގެ ފައިދާ ދަށްވެ 2023 ގައި ކުންފުނި އޮޔާލި އެވެ. މީގެ ސަބަބެއްގެ ގޮތުގައި ފެންނަން އޮތް ހަގީގަތަކީ ކުންފުނީގެ އިޝްރާފު އިންތިހާ އަށް ބޮޑުވުމެވެ. ކުންފުނީގެ ނިޒާމުތައް ބޮއްސުންލައިގެން ދިއުމެވެ. އިންތިހާބާ ދިމާކޮށް އެ ކުންފުންޏަކީ ސިޔާސީ "ޖަގަހަ" އެއްގެ ގޮތުގައި އޭރުގެ މެނޭޖުމަންޓުން ބޭނުން ކުރުމެވެ.
އެމްޑީ ފަހުމީ އާއްމު ކުރެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި 2023 ވަނަ އަހަރު ގެއްލުމުގައި އޮތް ސްޓެލްކޯ މިދިޔަ އަހަރު ފައިދާ ނެރުމުގައި މައިގަނޑު ތިން ބަދަލެއް ފާހަގަ ކުރެއްވެ އެވެ. މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ސްޓެލްކޯގެ އާ މެނޭޖުމަންޓުން ގެނައި މި ތިން ބަދަލާއެކު ސްޓެލްކޯގެ ހިންގުން ނުވަތަ ގަވަނަންސް ވަނީ ރަނގަޅުވެފަ އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ސްޓެލްކޯއަކީ އިއާދަކުރަނިވި ހަކަތައާއި ޒަމާނީ ޓެކްނޮލޮޖީތަކަށް ފޯކަސްކޮށްގެން އެކި ރަަށްރަށުގައި 35 އިންޖީނުގެއެއް ހިންގަ އެވެ. އަދި ފެނުގެ ހިދުމަތް ދޭން ހަތް ޕްލާންޓެއް ބަލަހައްޓަ އެވެ. މި ކުންފުނި އުފަންވީ 1997 ވަނަ އަހަރު އެވެ. ސްޓެލްކޯއިން ހިދުމަތްދޭ ކަސްޓަމަރުންގެ އަދަދު 80,973 އަށް އަރަ އެވެ.