މި މަޝްރޫއު ހިންގަނީ ނ. ގުފަރު ފަޅުުގައި އޮންނަ ދެ ރަށް ކަމަށްވާ ދެކެނަންފަރާއި ކުރަމާދޫ އެވެ. މި ފަޅުތައް އެ ކުންފުނިން ގަނެފައިވަނީ 22 މިލިއަން ޑޮލަރަށެވެ. މި ތަނުގައި އަޅަނީ މަހުޖަނުންނަށް މަތީ ފަންތީގެ ޓައުންހައުސް އެކެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މަހުޖަނުންނަށް ހާއްސަކޮށް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ހިންގަން އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފި އެވެ.
މި މަޝްރޫއު ހިންގަނީ ނ. އަތޮޅު ދިގުފަރު ފަޅުުގައި އޮންނަ ދެ ރަށް ކަމަށްވާ ދެކެނަންފަރާއި ކުރަމާދޫއެވެ. "މިރާ" އަށް އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ އަގު 700 މިލިއަން ޑޮލަރަށް އަރަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ތެރެއިން މައިގަނޑު ގޮތެއްގައި ތަރައްގީކުރާނީ މަތީފަންތީގެ ރިއަލްއެސްޓޭޓް ޕްރޮޕަޓީތަކެވެ. ހަމައެއާއެކު ދުނިޔޭގެ މަތީފެންވަރުގެ ސިއްހީ ހިދުމަތްތައް ވެސް ގާއިމްކުރާއިރު މި ޓައުންޝިޕަށް ބޭނުންކުރާ 60 ޕަސެންޓު ކަރަންޓަކީ އިއާދަކުރަނިވި ހަކަތައަށް ވާނެކަމަށް ބުނެފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ޒަމާނީ ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ވަސީލަތްތައް ގާއިމްކޮށް، މުއްސަނދިން އެ ތަނަށް އަންނާނެ ފަދަ މަތީ ފަންތީގެ ހައުސިންއާއި، ތައުލީމީ އަދި ސިއްހީ ޚިދުމަތްތައް ވެސް ގާއިމްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ފުރަތަމަ ހުއްދައާއެކު 180 ދުވަހުގެ ތެރޭ ފީސިބިލިޓީ އެސެސްމަންޓާއި، އިންފްރާސްޓްރަކްޗާ މާސްޓާޕްލޭނާއި، އިންޖިނިއަރިން އަދި ތިމާވެށީގެ ދިރާސާ އަދި ތަފްސީލީ ވިޔަފާރި ޕްލޭނެއް ވެސް ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން ރިއަލްއެސްޓޭޓާއި، ސިއްހީ ޚިދުމަތާއި، ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާނެ ގޮތާއި ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރާނެ ގޮތުގެ ޕްލޭން ވެސް ހުށަހަޅަން ޖެހެއެވެ.
މިއީ ކޮން ފަޅެއް ؟ - މިއީ މިދިޔަ ވެރިކަމުގައި މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ސަރަހައްދުގައި ދިިރި އުޅޭ މީހުނަށް ހަދާ އާ ސިޓީ ތަރައްގީ ކުރަން ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން ވިއްކާލި ނ. އަތޮޅުގެ ދެ ފަޅު ބައްލަވައިގަތީ އިނގިރޭސި ފުޓްބޯޅަ ކްލަބު ޗެލްސީގެ ކުރީގެ ވެރިޔާ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮމޮވިޗް އަށް ވިއްކާލި ފަޅެއް ކަމަށް އޭރު އަޑު ފެތުރުނު ފަޅެކެވެ.
ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހިންގާ ތަރައްގީ ކުރަން ނިންމާފައިވާ ގިރާވަރު ފަޅު ރެސިޑެންޝަލް ސިޓީ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން ވިއްކާލާފައި ވަނީ ނުވަތަ ސަރުކާރުން ކިޔާ ގޮތުންނަމަ ކުއްޔަށް ދީފައި ވަނީ ނ. ދިގުފަރު ފަޅާއި އެ ފަޅާއި ކައިރީގައި އޮންނަ ފެކެނަންފަރެވެ. މި ދެ ފަޅު ގަންނަން "ފޭސް" އެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ ޔަންކީ ރޮބަޓް ގައިނާޑާ ނަމަކަށް ކިޔާ ސުވިޒަލޭންޑުގެ ރައްޔިތެކެވެ. މި ދެ ފަޅު ވިއްކާލާފައި ވަނީ 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ފަޅު ގަންނަން ހަރަދު ކުރި 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އާއި ފަޅުގެ ލީސް އެކްސްޓެންޝަން ފީގެ ގޮތުގައި ދެއްކި ފަސް މިލިއަން ޑޮލަރެވެ. ފަޅުގެ މުއާމަލުގެ ކަރުދާހު މަސައްކަތްތައް އެއްކޮށް ނިމުމާއެކު ފައިސާ ދައްކަން ޖެހޭ ދެ މަސް ހަމަވުމުގެ މާ ކުރީގައި އެ ފައިސާ ވަނީ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެވެ.
މި މަޝްރޫ އަށް މަގު ފަހި ވެގެން ގޮސްފައިވާއިރު ސަރުކާރުން ވަނީ ފޮރިން އިންވެސްޓްމަންޓް ގާނޫނަށް ބަދަލު ގެނެސް ފަސޭހައިން އިންވެސްޓް ކުރެވޭނެ މަގު ފަހިކޮށްފަ އެވެ. މީގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު 500 މިލިއަން ޑޮލަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފަ އެވެ.
ބިޔަ މަޝްރޫއަކަށް ހުއްދަ ދިންއިރު އެސްއީޒެޑް ގާނޫނުގެ ދަށުން މާލެ އަތޮޅުގައި 100 މިލިއަން ޑޮލަރުގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގަން ވެސް ހުއްދަ ދީފައިވެ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެނގިފައިވެ އެވެ. މި މަޝްރޫއުގެ ދަށުން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ފްލޯޓިން ސޯލާ ޕެނަލް ހަރުކުރާނެ އެވެ. މާލެ ސަރަހައްދުގައި ހިންގާ އެ މަޝްރޫއުގެ ދަށުން ލީ އޯން ބެޓެރި ސިސްޓަމަކާއި އެނާޖީ މެނޭޖްމެންޓު ސިސްޓަމެއް ވެސް ގާއިމް ކުރާނެ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ހޮލެންޑް ކުންފުންޏަކާއެވެ.