ސްޓެލްކޯއާއެކު ގޮގޯރޯ | ދިވެހިންނަށް މި ގެނެސް ދިނީ ދުނިޔޭގެ ނަމްބަރުވަން

ގޮގޯރޯ ސައިކަލްއަކީ ބެޓެރި ސައިކަލްގެ ދުނިޔޭގެ ނަމްބަރު ވަން އެވެ. މި ސައިކަލްތައް 50 ގައުމުގައި ދުއްވަ އެވެ. ސްޓެލްކޯގެ މަގުސަދަކީ ގޮގޯރޯގެ ފުރިހަމަ ބެޓެރި ސިސްޓަމް ގާއިމްކޮށް މެނޭޖު ކުރުމެވެ. ވިޔަފާރި އަމިއްލަ މީހުންނަށް ދޫކޮށްލުމެވެ.

ސްޓެލްކޯއާއެކު ގޮގޯރޯއިން ރާއްޖެއަށް ތައާރަފު ކުރާ ބެޓެރި ޗާޖު ކުރާ ސިސްޓަމް މިރާއަށް ދައްކާލަނީ

ވެރިރަށް މާލެއަށް ވެހިކަލް ގިނަވެ މިދަނީ ދުން ބޯވަމުންނެވެ. މި އުޅަނދު ތަކުން އަރާ ދުމުން އުފެދޭ ގެދަބުޅީގެ މައްސަލަ ބޮޑުވަމުންނެވެ. އެކަމަކު މިކަމަށް ހައްލު ގެންނަން އުޅުނަސް އެކަމުގެ ކޮޅެއް މެދެއް ނުފެނެ އެވެ. ސަބަބަކީ މާލޭގައި ހައެއްހަ ހާސް ސައިކަލް ދުއްވިނަަމަވެސް ތެޔޮ ސައިކަލްނޫން ގޮތެއް ނެތުމެވެ. ގިނަ ޒުވާނުން ތިމާވެއްޓާރި ރަހުމަތްތެރި ދިރިއުޅުމަށް ބޭނުންވިޔަސް މިހާތަނަށް އެކަންވާނެ ދޮރެއް ފެންނާކަށް ނެތެވެ. އެކަމަކު ސްޓެލްކޯ އިން ތިމާވެއްޓަށް ލޯބިކުރާ މީހުންގެ މި ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމުގެ އެއް ފިޔަވަޅު އަޅަން ތައްޔާރުވެފަ އެވެ. މިހާރު ދުއްވާ "ތެޔޮ" ސައިކަލްތައް ތިމާވެއްޓާއި ރަހުމަތްތެރި ސައިކަލަކަށް ބަދަލުކޮށްލަން ފުރުސަތުދޭން މަސައްކަތް ފަށާފަ އެވެ. މިކަން ކުރަން އެ ކުންފުނިން ވަނީ ދުނިޔޭގައި މި ބާވަތުގެ އުފެއްދުން އުފައްދާ ގިނަ ބްރޭންޑުތަކުގެ އޮފީހަށް ގޮސް ދޮރުގައި ޓަކި ޖަހާ ބަލާފަ އެވެ. ސްޓެލްކޯގެ ފަންނީ ބޭފުޅުން ވަނީ މީގެ ރަނގަޅު އުފެއްދުމެއް ފެނޭތޯ އެންމެ ކައިރިން ލަންކާ އާއި އިންޑިއާގެ ބްރޭންޑްތައް ވެސް ބެލި އެވެ. ދުރުން ޗައިނާގެ އުފެއްދުންތައް ވެސް ބެލި އެވެ. އެކަމަކު އެ ކުންފުނީގެ ބޭފުޅުންނަށް އެންމެ ކަމުދާ އުފެއްދުމަކަށްވީ އިލެކްޓްރިކް ސައިކަލް ނުވަތަ ބެޓެރި ސައިކަލްގެ ދުނިޔޭގެ ނަމްބަރު ވަން ޓައިވާންގެ ގޮގޯރޯ ކުންފުނީގެ މި ސްމާޓް އުފެއްދުމެވެ.

ސްޓެލްކޯގައި 30 އަހަރު ހިދުމަތް ކުރެއްވި މިހާރުގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި ރައީސްގެ ޑރ. މުއިއްޒުގެ ތިމާވެއްޓާއި ހަކަތައިގެ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ މި ވާހަކަ ކެބިނެޓްގައި ދެކެވުނު ހިސާބުން ފެށިގެން އެ ކުންފުނިން މި މަސައްކަތް ފެށި އެވެ. 

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ގޮގޯރޯ ސައިކަލްއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ

ސްޓެލްކޯ އާއި ތައިވާންގެ ގޮގޯރޯއާ ދެމެދު ގުޅުމެއް އުފެދުނީ މި ހިސާބުންނެވެ. ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ސްމާޓް ސައިކަލް ޗާޖު ކުރާ "އެނާޖީ މެނޭޖުމަންޓް ސިސްޓަމް" ހިމެނޭ ގޮގޯރޯގެ މި އުފެއްދުން ސްޓެލްކޯ އިން ރާއްޖެ ގެނެސްފައިވަނީ ސީދާ އެ ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

"މިއީ ތިންވަނަ ފަރާތަކާއެކު އުފެއްދި ގުޅުމެއް ނޫން. މިއީ ސީދާ އެ ބޭފުޅުން [ގޮގޯރޯ] އެކު އުފެއްދި ގުޅުމެއް. މި ކުންފުންޏަކީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓެޑް ކުންފުންޏެއް. އެހެންވެ ދުނިޔޭގައި ކަންކަން ކުރާގޮތަށް ޕްރޮފެޝަނަލްކޮށް މި އުފެއްދުން މި ހޯދީ،" އެމްޑީ ފަހުމީ ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވި ގޮތުގައި ގޮގޯރޯ ކުންފުނިން ސްޓެލްކޯގެ ޕްރޮޕޯސަލް ގަބޫލުކޮށް އެހާ އަވަހަށް އެއްބަސްވި ސަބަބަކީ ސްޓެލްކޯއަކީ އެނާޖީ ސެކްޓާގެ ސަރުކާރުގެ އެސްއޯއީއަކަށްވުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެނާޖީ ސެކްޓާގެ ކުންފުންޏެއް. އަނެއްކާ އެސްއީއޯ [ސަރުކާރު ކުންފުންޏެއް] އެހެންވެ އަޅުގަނޑުމެންނާ މެދު ޔަގީންކަން ލިބުނީ ކަމަށް ގަބޫލު ކުރެވެނީ،" ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން ތައާރަފުކުރި ގޮގޯރޯ އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ތަޖުރިބާކޮށްލަނީ

ދެން އޮތީ މި އުފެއްދުމުގެ ވާހަކަ އެކެވެ ؛ ރާއްޖެ އަށް ބެޓެރި ސައިކަލް އަލެއް ނޫނެވެ. އެންމެ ގާތުން ވިލިނގިއްޔަށް ބެލިޔަސް އެނޫން އެއްޗެއް ނެތެވެ. އެހެންވީއިރު ގޮގޯރޯ ސްކޫޓަރުގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ ހިތުގައި އިއްޔެ މެންދުރާ ހަމައަށް އެ ސުވާލު އޮތެވެ.

ސްޓެލްކޯ އިން ވަނީ ގޮގޯރޯގެ މި ސައިކަލް އާއި ބެޓެރި މެނޭޖުމަންޓް ސިސްޓަމް މިރާ ނޫހަށް ދައްކާލާފަ އެވެ. މިއީ މި އުފެއްދުން މީޑިއާގެ ކުރީމަތީގައި "އަން ބޮކްސް" ކުރި ފުރަތަމަ ފަހަރެވެ. ތަޖުރިބާކޮށްލަން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ސްޓެލްކޯ އިން ގޮގޯރޯގެ ހަތަރު މޮޑެލްއެއްގެ ސައިކަލް ރާއްޖެ އަށް ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި އަންހެން ބޭފުޅުންނަށް ހާއްސަ ސައިކަލްގެ މޮޑެލްތަކާއި ފިރިހެން ބޭފުޅުނަށް ހާއްސަ ފިސާރި ފިރިހެން ވަންތަ ސައިކަލެއް ވެސް ހިމެނެ އެވެ. ސްޓެލްކޯ އިން ދައްކާލި ގޮގޯރޯ ޕަލްސްގެ ނަމުން ނަން ދީފައިވާ ސައިކަލްއަކި މީގެ އެއް އުފެއްދުމެވެ. މިއީ ފިރިހެނުންނަށް ހާއްސަ ސައިކަލްގެ މޮޑެލް އެކެވެ. ބޭރުގެ ޑިޒައިނާއި އެތެރެ ވެސް ހުންނަނީ ގިނަ ޒުވާނުންނަށް ކަމުދާނެ ގޮތަކަށެވެ. މީގެ ޑިޒައިނަަށް އެކަނި ބެލިޔަސް ހިތް ދަމައި ގަނެ އެވެ. 

މި ހުރިހާ އުފެއްދުންތަކީ އެންމެ އެޑްވާންސް ޓެކްނޮލޮޖީ ހިމެނޭ އުފެއްދުންތަކެވެ. ކޮންމެ ސައިކަލްއަކީ ވެސް ސްވޮޕް ކުރެވޭ ބެޓެރީ ސިސްޓަމްގެ ހުރި އެއްޗިއްސެވެ. މާނައަކީ ފަސޭހައިން ބެޓެރި ނައްޓައި ސިކުންތު ކޮޅެއްގެ ތެރޭގައި ބެޓެރި ބަދަލުކޮށްލެވޭ ނިޒާމު މި ސައިކަލްތަކުގައި ހިމަނާފައިވުމެވެ. މީގެ އިތުރުން ޑިޖިޓަލް އިންސްޓްރޫމެންޓްތައް ފުރިހަމައަށް ހަރުކޮށްފައިވެ އެވެ. މިގޮތުން ކޮންސޯލަކާއި ކަނެކްޓިވިޓީ އާއި ކޯލް އަދި މެސެޖިން ފަދަ ފީޗާސްތައް މީގައި ހިމަނާފައިވެ އެވެ. މި ސައިކަލް ތަކަކީ ގޫގުޕް މެޕުން ޓްރެކްކޮށް ސެކިއުރިޓީ ފުރަތަމަ ފީޗާތައް ހުރި އެއްޗިއްސެވެ. މި ސައިކަލްތަކުގެ މަޑިދަށް ފަރުމާކޮށްފައިވަނީ ހެލްމެޓް ވެސް ލެވޭނެ ޖާގަ އޮންނާނެ ގޮތަކަށެވެ.

އެމްޑީ ފަހުމީ ވިދާޅުވި ގޮތުގައި މާލޭގެ އެކި ހިސާބުތަކުގައި މީގެ ސައިކަލްތަކެއް ބެހެއްޓުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅެ އެވެ. 

"އޭރުން ކޮންމެ ބޭފުޅަކުވެސް ސައިކަލް ދުއްވާލާފަ ގޮސް އެ ބަހައްޓަންވީ. ދެން އަންނަ ބޭފުޅާ ވެސް އެޕުން އޮން ކޮށްލައިގެން ދާނީ. އެކަހަލަ ނިޒާމެއް ގެނައުމުގެ ވިސްނުން އެބަހުރި،" ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން ތައާރަފުކުރި ގޮގޯރޯ އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ދައްކާލަނީ

ގޮގޯރޯ ސްމާޓް ސައިކަލްތަކުގެ ބައެއް ފީޗާތައް

  •  މޮބައިލް އެޕުން ސައިކަލް ކޮންޓްރޯލް ކުރެވޭނެ
  •  ސްމާޓް ތަޅުދަނޑިއެއް ހިމެނޭ
  •  އައިފޯން ފަދަ ފޯނުތަކުން ސައިކަލް ހުޅުވާ ތަޅުލެވޭ
  •  ސައިކަލްގައި ފޯނު ޗާޖު ކުރެވޭނެ ފީޗާ
  •  ސައިކަލްގައި ހުންނަ ޑިސްޕްލޭ ސްކްރީނުން ގޫގުލް މެޕް
  •  ދުއްވާއިރު އަޑެއް ނީވެ، އެކަމަކު ބޭނުންނަމަ ސައިކަލްގެ އަޑު ޖައްސާލެވޭ
  •  ސައިކަލްގެ ބެޓެރި އާއި ސައިކަލް ގޫގުލް މެޕުން ޓްރެކް ކުރެވޭ

ހާއްސަ ކަމަކީ ވަރުގަދަ ބެޓެރި ނިޒާމު

ސްޓެލްކޯއިން ތައާރަފުކުރި ގޮގޯރޯ އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ތަޖުރިބާކޮށްލަނީ

ގޮގޯރޯ ސައިކަލްގެ އެންމެ އިމްޕްރެސިވް އެކެއްޗަކީ މީގެ ބެޓެރި އެވެ. މިއީ މި ސައިކަލްގެ ހިތެވެ. ކޮންމެ ސައިކަލެއްގައި މީގެ ދެ ބެޓެރި ހުރެ އެވެ. މިއީ ސިކުންތު ކޮޅެއްގެ ތެރޭގައި ބަދަލުކޮށްލެވޭ ބެޓެރި އެވެ. މި ބެޓެރި ބަދަލުކޮށްލަން ހަމައެކަނި ކުރަން ޖެހޭހާ ވެސް ކަމަކީ ބެޓެރި ނަގާ ސައިކަލްގެ މަޑިށުގައި އިންނަ ބެޓެރި ކޮމްޕާޓްމަންޓަށް ލުމެއެވެ. އިތުރު ނަރެއް ގުޅާކަށް ނުޖެހެ އެވެ. ފޯނުގައި އިންނަ އެޕުން ބެޓެރީގައި ޗާޖު ހުންނަ މިންވަރާއި ސްޓޭޝަންތަކުގައި ހުރި ބެޓެރިތަކުގައި ޗާޖު ހުރި މިންވަރު ވެސް އެނގެން ހުންނާނެ އެވެ. މީގެ ބެޓެރި އަކުން ހުއްޓިމެއް ނެތި މާލެ އާއި ހުޅުމާލެއާ ދެމެދު 24 އަށްވުރެ ގިނަ ބުރު ފަސޭހަކަމާއެކު ބެޓެރި ބަދަލުނުކޮށް ޖަހާލެވެ އެވެ. 

ސްޓެލްކޯ ހުޅުވާނީ ދޮރެއް، ވިޔަފާރި ކުރުން އަމިއްލަ މީހުންނަށް

ސްޓެލްކޯއިން ތައާރަފުކުރި ތައިވާންގެ ގޮގޯރޯ ސައިކަލެއް

ސްޓެލްކޯ އިން ބެޓެރި ސައިކަލް ތައާރަފުކޮށް ގުދަނުގައި ހުރިތަން މިހާރު ފެނުނަސް މިއީ އެ ކުންފުނިން އަބަދު މި ސައިކަލް ވިއްކަން ކުރިކަމެއް ނޫން ކަމަށް އެމްޑީ ފަހުމީ ވިދާޅުވި އެވެ. އެ ކުންފުނީގެ މަގުސަދަކީ ސަރުކާރު ކުންފުންޏަކުން މިކަން ކުރެވޭނެ މަގު އަމިއްލަ ވިޔަފާރިތަކަށް ތަނަވަސްކޮށްދީ މީގެ އެންމެ އުނދަގޫ މަރުހަލާ ހުރަސްކޮށް މުޅި ވިޔަފާރި އަމިއްލަ މީހުންގެ އަތްމައްޗަށް ދޫކޮށްލުމެވެ.

ފަހުމީ ވިދާޅުވި ގޮތުގައި އެ ކުންފުނިން ކުރާނެ ކަމަކީ ބެޓެރި މެނޭޖުމަންޓް ސިސްޓަމް ސިސްޓަމް ބެލެހެއްޓުމެވެ. މިއީ ސްޓެލްކޯ ސްޕެޝަލައިޒް ދާއިރާ އެވެ. އެ ކުންފުނިން މާލޭގެ އެކި ސަރަހައްދުތަކުގައި ބެޓެރި މެނޭޖުމަންޓް ސްޓޭޝަންތަކެއް ގާއިމް ކުރާނެ އެވެ.

"މިއީ އިރުގެ ހަކަތަ އިން ބެޓެރި ޗާޖުވާ ސިސްޓަމެއް. އެހެންވެ މިއަށް އިތުރު ކަރަންޓެއް ވެސް ބޭނުމެއް ނުވާނެ. އަޅުގަނޑުމެން ބެޓެރި ޗާޖު ސިސްޓަމް ބަހައްޓާނަން މާލޭގައި މީހުން ގިނަ ސަރަހައްދުތަކުގަ. އަޅުގަނޑުމެން މި ސިސްޓަމް ބަލަހައްޓާނީ. މި ބެޓެރި ތަކަކީ ގިނަ ސްކޫޓަރު ބްރޭންޑްތަކުން ބޭނުން ކުރެވޭ އެއްޗެއް [ޔަމަހާ، ސުޒުކީ، އަދި މި ނޫންވެސް ރާއްޖޭގައި ގެންގުޅޭ ބެޓެރި ސައިކަލް] ތަނުގައި އެޅުވޭނެ. އެހެންވެ އަމިއްލަ ފަރާތްތަކަށް ސައިކަލް ގެނެސް ވިއްކޭނެ. މިއީ ހަގީގަތުގަ މި ކުރާ ކަމަކީ،" ފަހުމީ ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވި ގޮތުގައި މި ސައިކަލް މަރާމަތު ކުރުމާއި މި ނޫން ވެސް ކަންކަން ކުރަން ދޫކޮށްލަން ގަސްތުކޮށްފައި ވަނީ އަމިއްލަ ފަރާތްތަކުގެ އަތް މައްޗަށެވެ. އަދި މި ބެޓެރި އަޅުވައިގެން ދުއްވުމުން ސައިކަލް ދުއްވޭނެ  ނިޒާމެއް ވެސް އެ ކުންފުނިން ގާއިމް ކުރާނެ އެވެ. 

"މި ސިސްޓަމުން ބިލް ކުރެވޭނެ ތެލަށްވުރެ 20 ޕަސެންޓް އަގު ހެޔޮކޮށް. ބެޓެރި އަޅުވާ ކޮންމެހެން ވަގުތަކު ވަގުތުން ފައިސާ ދޭކަށް ނުޖެހޭނެ. މަސް ނިމުމުން ބިލް ދައްކާލީމަ ނިމުނީ. ފަސޭހަ ނިޒާމެއް ހަދާނީ،" ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ވިސްނުން ހުރީ ވިޔަފާރި ކުރާކަށެއް ނޫނެވެ. އެ ކުންފުނިން މިކަން ކުރި ސަބަބަކީ މި ކަމަށް މަގު ކޮށައި ދިނުމެވެ.ސަރުކާރު ކުންފުންޏެއް މި ނިޒާމު ގާއިމްކޮށްގެން ނޫނީ މިކަން ފުރިހަމަ ނުވާނެކަން އެ ކުންފުންޏަށް ޔަގީންވާތީ އެވެ. މަގުސަދަކީ ނިޒާމުތައް ގާއިމްކޮށް އަމިއްލަ ވިޔަފާރިތަކަށް ދޮރު ހުޅުވާލުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.