އޭގެ އިތުރުން، މިމީހުންގެ މިލްކިއްޔާތުގައި ހުރި 4 ސައިކަލާއި، 5 ކާރާއި، 2 ޕިކަޕާއި، ކަނޑު އުޅަނދެއްގެ އިތުރުން 29 ސަންކޮނުއާ ގުރަ އަދި 9 ރިންގްނެކް ގުރާ ދައުލަތަށް ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ފުވައްމުލަކު ސިޓީ އިން ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ނެޓްވޯކްގެ ދެ ބޮޑުން ކަމަށްވާ އެރަށު ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމާއި އެރަށު ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފި އެވެ.
ޕީޖީ އޮފީހުން މިއަދު މި ދެމީހުންނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ދެ ދައުވާ އަކާއި އެމީހުންގެ އަތުން މުދަލާއި ފައިސާ ނެގުމަށެވެ. އެމީހުންގެ މައްޗަށް އުފުލާފައި ވަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުރުގެ ދައުވާ އެވެ.
ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، ފުވައްމުލަކު ގަސްދޮށުގެ ފުލުހުން ބަލައިފާސްކުރިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ދިރާސާކުރިއިރު އެކިއެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ، ގަނޑުކޮށް، ނިއުޝާދާއި އާޒިމްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ފާހަގަވެފައިވާތީ ކަމަށެވެ.
އެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ފާހަގަވުމުން، އެކަން އިތުރަށް ތަހުގީގުކޮށް ބެލިއިރު، އާޒިމް އިސްވެހުރެ، ނިއުޝާދާއެކު މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެ ތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވާކަން ހާމަވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަދި އެކި ޑީލަރުންނަށް މުސާރަދީގެން، ވަކި ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދައި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓަމުން ދިޔަ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އާޒިމް އަދި މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ޖުލައި 1، 2019 އިން ފެށިގެން އޮގަސްޓު 1، 2024 އާ ދެމެދު މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން މި ދެމީހުންގެ އެކައުންޓުތަކަށް މިލިއަނުން ޖަމާކުރި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށެވެ.
އެގޮތުން އާޒިމްގެ އެކައުންޓަށް 5.9 މިލިއަން ރުފިޔާ އަދި ނިއުޝާދުގެ އެކައުންޓަށް 21.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އެމީހުން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އާއި މުދާ ނަގައިދިނުމަށް މި މައްސަލައިގައި ވަނީ އެދިފަ އެވެ. އެގޮތުން 1.1 މިލިއަން ރުފިޔާ ނަގައިދިނުމަށް ވަނީ އެދިފަ އެވެ. އެ ފައިސާ އަކީ ދައުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކޮށް، ބަހައްޓާފައިވާ ފައިސާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން، މިމީހުންގެ މިލްކިއްޔާތުގައި ހުރި 4 ސައިކަލާއި، 5 ކާރާއި، 2 ޕިކަޕާއި، ކަނޑު އުޅަނދެއްގެ އިތުރުން 29 ސަންކޮނުއާ ގުރަ އަދި 9 ރިންގްނެކް ގުރާ ދައުލަތަށް ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުންވަނީ 21 މީހެއްގެ އެކައުންޓު ހިފަހައްޓާފަ އެވެ. އަދި ދެ ކުންފުންޏެއްގެ އެކައުންޓުތައްވެސް ފުލުހުން ހިފަހައްޓާފައިވެ އެވެ. އެ ފަރާތްތަކާމެދު ކުރެވެނީ މަނީލޯންޑަރިންގެ ތުހުމަތުކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި 4،048 އަށް ހޮޓްސްޕޮޓު ބަލައި، 1،147 މީހަކާ ސުވާލުކުރި އެވެ. އަދި ޖުމްލަ 58 މީހަކު ހައްޔަރުކުރި އެވެ. އެމީހުންގެ މައްޗަށް ތުހުމަތުވާ 75 މައްސަލައެއް ތަހުގީގުކޮށް އެިން 65 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފަައިވާކަމަށް ފުލުހުން ބުންޏެވެ.