މަންދީ އާ ދެކޮޅަށް ފަސްޓް ލޭޑީގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފި

މަންދީ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، އޭނާ އާ ދެކޮޅަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ދައުވާ ހުށަހަޅައިފި އެވެ.

މެޑަމް ސާޖިދާ މުހައްމަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅުންގެ ފުރާނައަށް ގެއްލުންވެ، ކަރާމަތަށް އުނިކަން އަންނަ ގޮތަށް އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، އޭނާ އާ ދެކޮޅަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ދައުވާ ހުށަހަޅައިފި އެވެ.

ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ވާހަކަ ދެއްކީ އެ ޕާޓީގެ އިސް އެކްޓިވިސްޓެއް މަންދީ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރުމާއި ރައީސްގެ ދަރިކަލަކާ ގުޅުވައި ވާހަކަ ދައްކާފަ އެވެ. އަދި އޭގެފަހުން، ރައީސްގެ ބޭފުޅުންނަށް ވަނީ އެކިއެކި އިންޒާރުތަކާއި ފުރައްސާރަ ސޯޝަލް މީޑިޔާގައި އަމާޒުވެފަ އެވެ.

ރައީސްގެ އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކޮށް، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

އެ ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އެހެންކަމުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ އުމައިރުގެ މަންމަ، އަދި ފަސްޓްލޭޑީ ސާޖިދާގެ ފަރާތްޕުޅުން ވަނީ މަންދީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ކަމަށް އާޒިމާ ވިދާޅުވި އެވެ.

ރައީސްގެ އާއިލާގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާޒިމާ ވަނީ މަންދީގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ވެސް ދައުވާކުރަން ނިންމާފައިވާ ކަން ހާމަކުރައްވައިފަ އެވެ.

ފައްޔާޒަށް ދައުވާކުރަނީ މަންދީ ވާހަކަތަކަށް ހިތްވަރުދީ ޓްވީޓްކުރައްވާފައި ވާތީ ކަމަށާއި އެމްޑީޕީއަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އެ މައްސަލަ ވަކީލުން އަދިވެސް ދިރާސާ ކުރަމުންދާތީ، އިތުރު ބައެއްގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.