އެތެރޭގެ ބާޒާރުގައި އެންމެފަހުން ވިއްކި ޓީބިލްގައި 17 ފަރާތަކުން ވަނީ އިންވެސްޓްކޮށްފަ އެވެ. އެތެރޭގައ ވިއްކާ ޓީބިލްއަށް ބޮޑު ޝައުގުވެރިކަމެއް އޮވެ އެވެ.
ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އެތެރޭގެ ބާޒާރުން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން، އިތުރު ހަތަރު ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ސިލްސިލާކޮށް ހިންގާ ޓީބިލް ވިއްކުމުގެ ހަރަކާތުގެ ދަށުން ކޮންމެ ހަފުލާއަކުވެސް ޓީބިލް ވިއްކަ އެވެ. މި ފަހަރު ވިއްކަން ހުޅުވާލަނީ 4.5 ބިލިއަން ރުފިޔާގެ ޓީބިލް އެވެ. މިފަހަރު ޓީބިލްގެ ސޭލްސް ތާރީހަކީ އަންނަ މަހުގެ ހަވަނަ ދުވަހެވެ. އަދި ސެޓެލްމަންޓް ތާރީހަކީ ހަތް ވަނަ ދުވަހެވެ.
މި ފަހަރު ވިއްކަން ހުޅުވާލި ޓީބިލްގެ ތެރޭގައި ހިމެނެނި 28 ދުވަހުން ދައްކަން 3.50 ޕަސެންޓުގެ ފައިދާއެއްގައި އަނބުރާ ދައްކަން ޖެހޭ ގޮތަށް ވިއްކާ 700 މިލިއަން ރުފިޔާގެ ޓީބިލްއަކާއި 98 ދުވަހުން ދައްކަން 3.87 ޕަސެންޓުގެ 900 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 182 ދުވަހުން ދައްކަން ޖެހޭ ގޮތަށް ވިއްކާ އެއް ބިލިއަން ރުފިޔާގެ ޓީބިލް އެކެވެ. މި ޓީބިލްގެ އިންޓްރެސްޓް ރޭޓަކީ 4.23 ޕަސެންޓެވެ. އަދި އެންމެ އަދަދު ބޮޑު ޓީބިލްއަކީ 364 ދުވަހުން ދައްކާ 4.60 ޕަސެންޓުގައި ވިއްކާ 1.8 ބިލިއަން ރުފިޔާގެ ޓީބިލް އެކެވެ.
ޓީބިލްއަކީ ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދަން އެތެރޭގެ މާކެޓަށް ވިއްކާ ދަރަނީގެ ވަސީލަތެކެވެ. މިއީ ގަވަމަންޓް ސެކިއުރިޓީޒްގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާއިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު ނުވަތަ މޫނުމަތީ އަގު އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ. ރާއްޖޭގައި ވިއްކާ ޓީބިލް ގަންނަނީ ވިޔަފާރި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އަމިއްލަ ފަރުދުންނެވެ. ސަރުކާރުން ހަތަރު މުއްދަތަކުން ހަމަވާ ޓީބިލް ވިއްކާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 28 ދުވަހުން ދައްކަން ޖެހޭ ޓީބިލް އާއި 98 ދުވަހުން ދައްކާ ޓީބިލް އަދި 182 ދުވަހުން ދައްކާ ޓީބިލްގެ އިތުރުން 364 ދުވަހުން ދައްކަން ޖެހޭ ޓީބިލް އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ޓީބިލް ވިއްކަން ހުޅުވާލީ ނިމިދިޔަ ހަފުތާގަ އެވެ. އެ ހަފުތާގައި ބީލަށް ކުރި އިއުލާނާ ގުޅިގެން 17 ފަރާތަކުން ވަނީ ސަރުކާރުން ޓީބިލްގައި އިންވެސްޓްކޮށްފަ އެވެ. އެފަހަރު ވިއްކީ 2،1 ބިލިއަން ރުފިޔާ ހޯދުމަށެވެ. ވިއްކާ ޓީބިލް ގިނައިން ގަންނަނީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކްތަކުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޓީބިލާއި ޓްރެޒަރީ ބޮންޑުގެ އައުޓްސްޓޭޑިން 91,6 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 139 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.