ޣައްޒާއަށް އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުވަން ދުނިޔެއަށް ގޮވާލައިފި

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދޭން ފަށާފައިވާ ލާއިންސާނީ ހަމަލާތައް ހުއްޓުވަން މުޅި ދުނިޔެ ތެދުވުމަށް ރާއްޖޭން ގޮވާލައިފި އެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދޭން ފަށާފައިވާ ލާއިންސާނީ ހަމަލާތައް ހުއްޓުވަން މުޅި ދުނިޔެ ތެދުވުމަށް ރާއްޖޭން ގޮވާލައިފި އެވެ.

ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު މިދިޔަ ޖެނުއަރީ މަހު އަމަލުކުރަން ފެށި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ބޮލާލައި ޖަހާފައި، އިޒްރޭލުގެ އަސްކަރިއްޔާއިން ދަނީ ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.

އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 400 އަށް ވުރެ މަތިވެފައިވާއިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފަ އެވެ.

އިޒްރޭލުގެ ލާއިންސާނީ އުދުވާނުތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ، އިޒްރޭލުގެ މި ހަމަލާތަކަކީ ސުލްހައިގެ އެއްބަސްވުމުގެ އިތުރުން އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފަށް ހިންގަމުންދާ އަމަލުތަކެއް ކަމަށެވެ. 

"އިޒްރޭލުން ކުރިއަށް ގެންދާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ދިވެހިރާއްޖެ އިން ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، މި މައްސަލަ އަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމަށެވެ. 

އެއްބަސްވުން ބޮލާލައި ޖަހާފައި އިޒްރޭލުން ޣައްޒާއަށް އަނެއްކާވެސް ހަމަލާތައް ދޭން ފެށީ، ހަމާސްގެ ބެލުމުގައި ދަށުގައި ތިބި އަސީރުން މިނިވަންކުރަން މަޖުބޫރުކުރުވުމަށެވެ. 

އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިނިވަންކުރަން އެއްބަސްވި އަސީރުން ހަމާސްއިން ވަނީ މިނިވަންކޮށްފަ އެވެ. ނަމަވެސް، ހަނގުރާމަ ދާއިމީކޮށް ހުއްޓާލައި، ޣައްޒާގެ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުން ވެސް ދެވަނަ ފިޔަވަހީގައި ހިމެނޭތީ، އެ ފިޔަވަހީގެ މަޝްވަރާތައް ކުރަން ވެސް އިޒްރޭލުން ވަނީ ދެކޮޅު ހަދައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.