ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި ވީއައިއޭ އާޓާމިނަލްގެ ހިދުމަތް އޮކްޓޫބަރު މަހު ދޭން ފަށާނެ އެވެ.
މި އަހަރު ހުޅުވަން ތައްޔާރުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވައިލައްވައިފި އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ޓާމިނަލްގެ މަސައްކަތް ކުރާ ސައުދީ ބިންލާދިން ގްރޫޕުގެ އިސްވެރިން ވަނީ އައު ޓާމިނަލުގައި ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޤާއިމުކުރާ އެކިއެކި ގިމަތަތަކާއި އެތަނުގެ ވަސީލަތާއި ހިދުމަތްތަކާބެހޭ އިތުރު މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް ދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވީއައިއޭގެ އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
މި ޓާމިނަލަކީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓާމިނަލެކެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި ވީއައިއޭ އާޓާމިނަލްގެ ހިދުމަތް އޮކްޓޫބަރު މަހު ދޭން ފަށާނެ އެވެ. މި ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރީތިކަން ފެންނަ ގޮތަކަށެވެ.
އާ ޓާމިނަލްގެ ބައެއް ހިދުމަތްތައް - މި ޓާމިނަލް ތަރައްގީ ކޮށްފައިވަނީ 72،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގަ އެވެ. ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކް އަދި ޒަމާނީ ބެޖޭޖު ހޭންޑްލިން ނިޒާމަކާއި އެޑްވާންސް ސެކިއުރިޓީ ޗެކިން ނިޒާމެއް ހުންނާނެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭރުން ގިނަ ލޯނުތަކެއް ނަގައިގެން ފެށި މި މަޝްރޫއަކީ ރާއްޖޭގައި ހިނގާ އެންމެ ބިޔަ އެއް މަޝްރޫ އެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މި މަޝްރޫއުގެ ދަށުން ހެދި ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ކޯޑް އެފް ރަންވޭ މިހާރު ވަނީ ހިދުމަތަށް ދޫކޮށްލާފަ އެވެ. އެ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން މިހާރު ވީއައިއޭގައި ރައްކާކުރެވޭ ތެލުގެ ތިން ގުނަ އިތުރަށް ތެޔޮ ރައްކާކުރެވޭ ފިއުލް ފާމެއް ވެސް ވަނީ ހަދައި ނިމުމުގެ މަގުމަތީގަ އެވެ. މި ފިއުލްފާމް ނިމުމުން މިހާރު ލޮރީ ގެންގޮސްގެން ބޯޓަށް ތެޔޮ އެޅުން ނިމިގެން ދާނެ އެވެ. މީގެ އިތުރުން މިހާރު ހުޅުވާ އާ ކާގޯ ޓާމިނަލްއާއެކު އިމްޕޯޓަށް / އެކްސްޕޯޓް އިތުރަށް ފަސޭހަ ވެގެން ދާނެ އެވެ.