ސްޓެލްކޯއިން މި ބެޓެރި ސިސްޓަމްތައް ބެހެއްޓުމާއެކު ބެޓެރި ސައިކަލް އެތެރެކޮށް ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ދިވެހި އެތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެ އެވެ.
މާލޭގައި ބެޓެރި ސައިކަލް މިހާރުވެސް އެބަހުއްޓެވެ. އެކަމަކު ނެތީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ ގޮތަށް އެ ޗާޖު ކުރެވޭނެ ނިޒާމެކެވެ. ސްޓެލްކޯއިން މި ހުޅުވާލަނީ ތިމާޥެއްޓާއި ރަހުމަތްތެރި ދަތުރެއްގެ އިންތިޒާރުގައި ހުއްޓިގެން ތިބި އެތައް ބަޔަކަށް އާ ސަފުހާއެކެވެ. މި ސްޓޭޝަންތަކުގައި އީ ބެޓެރި ހުންނާނެ އެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ޗާޖުކުރި ބެޓެރި އަޅުވާލައިގެން ދަތުރަށް ފަށަންވީ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި މާތްﷲ ގެ ވާގިފުޅާއެކު، ދިވެހިންނަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް އެހީތެރިވެދިނުމަށް އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެ އަށް ތައާރަފްކޮށް އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް މިހާރު ވަނީ ގާއިމް ކުރެވިފަ އެވެ.
އެމްޑީ ވިދާޅުވި ގޮތުގައި މި ނިޒާމު ގާއިމް ކުރުމުގެ ގޮތުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފްކޮށް އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުންނެވެ.
"މި ބެޓްރީ ސިސްޓަމްތަކާއި ކާރު ޗާޖްކުރުމަށް ޤާއިމް ކުރެވިފައިވާ އީވީ ޗާޖިން ސްޓޭޝަނާއެކު އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ ފަރާތްތަކުން އެ ފަދަ އުޅަނދު ގެންގުޅުމަށް ދެކެމުންއައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" ފަހުމީ ވިދާޅުވި އެވެ.
އެކި ސަރަހައްދުތަކުގައި ސިސްޓަމް ގާއިމްކުރާނެ - ގޮގޯރޯ ބްރޭންޑްގެ މި ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ސްޓެލްކޯއިން ގާއިމްކުރާނެ އެވެ. މީގެ ސަބަބުން މީގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ އެވެ.
އެމްޑީ ފަހުމީ ވިދާޅުވީ މީގެ އިތުރުން މިފަދަ ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުންނާއި އެފަދަ ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެގެނެސް އެ ޓެސްޓް ކުރުމުގެ ފުރުސަތު ފަހި ކުރުމަށް އިންތިޒާމް ތަކެއް ހަމަޖެއްސުމަށް މަސައްކަތް ދަނީ ކުރަމުންނެވެ.
"މީގެ އިތުރުން، އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި އީވީ ޗާޖިން ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާއި ރައްޓެހި ނިޒާމުތަކުގެ ތެރެއިން ކަމަށްވާތީ، މިއީ ސަރުކާރުން އަމާޒުހިފާފައިވާ %33 ށް ވާސިލްވުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާނެ އިތުރު ފިޔަވަޅެއް ކަމުގައި ދެކެން. މިފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދު ވެސް މަރުހަބާ ކިޔާނެ ބައެއް. މީގެ ސަބަބުން މާލެތެރޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި މި މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންގެ ސިއްޙަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ޤަބޫލުކުރަން،" ފަހުމީ ވިދާޅުވި އެވެ.