ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަނުކުރަން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަނުކުރަން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު، ދެ ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު މުއްދަތު ހަމަވި އިރު ކުރިމަތި ލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
ދެވަނަ ފަހަރަށް އިއުލާނު ކުރުމުން، ފަނޑިޔާރު ޝަހީދުގެ އިތުރުން ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމް ވަނީ ކުރިމަތިލައްވާފަ އެވެ.
އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ބެންޗަށް ޝަހީދު އައްޔަނުކުރަން ރައީސަށް ޖޭއެސްސީން ވަނީ ލަފާދީފަ އެވެ.
ޖޭއެސްސީން ދީފައިވާ ލަފާއާ އެއްގޮތަށް، ސުޕްރީމް ކޯޓުގެ ބެންޗަށް ޝަހީދު އައްޔަނުކުރަން މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ފޮނުއްވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިފާ ދެއްވުމުންނެވެ.
ސުއޫދު އިސްތިއުފާ ދެއްވާފައިވަނީ، އޭނާ އާ ގުޅޭ މައްސަލައެއް އޭސީސީން ބަލަމުންދާތީ، ޖޭސްއެސްސީން ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފައިވަނިކޮށެވެ.
ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. އިސް ފަނޑިޔާރު ކަމަށް އައްޔަނު ކުރީ އޮކްޓޯބަރު 30، 2023 ގައެވެ. އޭގެ ކުރިން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަން ވެސް ކުރައްވާފައިވެ އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗެލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.