ސުޕްރީމް ކޯޓުގެ ބެންޗު މަދުކުރާ ބިލު ތަސްދީގު ނުކުރެއްވުމުން އަލުން ދިރާސާކުރަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވައިލެއްވި ބިލު، އަލުން ދިރާސާކުރަން މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުގެ ޖަލްސާއެއް. --ފޮޓޯ: މަޖިލީހުގެ އިދާރާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވައިލެއްވި ބިލު، އަލުން ދިރާސާކުރަން މަޖިލީހުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރަން ހުށަހަޅުއްވާފައިވަނީ، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވިޔަސް، އޭނާ އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ ގޮތުންނެވެ.

ނަމަވެސް، އެ ބިލު ޕީއެންސީގެ މެމްބަރުންގެ ތާއީދާ އެކު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ.

އެ ބިލު ފާސްކުރިތާ ގާތްގަނޑަކަށް ދެ ހަފްތާ ފަހުން، އެ ބިލު ތަސްދީގު ނުކުރައްވައި، އެ ބިލާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވި އެވެ. 

ރައީސް އެގޮތަށް ނިންމެވީ، ބަންޑާރަނައިބު ދެއްވި ގާނޫނީ ލަފާގެ މައްޗަށް ބިނާކުރައްވަ އެވެ. 

ބަންޑާރަނައިބު އަހުމަދު އުޝާމް ދެއްވި ލަފާގައި ވިދާޅުވީ، އެ ބިލު އޮތް ގޮތުން، ފަނޑިޔާރުން ވަކިކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލާ ފުށު އަރާ ކަމަށެވެ. 

ރައީސް ތަސްދީގު ނުކުރައްވާ ބިލެއް މަޖިލީހުން ބޭރު ކުރުމުގެ ފުރުސަތު މަޖިލީހަށް އޮވެ އެވެ. ނަމަވެސް، އެ ބިލު އަލުން ދިރާސާކުރަން ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. އެ ހުށަހެޅުން ފާސްވީ، އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް ހަތް މެމްބަރަކު ވޯޓު ދެއްވި އެވެ. 

އެއާ އެކު އެ ބިލު އަލުން ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ. 

މި ބިލު މަޖިލީހަށް ހުށަހެޅީ، މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމާފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުން މި ގޮތަށް ނިންމީ، ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކާ މެދު ހުށަހަޅާ މައްސަލައެއް ބެލުމުގެ އިހުތިސާސެއް އެއްވެސް ކޯޓަކަށް ނޯންނާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވަނިކޮށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް، ފަށަން ތައްޔާރުވެފައިވަނިކޮށް، އެ ބިލު ފާސްކުރުމުގެ ކުރިން އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ޖޭއެސްސީން ވަނީ ފަނޑިޔާރު އަލްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފަ އެވެ.

އޭގެފަހުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭސީސީން ބަލަމުންދާ މައްސަލަ އާ ގުޅިގެން، ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ވަނީ ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.