އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން މެޑަމް ސާޖިދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ހަމަލާތަކާއި ފުރައްސާރަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ރޭ ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ، ސާޖިދާ މުހައްމަދު ކުށްވެރިކުރައްވައިފި އެވެ.
މަންދީ ގަޔަށް ރޭ ކަޅުތެޔޮ ޖަހާފައި ވަނީ އެމްޑީޕީން ރޭ ބޭއްވި މުޒާހަރާ ނިންމާލުމަށްފަހު ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައި ހެލްމެޓު އަޅައިގެން ތިބި ބައެކެވެ. އެމީހުން އައީ މަންދީއަށް ފާރަލަމުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން މެޑަމް ސާޖިދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ހަމަލާތަކާއި ފުރައްސާރަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މި ދަނޑިވަޅުގައި ކަންކަން ހަލަބޮލިކޮށް، އިންސާފު ގާއިމް ކުރުމަށް ހުރަސް ނާޅަން ގޮވާލަން،" ސާޖިދާ ވިދާޅުވި އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅުންނާ ގުޅޭ ގޮތުން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން ދައުވާ ކުރަން ނިންމާފައި ވަނިކޮށެވެ. މުޒާހަރާގައި މަންދީ ބުނެފައި ވަނީ ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރަން ފެއްޓެވުމުން ކަމަށެވެ.
އެކަމާ ގުޅިގެން މެޑަމް ސާޖިދާ ވަނީ ބަޔާނެއް ވެސް ނެރުއްވާފަ އެވެ. އެ ބަޔާނުގައި އެކަމަނާ ވިދާޅުވި ގޮތުގައި، ފިރިހެން ދަރިފުޅަކީ ވޭޕް ބޭނުންކުރާ ކުއްޖެއް ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތެކެވެ.
"މިފަދަ ވާހަކަތަކުގެ ތެރޭގައި އަޅުގަނޑުގެ ދަރިފުޅުގެ ތައުލީމީ ހަޔާތަށާއި އިޖްތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ވަނީ ދައްކައި ފަތުރާފަ އެވެ،" ބަޔާނުގައި ފަސްޓް ލޭޑީ ވިދާޅުވި އެވެ.