ވާރުތަވީ ލޯނު ދެއްކުމުން ލޯނު ހަރަދު 28 ޕަސެންޓް މައްޗަށް

ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި ކުރިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނެއް އެއްފަހަރާ ދައްކާ ހަލާސްކޮށްފަ އެވެ. މިއީ ރާއްޖެއާ ދެމެދު އޮތް ޔަގީންކަން އިތުރުވެގެންދާނެ ކަމެކެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރު ޒަމީރު

ވާރުތަވީ ބޮޑު ލޯނުތަކެއް ދެއްކުމާއެކު ލޯނު ދެއްކި މިންވަރު މިދިޔަ އަހަރަށްވުރެ 28 ޕަސެންޓަށްވުރެ އިތުރު ވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މާރިޗު ހަ ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ލޯނުގެ ގޮތުގައި ދައްކާފައިވަނީ 792.1 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތާ ހަމައަށް ދެއްކި އަދަދު ވަނީ 2.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 

ސަރުކާރުން އެންމެ ފަހުން ދައްކާފައިވަނީ އެމްޑީޕީ ސަރުކާރުން ބަޖެޓް ސްޕޯޓުގެ ގޮތުގައި ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެކެވެ. ލޯނު ދެއްކި އަދަދު މަތި ވެގެން ދިޔަ އެއް ސަބަބަކީ މި އެވެ. 

މިދިޔަ ހަފުތާގައި 100 މިލިއަން ޑޮލަރު ލޯނަށް ދެއްކި

މި ލޯނަކީ 2022 ގައި ކާގިލް ފައިނޭންސުން ނެގި ލޯނެކެވެ. މި ލޯނު އޭރުގެ ސަރުކާރުން ނެގީ ބަޖެޓު ވަރަށް ބޮޑަށް ތާށިވެ މެނޭޖުކުރަން ދަތިވުމުންނެވެ. މިއީ 7.15 އިންޓަރެސްޓު ރޭޓުގެ ލޯނެކެވެ. މި ލޯން ތިން އަހަރު ތެރޭ ދައްކާ ހަލާސް ކުރަން ޖެހެ އެވެ. އޭރުގެ ރޭޓުން ބަލާނަމަ މި ލޯނަށް އިތުރަށް ސަރުކާރުން 26 މިލިއަން ޑޮލަރުގެ އިންޓަރެސްޓާއެކު ދައްކާފައިވެ އެވެ. މިއީ މިފަހުގެ ތާރީހެއްގައި ސަރުކާރަކުން ނެގި އެންމެ އިންޓްރެސްޓް މަތި އެއް ލޯނެވެ.

"މިރާ" އަށް އެނގިފައިވާ ގޮތުގައި މި ލޯނު ސަރުކާރުން ދައްކާފައިވަނީ ލޯނުގެ އިންޓްރެސްޓް އާދަޔާހިލާފަށް ބޮޑުވުމުންނެވެ. ދައްކަން ކުރު މުއްދަތެއް ލިބޭ ގޮތަށް ނަގާފައިވާ މި ލޯނުގެ އިންޓެސްޓް ރޭޓް ހުރިހާ ފީތަކާއެކު 12 ޕަސެންޓަށް އަރަ އެވެ. މިއީ ދިވެހި ސަރުކާރަކުން މިހާތަނަށް ނެގި އެންމެ އިންޓްރެސްޓް ބޮޑު އެއް ލޯނެވެ.

މި ސަރުކާރުން ވެސް މިދިޔަ އަހަރު ލޯނުތަކެއް ނަގާފައިވެ އެވެ. ފިނޭންސް މިނިސްޓްރީގެ މިދިޔަ އަހަރުގެ ލޯނު ކަރުދާސް ދައްކާ ގޮތުން ޖުމްލަ 334 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ) ގެ ލޯނު ވަނީ ނަގާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހަރު ލޯނު ނަގާފައިވާ ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށާއި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުން ހިމެނޭ. ވަކިން ހާއްސަކޮށް މާލޭ ނޫން ރާއްޖޭގެ އެހެން ރަށްރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް ބިނާކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔާފާރިކުރިއެރުވުމަށާއި މާލީ ނިޒާމް ހަރުދަނާ ކުރުމަށްވެސް ލޯނު ވެސް ހިމެނެ އެވެ. ދެން ހިމެނެނީ ތިމާވެށި ހިމާޔަތްކުރުމަށާއި ބޭރުގައުމުތަކުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ދަށްކޮށް، ރާއްޖޭގައި އަމިއްލައަށް ކާބޯތަކެތި އުފެއްދުމަށް އެހީތެރިވުމަށް ނެގި ލޯނެކެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ ޖުމްލަ 9 ލޯނު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި ލޯނުތައް ނަގާފައި ވަނީ ކޮންސެޝަނަލް އަދި ސެމީ ކޮންސެޝަނަލް ރޭޓުތަކުގަ އެވެ. މީގެ ތެރޭގައި ބައިލޭޓްރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނެ އެވެ. އެހެންކަމުން މިއީ ކުރިން ނަގަމުން ދިޔަ ހަތް ޕަސެންޓުން މަތީގެ އިންޓްރެސްޓް ރޭޓުގައި ހުރި ލޯނުތަކާ ބަލާއިރު ދަށް އަދަދެކެވެ. އަދި މީގެ ލޯނެއް ދައްކަން އާއްމުކޮށް ދިގު މުއްދަތެއް ލިބެ އެވެ.

މި ސަރުކާރުން ނެގި ލޯނުތައް

  •  އޭޖެންސީ: ސައުދީ ފަންޑު ފޯ ޑިވޮލޮޕްމެންޓް
  •  ލިބިފައިވާ އަދަދު: 50 މިލިއަން ޑޮލަރު
  •  ލޯނުގެ ބޭނުން: • 50 އެނދުގެ 3 ހޮސްޕިޓަލު އިމާރާތް އެޅުމަށް (މާލެ ނޫން ސަރަހައްދުތަކުގައި)
  •  ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުން
  •  އޭޖެންސީ: ސައުދީ ފަންޑު ފޯ ޑިވޮލޮޕްމެންޓް
  •  ލިބިފައިވާ އަދަދު: 100 މިލިއަން ޑޮލަރު
  •  ލޯނުގެ ބޭނުން: • ވެލާނާ އިންޓަރނޭޝަލް އެރަޕޯޓްގެ އައު ޓާމިނަލް ތަރައްޤީކުރުން
  •  އޭޖެންސީ: އިސްލާމިކް ޑިވޮޕްމެންޓް ބޭންކް - އައިއެސްޑީބީ
  •  ލިބިފައިވާ އަދަދު: 39.9 މިލިއަން ޑޮލަރު
  •  ލޯނުގެ ބޭނުން: ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ލޯންތައް ދޫކުރުން
  •  އޭޖެންސީ: ކުވައިތް ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވޮލޮޕްމަންޓް
  •  ލިބިފައިވާ އަދަދު: 9.7 މިލިއަން ޑޮލަރު
  •  ލޯނުގެ ބޭނުން: • 30 އެނދުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކެއް އިމާރާތްކުރުން (މާލޭ ނޫން ސަރަހައްދުތަކުގައި)
  •  އޭޖެންސީ: އޭޝިއަން އިންފްރާސްޓަރަކްޗަރ އިންވެސްޓްމަންޓް ބޭންކް - އޭއައިއައިބީ
  •  ލިބިފައިވާ އަދަދު: 15 މިލިއަން ޑޮލަރު
  •  ލޯނުގެ ބޭނުން: • ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް ދެމެހެއްޓަނިވިކަން އިތުރުކުރުން
  •  އޭޖެންސީ: އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް - އޭޑީބީ
  •  ލިބިފައިވާ ލޯނު އަދަދު: 04 މިލިއަން ޑޮލަރު
  •  ލިބުފައިވާ ހިލޭ އެހީގެ އަދަދު: 17.95 މިލިއަން ޑޮލަރު
  •  ލޯނުގެ ބޭނުން • ތިމާވެށި ހިމާޔަތްކުރުމަށާއި ބޭރުގައުމުތަކުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ދަށްކޮށް، ރާއްޖޭގައި އަމިއްލައަށް ކާބޯތަކެތި އުފެއްދުމަށް އެހީތެރިވުން
  •  މި މަޝްރޫޢަށް އޯޝަން ރެޒިލިއަންސް އެންޑް ކޯސްޓަލް އެޑަޕްޓޭޝަން ފަންޑުން ހިލޭއެހީގެ ގޮތުގައި 1 މިލިއަން ޑޮލަރު ހަމަޖެހިފައިވޭ
  •  އޭޖެންސީ: އަބޫދާބީ ފަންޑް ފޯ ޑިވޮލޮޕްމެންޓް
  •  ލިބިފައިވާ އަދަދު: 40 މިލިއަން ޑޮލަރު
  •  ލޯނުގެ ބޭނުން: ވެލާނާ އިންޓަރނޭޝަލް އެރަޕޯޓްގެ އައު ޓާމިނަލް ތަރައްޤީކުރުން

ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 139 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. 

ބޮޑު ދަރަނި ދެއްކުމުގެ ސިޔާސަތު އެކުލަވާލާފަ

ރާއްޖޭން ދެން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2025 އަދި 2026 ވަނަ އަހަރު އެވެ. ރާއްޖޭގެ ތާރީހުގައި އެއްފަހަރާ ދައްކާ ދަރަނީގެ އެންމެ ބޮޑު އަދަދުގެ ގޮތުގައި 2026 ވަނަ އަހަރު ސީދާ ދަރަނީގެ ގޮތުގައި 500 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. ދަރަނި ސާވިސް ކުރުމުގެ ހަރަދާއެކު ޖުމްލަ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ އެވެ. ސަރުކާރުންވަނީ ބޮޑު ދަރަނި ދައްކާނެ ގޮތް އެކުލަވާލާފަ އެވެ. 

ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނާއި ދަރަނީގެ ބަޔާނުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ކުރީގެ ފިނޭންސް މިނިސްޓަރު ޑރ، މުހައްމަދު ޝަފީގު ވިދާޅުވެފައިވާ ގޮތުގައި ބޮޑު ދަރަނި ދައްކާނެ ގޮތް އެކުލަވާލައި ނިމިފައިވާ ކަމަށާ މެދުރަސްތާގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައި ހިމަނައި އެކަން ހާސިލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ގޮތުން އެ ބަޔާނުގައިވާ ގޮތުން މި ދަރަނި ދައްކާނީ މިހާރު ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑަށް ޖަމާ ކުރަމުންދާ ގޮތަށް ޖަމާކޮށް އެ ފަންޑު 250 މިލިއަން ޑޮލަރަށަށްވުރެ ބޮޑުކޮށް، އެ ފަންޑުން ނަގާ 200 މިލިއަން ޑޮލަރާއި 300 މިލިއަން ޑޮލަރު ރީފައިނޭންސްކޮށްގެންނެވެ. "މިރާ" އަށް އެނގިފައިވަ ގޮތުގައި މިހާރު ޓޫރިޒަމްގެ ބައެއް ފީތަކަށް ގެންނަ ބަދަލާއެކު އެސްޑީއެފް ފަންޑު އިތުރުކޮށް ބޮޑު ލޯނު ދެއްކިނަމަވެސް އެ ފަންޑުގައި އިތުރު ފައިސާ ހުންނާނެ އެވެ. މީގެ އިތުރުން މިހާރު ޓޫރިޒަމް ރެވެނިއު ބޭންކިން ނިޒާމަށް މާރު ކުރަމުންދާތީ ލޯނުތައް އަދާކޮށް އިގްތިސޯދު ހިންގޭ ވަރަށް ރިޒާވް މެނޭޖު ކުރަންވެސް ފަސޭހަވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.