މި މައްސަލައިގެ ތެރެއިން ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާއި ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެ ކޯޕަރޭޝަންގެ މައްޗަށް އަމުރު ކުރުމަށެވެ.
ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއިއެކު ހެދި އެއްބަސްވުން ބާތިލުކުރީ ރަގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މާޗް 13، 2014 ގައި އެޗްޑީސީން ސީލައިފްއާއެކު ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ސީލައިފުން އެއްބަސްވުމާއި ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، އަދި އެތަކެއް ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ނަގާފައިވެ އެވެ.
އެ މައްސަލައިގައި އެޗްޑީސީން ވަނީ ޑިސެމްބަރު 24، 2018 ގައި އެކުންފުންޏާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން، އެއްބަސްވުން ބާތިލުކޮށްފައި ވަނީ އެއްބަސްވުމާއި ގާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި، ސީލައިފްގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓު ހުޅުމާލޭ ޑިވިޜަންއަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ.
މި މައްސަލައިގެ ތެރެއިން ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާއި ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެ ކޯޕަރޭޝަންގެ މައްޗަށް އަމުރު ކުރުމަށެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި، ސީލައިފާއި އެ ކޯޕަރޭޝަނާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅައި، އެ ކޯޕަރޭޝަނުން ސީލައިފަށް މިކަމާއި ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި އެ ކޯޕަރޭޝަނުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.