އެޗްޑީސީ އިން މި ހައުސިން މަޝްރޫއު ޖާހު އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. ދެ އަހަރުން ނިންމަން ހަވާލުކުރި މި މަޝްރޫއަށް ހަތް އަހަރު ވެގެން ދިޔައިރު، މިހާތަނަށް ވެސް ނިމިފައެއް ނުވެ އެވެ.
ޖާހު އިންވެސްޓްމެންޓްސް އިން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑެންސް" އެޕާޓްމެންޓުތައް ނިންމަން ދިން ފަހުގެ ނޯޓިސް ހަމަވިއިރު ވެސް މަސައްކަތް ނިންމާފައި ނުވާތީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފި އެވެ.
އެޗްޑީސީ އިން މި ހައުސިން މަޝްރޫއު ޖާހު އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. ދެ އަހަރުން ނިންމަން ހަވާލުކުރި މި މަޝްރޫއަށް ހަތް އަހަރު ވެގެން ދިޔައިރު، މިހާތަނަށް ވެސް ނިމިފައެއް ނުވެ އެވެ.
އެހެންވެ، މިމަހުގެ 27 ވަނަ ދުވަހު އެޗްޑީސީން ވަނީ ފްލެޓްތައް 45 ދުވަހުގެ ތެރޭގައި ނިންމަން ފަހުގެ ނޯޓިސް ދީފަ އެވެ. އެ ނޯޓިސްގައި ބުނާ މުއްދަތުގެ ތެރޭގައި ޖާހު އިންވެސްޓްމެންޓްގެ ފަރާތުން މި މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫއު އެކުންފުނީގެ އަތުން ނަގާނެކަން ވެސް ވަނީ އަންގާފަ އެވެ.
އެޗްޑީސީއިން ބުނީ އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ގާނޫނީ ނޯޓިސްގައި ބަޔާންކުރި މުއްދަތުގައި ޖާހު އިންވެސްޓްމަންޓުން މަސައްކަތް ނިންމާފައި ނުވާތީ، އެފަރާތާއިއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް މިއަދު އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އަދި އެއްބަސްވުން ބާތިލްކުރުމަށްފަހު އެ މަޝްރޫއުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާއި ހިއްސާކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
"މި ކޯޕަރޭޝަނުން މި އެޅި ފިޔަވަޅު އަޅާފައިމިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައިކަން މި ކޯޕަރޭޝަނުން ފާހަގަކުރަން،" އެޗްޑީސީން ބުންޏެވެ.