ކައުންސިލްގެ މިއަދުގެ އާންމު ޖަލްސާގައި ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް މޭޔަރު އާދަމް އާޒިމް ހުޅުވާލެއްވުމުން، ނަން ހުށަހެޅުއްވީ އަރީޝް އެކަންޏެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލް މެންބަރު މުހައްމަދު އަރީޝް އިންތިހާބު ކޮށްފި އެވެ.
ކައުންސިލްގެ މިއަދުގެ އާންމު ޖަލްސާގައި ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް މޭޔަރު އާދަމް އާޒިމް ހުޅުވާލެއްވުމުން، ނަން ހުށަހެޅުއްވީ އަރީޝް އެކަންޏެވެ.
އެހެންވެ، އެ މަގާމަށް އަރީޝް އައްޔަނު ކުރުމަށް ނެގީ ފެންނަ ނުފެންނަ ސިއްރު ވޯޓެކެވެ. މި ވޯޓުގައި ބައިވެރިވެވަޑައިގަތް 16 ކައުންސިލް މެންބަރުން ވެސް ވޯޓު ދެއްވީ އަރީޝް ޑެޕިއުޓީ މޭޔަރުގެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވީ، އެމަގާމުގައި ކުރިން ހުންނެވި އަހުމަދު ނަރީޝް މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ނަރީޝް އިސްތިއުފާ ދެއްވި ސަބަބު ސާފެއް ނުވެ އެވެ.
އިސްތިއުފާ ދެއްވައި ކައުންސިލްގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ނަރީޝް ވަނީ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމަށް އިންތިހާބު ކޮށްދީފައިވާތީ އެ ދާއިރާގެ ރައްޔިތުންނަށާއި، އޭނާ ތަމްސީލުކުރައްވާ ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނަށާއި އަދި ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.
އޭނާ ވަނީ ކައުންސިލްގެ އެތެރެއިން ނެގި ވޯޓުން އޭނާ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އިންތިހާބު ކޮށްދިން ހުރިހާ މެންބަރުންނަށް ވެސް ޝުކުރު ދަންނަވާފަ އެވެ.