މި މަޝްރޫއުގެ ދަށުން އިހަވަންދޫ އާއި އައްޑޫ ފިޝަރީޒް އަދި ފެލިވަރުގެ ގިނަ ވަސީލަތްތަކެއް ގާއިމްކުރާނެ އެވެ.
އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީބީ) އިން މިފްކޯއަށް ދިން 64.65 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ) އިން މަސްވެރިކަން ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް ފަށަން ތައްޔާރުވެ، މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބީލަމަށް ލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މަސްވެރިކަމުގެ ސިނާއަތު ތަރައްގީކޮށް ކެޕޭސިޓީ ބިލްޑް ކުރުމަށްޓަކައި އައިޑީބީ އިން ލިބިފައިވާ 64.65 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާކަމަށާ އެހެންކަމުން މި ފައިސާ އިން ހިންގާ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވެ އެވެ.
ހިންގާ މަަޝްރޫއުތައް - މި ފައިސާ އިން މަހުގެ ފެންވަރު ރައްކާތެރިކޮށް ހަލާކުވުން މަދުކުރުމަށްޓަކައި އިހަވަންދޫގައި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން އާއި އެކު 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖު ގާއިމް ކުރާނެ އެވެ. މީގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން އާއި އެކު 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ތަރައްޤީކުރުމުގެ ތެރެއިން ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރާނެ އެވެ.
މި މަޝްރޫއުގެ ދަށުން ފެލިވާރުގައި މުވައްޒަފުންނަށް ހާއްސަކޮށް 250 ޔުނިޓް ގާއިމްކޮށް ކޫއްޑޫ 100 ޔުނިޓް ތަރައްގީ ކުރާނެ އެެވެ. މީގެ އިތުރުން 35 މެޓްރިކް ޓަނުގެ މަސް ޕްރޮސެސިން ޔުނިޓާއި ހަރަންޓުގެ ހިދުމަތް ތަރައްގީ ކުރާނެ އެވެ. އަދި ކަނޑުއޮތްގިރި ކެނަރީ ފެސިލިޓީ ތަރައްގީކޮށް މަސް ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރު ކުރާނެ އެވެ. މި ވަގުތު ކަނޑުއޮތް ގިރިއަކީ ސިފައިންގެ ބެލުމުގެ ދަށުގައި އޮތް ތަނެކެވެ. މީގެ އިތުރުން މިފްކޯގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ނާޒުކު މަސްވެރިކަމުގެ 10 އަހަރުގެ ބިޒްނަސް ޕްލޭނެއް އެކުލަވާލާނެ އެވެ. އެންޓަޕްރައިސް ރިސޯސް ޕްލޭނިން (އީއާރުޕީ) ނިޒާމެއް ތަންފީޒުކުރުމާއި ތަޖުރިބާ ބަދަލުކުރުމަށްޓަކައި އިންޑޮނޭޝިއާއާއެކު ރިވާސް ލިންކޭޖް މެދުވެރިކޮށް މަހުގެ ވެލިއު ޗޭން ހަރުދަނާކުރުން ހިމެނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ މިހާރު އޮތް މަސް ދިނި ކުރުމުގެ ކެޕޭސިޓީ 25،000 މެޓްރިކް ޓަނަށް މަތިކުރާނެ ކަމަށް ބުނެފަ އެވެ. މިވަގުތު މިފްކޯގައި ހުރީ 8،500 ޓަނުގެ ކެޕޭސިޓީ އެކެވެ.