މިހާރު ހުރި މައްސަލަތައް ހައްލުނުކޮށްފިނަމަ ރާއްޖެއަށް ސީ ޓު އެއާ ވިޔަފާރި ގެއްލޭނެ

ފިރާގު ވިދާޅުވި ގޮތުގައި ސީ ޓު އެއާ ވިޔަފާރިއަށް ހިދުމަތްދޭ ވުޒާރާތަކުގައި އޮންނަން ޖެހޭ ކޯޑިނޭޝަނެއް ނެތެވެ. މިކަމުގެ ސަބަބުން މުދާ ބޯޓަށް ގެނައުން ލަސްވެ އެއާލައިންތަކުން ދަނީ ޝައުގުވެރިކަން ގެއްލެމުންނެވެ.

އިނަ މޯލްޑިވްސްގެ އެމްޑީ މުހައްމަދު ފިރާގު - ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ ސީ ޓު އެއާ ވިޔަފާރިއަށް މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލުނުކޮށްފިނަމަ އެ ވިޔަފާރި އެއްކޮށް ގެއްލިގެންދާނެކަމުގެ އިންޒާރު ސީ ޓު އެއާގެ ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ އެއް ކުންފުނިން ބުނެފި އެވެ.

ކަނޑު މަގުން އަންނަ މުދާ ވައިގެ ވަގުން ފޮނުވަން ފުޅާކޮށް މި ސަރުކާރުން ފެށި ސީ ޓު އެއާ ވިޔަފާރީގައި މިހާރު ހުރި މައްސަލަތަކާ ބެހޭ ގޮތުން ރާއްޖެއަށް އަންނަ މުދާ އުފުލާ އޭސް އޭވިއޭޝަންގެ ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ކަނޑުމަގުން އަންނަ ޝިޕްމަންޓްތައް ބޯޑަށް އެރުވުން ލަސްވުމާއި މި ނޫންކޮން ވުޒާރާތަކުގައި ހުންނަން ޖެހޭ ކޯޑިނޭޝަން ނެތުމުގެ ގިނަ މައްސަލަތަކެއް ދަނީ ފެންނަމުންނެވެ. މިކަމުގެ ސަބަބުން މުދާ ބޯޓަށް އެރުވުން ލަސްވެ ޑިލޭވުމުގެ ސަބަބުން އެއާލައިންތަކުން މި ވިޔަފާރިއަށް އޮތް ޝައުގުވެރިކަން ގެއްލެމުންދާ ކަމަށް ފިރާގު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ މޯލްޑިވްސްއިން ޓްރާންސްޝިޕްމަންޓް ދަށްވަމުންދާކަން، ޚާއްޞަކޮށް ރާއްޖެއަށް މުހިންމު މާކެޓްތަކެއް ކަމަށްވާ ސީ ޓު އެއާ އަދި އެއާ ޓު އެއާ ސެކްޓަރުގައި. މި ދަށަށް ދިއުމުގެ ބޮޑު ސަބަބަކީ ސްޓޭކްހޯލްޑަރުންގެ މެދުގައި ކޯޑިނޭޝަންގެ މައްސަލަ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވިޔަފާރިއަކީ ރާއްޖެ އަށް ބޮޑު ހިއްސާއެއް ނެގެން އޮތް ވިޔަފާރިއެއް ކަމަށާ ނަމަވެސް ކުދިކުދި މައްސަލަތަކުގެ ހައްލު ގެންނާނެ ގޮތެއް ނޭނގި ދަނީ ދިގުލަމުންނެވެ. 

"ފްލައިޓްއަކީ ޝެޑިއުލްކޮށް ދަތުރުކުރާ އެއްޗެއް. މިސާލަކަށް މި ރޯދަ މަހު އެބަދިމާވެ މުދާ އަރުވަން ތިބޭ މީހުން އެބަ ބުނޭ މި ގަޑީގަ ތިކަމެއް ނުވާނެއޭ. މިއީ ރާއްޖެއަށް ލާރި ލިބެން އޮތްކަމެއް. ލާރިވެސް ބޭނުމެއްވޭ އެކަމަކު މަސައްކަތެއް ކޮށްލައިގެން ލާރި ހޯދައިގެނެއް ނުވޭ،" ފިރާގު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި މި ވިޔަފާރި ފެށިއިރު ފުރަތަމަ ކުރިމަތިވި އެއް މައްސަލަ ކަމަށްވާ ކާގޯ ޓާމިނަލް އިން ވީއައިއޭގެ އެއާޕޯޓް ސައިޑަށް ކާގޯ ކުންފުނީގެ މުވައްޒަފުން ދިއުމުގެ މައްސަލަ އަށް އަދި ވެސް ހައްލެއް ލިބިފައެއް ނެތެވެ.

"މިހާރު މުވައްޒަފުން މިދާން ޖެހެނީ ޝެޑިއުލް ބަހެއްގައި ގޮސް ސްކޭންކޮށްގެން އެއާޕޯޓް ސައިޑުން އެހެންދާ ކޮންމެ ވެސް އުޅަނދެއް އަލިއްލައަށް ހޯދައިގެން އޭގަ. މިއީ މިކަން އޮންނަންވާނެ ގޮތެއް ނޫން. މީގައި ކޮން ދިމާލަކުން ކަމެއް ނޭނގެ މި ބްލޮކް ވެގެން މި އުޅެނީ. އީ- މެއިލްއެއް ކުރިއަސް ދެ ދުވަސް ފަހުން ޖަވާބުދެނީ،" ފިރާގު ވިދާޅުވި އެވެ.

ސީ ޓު އެއާ ކާގޯ ހިނގާ ގޮތް

މި ވިޔަފާރި ރާއްޖޭގައި މިހާތަނަށް ކުރީ ވަރަށް ކުޑަކޮށެވެ. ސަބަބަކީ މި ވިޔަފާރި ކުރަން ސަރުކާރުގެ ގިނަ ކުންފުނިތަކާއި ވުޒާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހުނުނަވެސް އެކަން ނުވެ އޮތުމެވެ. މި ވިޔަފާރި ފަށަން ވާހަކަ ދެއްކިނަމަވެސް މިކަން ނުފެށި އޮއްވައި މިކަން ފަށާފައިވަނީ މި ސަރުކާރު އައިފަހުންނެވެ. މި ވިޔަފާރި ހިނގާ ގޮތަކީ ރާއްޖެ އަށް ކަނޑުމަގުން މުދާ އައުމުން ކޮންޓެއިނާ ހުރި ގޮތަށް ނުވަތަ އޭގައި ހުރި މުދާ ވަކިކޮށްގެން އެމްޕީއެލްގެ އެހީތެރިކަމާއެކު ވީއައިއޭ އަށް ގެންގޮސް އޭގެ މަންޒިލަށް ފޮނުވުމެވެ. މި މަސައްކަތުގައި ކަސްޓަމަސް އާއި އިމިގްރޭޝަން އަދި އެމްއޭސީއެލް އެއްކޮށް މަސައްކަތް ކުރެ އެވެ. ކަނޑުމަގުން ރާއްޖެ ގެންނަނީ ދުނިޔޭގެ ބޮޑެތި ފެކްޓްރީތަކުގެ މުދާ ޔޫރަޕަށް ގެންދަން ހުންނަ މުދަލެވެ. މި މުދަލަކީ ކަނޑުމަގުން ގެންދިއުން ލަސްވުމުގެ ސަބަބުން ލަސްވާ މުދަލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.