ރައީސް މުއިއްޒުގެ ބޭފުޅުންނާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން އިސްވެ ދައްކާ ވާހަކަތައް ދޮގުކޮށް، ރައީސްގެ ބޭފުޅުން ފުރާނައަށް ގެއްލުންވެ، ކަރާމަތަށް އުނިކަން އަންނަ ގޮތަށް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން މަދަނީ ދައުވާކުރަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅުންނާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން އިސްވެ ދައްކާ ވާހަކަތައް ދޮގުކޮށް، ރައީސްގެ ބޭފުޅުން ފުރާނައަށް ގެއްލުންވެ، ކަރާމަތަށް އުނިކަން އަންނަ ގޮތަށް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން މަދަނީ ދައުވާކުރަން އާއިލާއިން ނިންމައިފި އެވެ.
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދެއްކީ އެޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އެވެ. އޭނާ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރުމާއި ރައީސްގެ ދަރިކަލަކާއި ގުޅުވައި ވާހަކަ ދައްކާފަ އެވެ.
ރައީސްގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާއިލާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާޒިމް ޝަކޫރު ވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނެރުއްވާ ނޫސްބަޔާނެއް އިއްވައިފަ އެވެ.
އެ ބަޔާނުގައި ސާޖިދާ ވިދާޅުވި ގޮތުގައި، ފިރިހެން ދަރިފުޅަކީ ވޭޕް ބޭނުންކުރާ ކުއްޖެއް ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތެކެވެ.
"މިފަދަ ވާހަކަތަކުގެ ތެރޭގައި އަޅުގަނޑުގެ ދަރިފުޅުގެ ތައުލީމީ ހަޔާތަށާއި އިޖްތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައްވެސް ވަނީ ދައްކައި ފަތުރާފަ އެވެ،" ބަޔާނުގައި ފަސްޓް ލޭޑީ ވިދާޅުވި އެވެ.
"އަދި މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
މީގެ އިތުރުން، އެންމެ ދޮށީ ދަރިފުޅާއި، އަށް އަހަރުގެ ހަގު ދަރިފުޅަށް ގަނާ ކުރުމާއި ފުރައްސާރަކުރުމުގެ މަސައްކަތްތަކެއް މިހާރު ފަށާފައިވާކަމީވެސް ބަލައިގަންނަން އުނދަގޫ ކަމެއްކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.
ސާޖިދާ ވިދާޅުވީ، އަޅުގަނޑުގެ ރައީސްގެ ހައިސިއްޔަތުން ފިރިކަލުން، ނިންމަވާ ނިންމެވުންތަކާއި ސިޔާސީ ވިސްނުންފުޅާމެދު، އެއްވެސް ފަރާތަކުން ދައްކާފައިވާ ވާހަކައަކަށް އަދި ފާޑުކިޔުމަކަށް އެއްވެސް އެއްޗެއްބުނެ ފިޔަވަޅެއް މީގެ ކުރިން އަޅާފައިނުވާނެ ކަމަށެވެ.
އެއީ އެމަނިކުފާނު ސިޔާސީ މައިދާން ޚިޔާރުކުރެއްވީ އަދި އެމައިދާނުގައި ދެމިހުންނެވީ އަމިއްލަފުޅު އިޚްތިޔާރުގައި ކަމުގައިވާތީއެވެ. ހަމައެއާއެކު، އެމަނިކުފާނު އެ މަޤާމާ ޙަވާލުވެވަޑައިގަތީއްސުރެ މިދެންނެވި ފަދަ ފަރާތްތަކުން ކެނޑިނޭޅި ގެންދަނީ އަޅުގަނޑަށް ފުރައްސާރަކޮށް ގަނާކުރަމުންނެވެ. މިދެންނެވި ކަންކަމަކީ ސިއްރުން ނޫނީ ވަންހަނާގައި ހިނގާ ކަންކަންކަމުގައި ނުވިނަމަވެސް، މިވީހާ ތަނަށް މިފަދަ ކަމަކާ އަޅުގަނޑު އަދި އަޅުގަނޑުގެ ފަރާތުންވެސް އެއްވެސް ރައްދެއްދީ އެއްޗެއް ވިދާޅުވެފައިނުވާނެ އެވެ.
ނަމަވެސް، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަގުބަލުގައި މި ފަދަ މަގާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމުގައި ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ބަޔާން އިއްވެވުމަށްފަހު، އާއިލާގެ ފަރާތުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހާމަކުރައްވަމުން އާޒިމާ ވިދާޅުވީ، އާއިލާއިން ވަނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީއަށް މަދަނީ ދައުވާ އުފުލަން ނިންމައިފަ އެވެ.
ދަރިކަލުންނާ ގުޅޭ ގޮތުން މަންދީ ވާހަކަ ދައްކާފައި ވާއިރު ފައްޔާޒަށް ދައުވާކުރަނީ އެ ވާހަކައަށް ހިތްވަރުދީ ޓްވީޓްކުރައްވާފައި ވާތީ ކަމަށާއި އެމްޑީޕީއަށް ދައުވާކުރަނީ މުޒާހަރާގައި ހިނގާ ކަންކަމަށް އެ މުޒާހަރާ އިންތިޒާމްކުރި ފަރާތުން ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް އާޒިމާ ވިދާޅުވި އެވެ.
އެ މައްސަލަ ވަކީލުން އަދިވެސް ދިރާސާ ކުރަމުންދާތީ، އިތުރު ބައެއްގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ކަމުގައި ކުޑަކުދިންތަކެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެފައިވުމަކީ ޖިނާއީ މައްސަލައެއް ކަމަށް ގަބޫލުކުރެއްވިޔަސް، އާއިލާގެ ފަރާތުން ކުރިއަށް ގެންދާނީ މަދަނީ ދައުވާތަކެއް ކަމަށް އާޒިމާ ވިދާޅުވި އެވެ.
އެއީ ޖިނާއީ ތަހުގީގެއްކޮށް ދައުވާ ކުރުމަކީ ދައުލަތުގެ ކަމާގުޅޭ އިދާރާތަކުގެ ޒިންމާއެއް ކަމަށް އާއިލާއިން ގަބޫލުކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.