އެ މަގާމަށް ފަނޑިޔާރު ޝަހީދު ކުރިމަތި ލައްވާފައި ވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެވަނަ ފަހަރަށް އިއުލާނު ކުރުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ އިސް ފަނޑިޔާރު، ހުސައިން ޝަހީދު ކުރިމަތިލައްވައިފި އެވެ.
އެ މަގާމަށް ފަނޑިޔާރު ޝަހީދު ކުރިމަތި ލައްވާފައި ވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެވަނަ ފަހަރަށް އިއުލާނު ކުރުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު، ދެ ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު މުއްދަތު ހަމަވި އިރު ކުރިމަތި ލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
ދެވަނަ ފަހަރަށް އިއުލާނު ކުރުމުން، ފަނޑިޔާރު ޝަހީދުގެ އިތުރުން ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމް ވަނީ ކުރިމަތިލައްވާފަ އެވެ.
ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. އިސް ފަނޑިޔާރު ކަމަށް އައްޔަނު ކުރީ އޮކްޓޯބަރު 30، 2023 ގައެވެ. އޭގެ ކުރިން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަން ވެސް ކުރައްވާފައިވެ އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗެލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިފާ ދެއްވާފައި ވަނިކޮށެވެ.