މި އެއްބަސްވުމުގެ ސަބަބުން ލިވަޕޫލްގައި ތިބި ކުޅުންތެރިން ނިސްބަތްވާ ގައުމުގައިވެސް މާކެޓިން ހަރަކާތް ހިންގާނެ އެވެ. އަދި އެ ކްލަބުގެ ފޭނުން ރާއްޖެ ގެންނަން މާކެޓިން ހަރަކާތް ހިންގާނެ އެވެ.
ރާއްޖޭން ކޮންމެ އަހަރަކު ބައިވެރިވާ ޖަރުމަނު އައިޓީބީ ފެއާއަށް އެކަނި މިލިއަނެއްހާ ޑޮލަރު ނުވަތަ 15 މިލިއަން ރުފިޔާގެ ހަރަދު ކުރެ އެވެ. އަދި ލަންޑަންގައި އޮންނަ ޑަބްލިއުޓީއެމް ފެއާގެ ބައިވެރިވުމުގެ ފީތަކަށް އެކަނި އެމްއެމްޕީއާރުސީން 900،000 ޑޮލަރު ހަރަދު ކުރަން ޖެހުމެވެ. މިއީ ކޮންމެ އަހަރު އެންމެ ފަހަރަކު އޮންނަ ފެއާއަކަށް ދާން ރާއްޖޭގެ ޕްރޮމޯޝަން ބަޖެޓުން ކުރަން ޖެހޭ ހަރަދުގެ ކުޑަ މިންވަރެކެވެ. އެކަމަކު ކުރި އަށް އޮތް ފަސް އަހަރު ދުވަހަށް ދުނިޔޭގެ އެންމެ ޓޮޕް ފުޓުބޯޅަ ކްލަބާއެކު ރާއްޖޭން ހެދި ފަސް އަހަރުގެ ޓޫރިޒަމް ޕްރޮމޯޝަން އެއްބަސްވުމުގެ އަގަކީ ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ނުވަތަ 15 މިލިއަން ރުފިޔާ އެވެ.
މި މައުލޫމާތު އެނގޭ މީހަކު "މިރާ" އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީން ލިވަޕޫލްއާއެކު އެއްބަސްވުމަކަށް ދިއުމުގެ ކުރީގައި ލިވަޕޫލްއާއެކު އެއްބަސްވުމަކަށް ދިއުމުގެ ކުރީގެ ދުނިޔޭގެ މަޝްހޫރު އެހެން ފުޓުބޯޅަ ކްލަބްތަކުގެ ޕްރޮމޯޝަލްތައް ވެސް ރާއްޖޭން ހޯދި އެވެ. އެގޮތުން ރާއްޖެއާއެކު މާކެޓިން ކެމްޕޭން ހިންގަން ޗެލްސީ އާއި މެންޔޫ އަދި މެންސިޓީ ފަދަ ކްލަބްތަކުން ވެސް ޕްރޮޕޯސަލް ހޯދި އެވެ. އެކަމަކު މި ހުރިހާ ޕްރޮޕޯސަލްތަކެއްގެ ތެރޭން ވެސް އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިގެން ދިޔައީ ލިވަޕޫލް އެފްސީގެ ފަރާތުންނެވެ.
ލިވަޕޫލްއާއެކު ރާއްޖޭން ހެދި "ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕް" އެއްބަސްވުމާ ބެހޭ ގޮތުން އެމްއެމްޕީއާރުސީއިން ބުނީ އޭގެ ސަބަބުން އެކި ގައުމުތަކަށް ރާއްޖެ އިތުރަށް މަޝްހޫރުވެ ޓޫރިސްޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް އަދި އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުން ތަކެއް ލިބޭނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން "ވިޒިޓް މޯލްޑިވްސް" އަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސުން ބޮޑު ތަރުހީބެއް ލިބި މިއީ ކްލަބުގެ މަަޝްހޫރު ކަމުގެ ބޭނުން ހިފައި އެ ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެ ދަތުރުކުރުމަށް ފުރުސަތު ހުޅުވޭނެ އެވެ.
އެމްއެމްޕީއާރުސީން ވަނީ މި އެއްބަސްވުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި އިތުރު ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ. އަދި މީގެ ސަބަބުން ޓޫރިޒަމަށް ލިބޭ އާމްދަނީ އިތުރު 100 މިލިއަން ޑޮލަރު މަތި ކުރުމުގެ މަގު ފަހިވާނެކަން އެ ކުންފުނިން ލަފާކުރެ އެވެ.
ލިވަޕޫލްއަކީ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޯވަރުން ތިބި ބޮޑު ކްލަބެކެވެ. އަދި މި ކްލަބުގެ ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ބައިވެރިވެ އެވެ. މިއީ ރާއްޖެއަށް ހުޅުވިގެންދާނެ ބޮޑު ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.
"މި ޕާޓްނާޝިޕް އިން އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެ ތަޖުރިބާ ކުރުމަށް އެތައް މިލިއަން ސަޕޯޓަރުން ގެނައުން،" ޝިއުރީ ވިދާޅުވި އެވެ.
މި ޕާޓްނާޝިޕް އިން އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެ ތަޖުރިބާ ކުރުމަށް އެތައް މިލިއަން ސަޕޯޓަރުން ގެނައުން
ެއެމްޑީ ޝިއުރީ
އެމްއެމްޕީއާރުސީގެ ޗެއާމަން އަބްދުﷲ ގިޔާސް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އެންމެ މަދުވެގެން އެ ކުންފުނީގެ ލޮޕޯވަރުންގެ ތެރޭން އެއް ޕަސެންޓް މީހުން ރާއްޖެ ގެނައުމެވެ. އަދި ލިވަޕޫލްއަކީ ހަމައެކަނި އިނގިރޭސި ކުޅުންތެރިން ތިބި ކްލަބަކަށް ނުވާތީ މި ކްލަބުގެ އެހެން ގައުމުތަކުގެ ގިނަ ކުޅުންތެރިންތަކެއް ތިބުމަކީ ރާއްޖެއަށް ލިބިގެންދާނެ އިތުރު ފުރުސަތެކެވެ.
"ލިވަޕޫލްގެ ސްކޮޑުގައި އެހެން ގައުމުތަކުގެ ގައުމީ ޓީމްގެ ކުޅުންތެރިން އެބަތިބި. ބެންޗުގައިވެސް އެބަތިބި. މީގެ ކޮންމެ ކުޅުންތެރިއެއް ބޭނުންކޮށްގެން އެ މީހުންގެ ގައުމުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ފުރުސަތު ލިބޭނެ،" އަބްދުﷲ ވިދާޅުވި އެވެ.
ލިވަޕޫލްގެ ސްކޮޑުގައި އެހެން ގައުމުތަކުގެ ގައުމީ ޓީމްގެ ކުޅުންތެރިން އެބަތިބި. ބެންޗުގައިވެސް އެބަތިބި. މީގެ ކޮންމެ ކުޅުންތެރިއެއް ބޭނުންކޮށްގެން އެ މީހުންގެ ގައުމުގައި ރާއްޖެ އިސްތިހާރު ކުރުމުގެ ފުރުސަތު ލިބޭނެ
ޗެއާމަން އަބްދުﷲ
ލިވަޕޫލް ސްކޮޑަށް ބަލާއިރު މި ވަގުތު ވެސް އާޖެންޓީނާ އާއި އިނގިރޭސިވިލާތް އަދި ފްރާންސުގެ އިތުރުން ގްރީސް އަދި ހަންގޭރީ އާއި އަޔަލެންޑު ކޮލަމްބި އާއި ހޮލެންޑް އަދި އުރުގުއޭއަށް ނިސްބަތްވާ ތަރިން އެބަތިބިއްބެވެ. މި މާކެޓްތަކަކީ ރާއްޖެއަށް މުސްތަގުބަލުގައި ޓޫރިސްޓުން އިތުރުކޮށް އިސްތިހާރު ކުރަން އެމްއެމްޕީއާރުސީން ކެމްޕޭން ހިންގާނެ މާކެޓުތަކަށް ވެގެންދާނެ އެވެ. މިއީ ރާއްޖެއަށް އާ ސޯސް މާކެޓުތަކެއް ކުރިއަށް އޮތް ފަސް އަހަރު ހޯދަން ލިބިގެންދާނެ އާ ފުރުސަތަކަށްވާނެ އެވެ.
ލިވަޕޫލާއި ރާއްޖޭގެ ގުޅުން ރަސްމީކޮށް އިއުލާނު ކުރާނީ އަންނަ މަހުގެ ދެވަނަ ދުވަހު އެންފީލްޑް ސްޓޭޑިއަމްގައި ލިވަޕޫލް އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކަން ފަށާނެ އެވެ.
ޗެއާމަން އަބްދުﷲ ވިދާޅުވި ގޮތުގައި ކުރިއަށް ހުރި ބޮޑެތި ޓޫރިޒަމް ފެއާތަކުގައި ލިވަޕޫލްއާ ރާއްޖެ ގުޅިފައިވާކަން ފެއާތަކުގެ ސްޓޭންޑުން ވެސް އެނގޭނެ އެވެ.
"ލިވަޕޫލްގެ މި ރައިޓްސް ލިބުމަކީ ވެސް ބޮޑު ކާމިޔާބީއެއް. މި ސީޒަންގެ ތަށި އެ ކްލަބަށް ލިބިއްޖެނަމަ ފެއާތަކުގައި ތަށީގެ ރެޕްލިކާއެއް ވެސް ބަހައްޓާނެ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ އިތުރުން އެ ކްލަބުގެ ފޭނުންގެ އެންމެ މަދުވެގެން އެއް ޕަސެންޓް ރާއްޖެ ގެނެވުނަސް ފައިދާކުރާނެ އެވެ.
"ފޭނުންގެ ބޮޑު ބަޔަކީ ރާއްޖެ އެފޯޑް ކުރެވޭ ފަރާތްތައް ކަމަށް އެ ފަރާތުން ބުނެފައިވޭ. އެހެންވެ މި ކެމްޕޭންވެސް ކުރެވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަންގެ ތާރީހުގައި މިއީ ތާރީހީ ކާމިޔާބީއެކެވެ. މީގެ ކުރިން މިފަދަ އެއްބަސްވުމަކަށް ރާއްޖޭން ގޮސްފައިވަނީ ލަލީގާގެ މަޝްހޫރު ލެސްޓަ ވީގޯއާއެކުގަ އެވެ. އެއީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޒައާމަތުގަ އެވެ. އެފަހަރުގެ އަގަކީ ތިން އަހަރަށް އަހަރަކު 900،000 ޑޮލަރެވެ. އެކަމަކު އެ ފަހަރު އެމްމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ޓޫރިޒަމް މިނިސްޓްރީ ދެމެދު މައްސަލަ ޖެހި އެއްބަސްވުމުގައި ހުރި އެއްވެސް ފައިދާއެއް ރާއްޖެއަކަށް ނުލިބުނެވެ. އެ ކްލަބުން ގިނަ ކަންކަމެއް ހުށަހެޅިނަަމަވެސް ފަހުން ސަރުކާރުން އެކަން "ރިޖެކްޓް" ކުރީ އެވެ.