ދޮގު ވާހަކަ ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާވެސް ހިލާފު އަމަލެއް ކަމަށް އެޕާޓީން ބުންޏެވެ.
އެމްޑީޕީން މާލޭގެ މަގުތަކުގައި ކޮންމެ ރެއަކު ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާއެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ފިޔަވަޅު އަޅަން، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީއެންސީން ގޮވާލައިފި އެވެ.
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދެއްކީ އެޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އެވެ. އޭނާ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރުމާއި ރައީސްގެ ދަރިކަލަކާއި ގުޅުވައި ވާހަކަ ދައްކާފަ އެވެ.
މިކަން ކުށްވެރިކޮށް އިތުރު އިދާރާތަކުން ވެސް ބަޔާން ނެރެފައިވާއިރު، ޕީއެންސީން ވެސް ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. ޕީއެންސީގެ ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީން މަސައްކަތް ކުރަމުން ދަނީ ފިތުނަ ފަސާދަ އުފައްދުމަށާއި ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.
"ފަސްޓްލޭޑީ އަދި ދަރިކަލުންނަށް ނިސްބަތްކޮށް، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް މީޑިއާ މެދުވެރިކޮށް މިފަދަ ނާތަހުޒީބު އަމަލުތައް ހިންގުމަކީ އެއްވެސް ހާލެއްގައި ސިޔާސީ ހަރަކާތެއް ކަމަށް މިނިވަން ދިމިގްރާތީ އެއްވެސް މުޖުތަމައެއްގައި ބަލައިގަނެވޭނެ ހަމައެއް ނޫން،" ޕީއެންސީން ބުންޏެވެ.
ދޮގު ވާހަކަ ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާވެސް ހިލާފު އަމަލެއް ކަމަށް އެޕާޓީން ބުންޏެވެ. އަދި މިފަދަ ކަންކަމަކީ ސިޔާސީ އިމުގެ ބޭރުން ކުރެވޭ ކަންކަން ކަމުގައިވާތީ، މި މައްސަލަތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބަލައި ފިޔަވަޅު އެޅުމަށް ޕީއެންސީން ވަނީ ގޮވާލާފަ އެވެ.
ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް މަންދީ ދެއްކި ވާހަކައިގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވަރަށް ގިނަ އާންމުންނާއި ސަރުކާރުގެ ވެރިންނާއި އަދި މަޖިލީސް މެންބަރުން ވެސް ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.