މި މަޝްރޫއުގެ ދަށުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ 75 ރަށެއްގައި ފުލުހުން މަރުކަޒުތައް އެޅުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ މި މަރުކަޒުތައް އަޅަން ހަވާލުކޮށްފައި ވަނީ އެމްޓީސީސީ، ފެނަކަ ކޯޕަރޭޝަން އަދި އާރްޑީސީއާ އެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުލުހުންގެ އިދާރާއިން ބުނީ ފުލުހުންގެ 91 އަހަރުގެ ތާރީހުގައި މިހާތަނަށް މުޅި ރާއްޖޭގައި ހުރީ ޖުމުލަ 17 އަމިއްލަ ސްޓޭޝަން ކަމަށެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު މަހާ ހަމައަށް ފުލުހުންގެ ހިދުމަތް ގާއިމުނުވެ ހުރި 70 ރަށެއްވާ ކަމަށާއި ނަމަވެސް މި މަޝްރޫއުގެ ސަބަބުން، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ހިދުމަތް ގާއިމުނުކުރެވި ހުރި ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކު ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެން ދާނެ ކަމަށެވެ.
މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް އަހުމަދު ސައުދީ އެވެ. އަދި އާރްޑީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ސޮއިކުރެއްވިއިރު، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހެވެ.
ފުލުހުން ބުނީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުންވެސް ހިމެނޭ ކަމަށެވެ.