ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތުގައި ލިބި މުވައްޒަފުންނަށެވެ. އުމްރާއަށް ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަސްވީ މުވައްޒަފުންގެ ތެރޭން ކުރިމަތިލާ މުވައްޒަފުންނަށެވެ،
ސްޓެލްކޯ މުވައްޒަފުންގެ ތެރޭ މި އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފި.
ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ އެކަަމަށްޓަކައި ބުދަ ދުވަހުގެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 102 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 84 މުވައްޒަފެކެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 218 ފަރާތަކުން ހުށަހެޅި އިރު ޝަރުތުހަމަވެފައިވަނީ 215 މުވައްޒަފެކެވެ.
ސްޓެލްކޯ އިން 2023 ވަނަ އަހަރާއި ހަަމަޔަށް ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި ފިރިހެން މުވައްޒަފަކަށް އެހެން ނަމަވެސް، ކުންފުނީގެ އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް މިދިޔަ އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ނިންމާފަ އެވެ.
ސްޓެލްކޯއިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުން ނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.