އެ މަގާމަށް އައްޔަނު ކުރެއްވުމުގެ ކުރިން އަނަސް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމުގެ މަގާމަށް ގއ. ދެއްވަދޫ، ދޭލިޔާގެ، މުހައްމަދު އަނަސް އައްޔަނު ކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަނަސް އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުންނެވެ.
އެ މަގާމަށް އައްޔަނު ކުރެއްވުމުގެ ކުރިން އަނަސް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އަނަސް އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ އެހެން ވަޒީފާތަކުގެ ތެރޭގައި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރު ކަމުގެ މަގާމު ވެސް ހިމެނެ އެވެ.
ޕީސީބީގެ ރައީސް ކަމަށް އަނަސް އައްޔަނު ކުރައްވާފައިވާއިރު، މީގެ ކުރިން އެ މަގާމުގައި ހުންނެވީ ހަމްދީ އަގީލެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.