މަސީން ނެރުނު ރިޕޯޓުގައިވާ ގޮތުން އިމާރާތް ކުރުމުގެ ސާމާނު ބަލްކްކޮށް ހުޅުމާލެއަށް އެތެރެކޮށް އެ ބަންދުކޮށްގެން އެމްއެމް އެކްސްޕޯޓުން ދަނީ ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންނެވެ.
އިމާރާތް ކުރުމުގެ މަޝްރޫއުތައް ހިންގަން ރާއްޖެ އަންނަ ބޭރު ކުންފުނިތަކުން ގަނޑުކޮށާް ރާއްޖެއަށް މުދާ އެތެރެކޮށް ގަވައިދާ ހިލާފަށް ވިއްކާ މައްސަލާގައި ދިވެހި ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ ޓްރާންސްޕޯޓް އަދި ލޮޖިސްޓިން ކޮމެޓީން އެކުލަވާލި ރާއްޖޭގެ ޓްރާންސްޕޯޓް އަދި ލޮޖިސްޓިން ސިނާއަތުގައި ހުރި މައްސަލަތަކުގެ ރިޕޯޓުގައިވާ ގޮތުން ހުޅުމާލެ ފޭސް ދޭއެއްގެ ބިން ބޭރުގެ ކުންފުނިތަކުން ގަވައިދާ ހިލާފަށް ބޭނުން ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ބޮޑެތި ޕްރޮޖެކްޓްތަކަށް ޓެކްސް ނުދައްކައި މުދާ ގެންނައިރު ބޭރުގެ ކުންފުނިތަކަށް ޕްރޮޖެކްޓުގެ ބީއޯކިއުއަށްވުރެ އިތުރަށް ގެނެވެ އެވެ. އަދި ބިމު ކުލި ނުދައްކައި ޕްރޮޖެކްޓުގެ ނަމުގައި މި މުދާތައް ހުޅުމާލެ ފޭސް 2 ގައި ބެހެއްޓުމުގެ އިތުރުން އެ ކުންފުނިތަކުން ދަނީ މި ބިންތައް ޕްރޮޖެކްޓުގެ ހަބެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ.
"މި ބިމުގައި ސާމާނު ބަންދުކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނަ ކޮންޓްރަކްޝަން ޓެކްސްއާ ނުލައި އަގުހެޔޮކޮށް ދަނީ ވިއްކަމުން،" ދިވެހި ކުންފުނިތަކަށް ވިޔަފާރި ކުރަން ދަތިވެ ފުރުސަތުތައް ބަންދުވަމުންދާ މައްސަލަ ފާހަގަކޮށް ދިވެހި ކުންފުނިތަކުން މި ރިޕޯޓުގައި ބުނެފައިވެ އެވެ.
މަސީގެ މި ރިޕޯޓުގައި ބުނެފައިވާ ގޮތުން މި ގޮތުން ގަވައިދާ ހިލާފަށް ބިން ބޭނުން ކުރަމުންދާ އެއް ކުންފުންޏަކީ އިންޑިއާގެ އެމްއެމް އެކްސްޕޯޓް ކުންފުނިންނެވެ.
މި މައްސަލަ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ފެންމަތިކޮށްފައިވެ އެވެ. މި ރިޕޯޓުގައިވާ ފުލުހުންގެ މެރިން ޕޮލިހުން ބުނެފައިވާ ގޮތުން ގަވައިދާ ހިލާފަށް މި މަސައްކަތް ކުރާ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. އަދި މި "ޓެކްސް ފްރީ ޒޯން" އަކީ ކޮން ބައެއް ކަމެއްވެސް ނޭނގޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ސަރަހައްދުގައި މަސައްކަތް ފަށާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ނެތި އެވެ.
"މިއީ ހުއްޓުވަން ޖެހޭ ކަމެއް. ހުއްޓުވީމަ ހުރިހާ ހުއްދަތަކެއް ލީގަލައިޒްކޮށްލީ،" ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލަ ހައްލު ކުރަން އެޅިދާނެ ފިޔަވަޅުގެ ގޮތުގައި އިންޑަސްޓްރީން ދީފައިވާ ރެކޮމެންޑޭޝަންއަކީ ކޮންމެ ޕްރޮޖެކްޓަކަށްވެސް ގެނެވޭ މުދާ ބަލައި ބީއޯކިއުއަށްވުރެ އިތުރަށް ނުގެނެވޭނެ ގޮތެއް ހެދުމެވެ. މީގެ އިތުރުން ފުލުހުން މިކަން ހައްލު ކުރަން ދީފައިވާ ހިޔާލަކީ މިކަމަށް ގަވައިދެއް ހެދުމާއި ހުރިހާ ވުޒާރާތަކެއް ގުޅިގެން މިކަމަށް ހައްލު ހޯދުމެވެ.