މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 488,878 އަށް އަރާފަ އެވެ. މި ހަފުތާގައި 500،000 އަށް އަރާނެ އެވެ.
މި އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 2.3 މިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަނާ ގާތަށް ޖެހިލައިިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 488,878 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް އައި 466,273 ޓޫރިސްޓުންނާ އަޅާބަލާއިރު 4.8 ޕަސެންޓުގެ އިތުރުވުމެކެވެ.
ހިސާބުތައް މިހާރު ދައްކާ ގޮތުގައި މި ފެށޭ ހަފުތާގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 500،000 ހަމަވާނެ އެވެ. މިއީ މިދިޔަ އަހަރު މި އަދަދު ހަމަވި މުއްދަތަށްވުރެ އަވަސް ތާރީހެކެވެ. މިހާރު ރާއްޖެ ދުވާލެއްގެ މައްޗަށް އަންނަ ކަމަށް ދައްކަނީ 7,189 ޓޫރިސްޓުންނެވެ.
ރާއްޖެއަށް މިހާތަނަށް އަންނަ ޓޫރިސްޓުންގެ ތެރޭގައި އެންމެ ގިނައީ ޗައިނާ މީހުންނެވެ. އެ ގައުމުން މިހާތަނަށް 62,527 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް ހިމެނޭ ރަޝިއާއިން 49,433 މީހުން އަދި އިނިގިރޭސިވިލާތުން 49,126 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. މީގެ އިތުރުން އިޓަލީން 46,395 މީހުން އަދި ޖަރުމަނުވިލާތުން 32,307 މީހުން އައިސްފައިވެ އެވެ. އަދި އަވަށްޓެރި އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 23,219 ގަ އެވެ.
މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ގާތްގަނޑަކަށް 70 ޕަސެންޓް ގޮސްފައިވަނީ ރިސޯޓް ތަކަށެވެ. ރިސޯޓްތަކުގައި މިހާތަނަށް 337,595 މީހުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި މީހުންގެ އަދަދު އުޅެނީ 125,073 ގަ އެވެ. އަދި ހޮޓާތަކުގައި 13,884 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވާއިރު ސަފާރީތަކުގައި 12,037 ޓޫރިސްޓުން ޗުއްޓީ ހޭދަކުރި ކަމަށް ދައްކަ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 2.3 މިލިއަން މީހުން ރާއްޖެ ގެނައުމެވެ.