ދިވެހި ސަރުކާރުގެ ހަރަދުގައި މި އަހަރު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 މީހުން ކަނޑައެޅުމަށް ގުރުއަތުލުން މިއަދު ބާއްވައިފި އެވެ.
މިގޮތުން ފަގީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތުން ވަނީ ހައްޖަށް ފޮނުވާނެ 50 މީހުން ހޮވާފަ އެވެ.
މީގެ އިތުރުން އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެ މީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފަ އެވެ.
ދައުލަތުގެ ހަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން މުރާޖައާކޮށްފައިވާ ދަފްތަރެކެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1،000 ފަގީރުން ހައްޖަށް ފޮނުއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގެ ތެރޭގަ އެވެ.
އަދި މި ވައުދާ އެއްގޮތަށް 2024 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ދައުލަތުގެ ހަރަދުގައި 50 ފަގީރުން ވަނީ ހައްޖަށް ފޮނުވައިފަ އެވެ.