އަނަސްގެ މަރު: ތުހުމަތުވާ މީހުން ބަންދު ނުކުރަން ނިންމައިފި

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއިރު، އެމީހުން ބަންދު ކޮށްދިނުމުގެ އަމުރެއް ހޯދުމަށް ދައުލަތުން ވަނީ އެދިފަ އެވެ. ނަމަވެސް އިއްޔެ ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފަ އެވެ.

އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް އޮތް މީހުން: އެމީހުން ބަންދު ނުކުރަން ހައިކޯޓުން ވަނީ ނިންމާފައި --

މީގެ އަށް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދު ނުކުރަން ހައިކޯޓުން އިއްޔެ ނިންމައިފި އެވެ.

އަނަސް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

މި އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ފެބްރުއަރީ 25، 2024 ގަ އެވެ. ކޯޓުން އެ ހުކުމް ކުރީ ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއިރު، އެމީހުން ބަންދު ކޮށްދިނުމުގެ އަމުރެއް ހޯދުމަށް ދައުލަތުން ވަނީ އެދިފަ އެވެ. ނަމަވެސް އިއްޔެ ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފަ އެވެ.

ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ތުހުމަތުވާ މީހުން ބަންދު ކުރަން ޖެހޭ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާތީ އެވެ. އެގޮތުން، މިފަދަ އަމުރެއް ނެރެވޭނީ އިސްތިއުނާފްގެ މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ހާލަތްތަކުގަ އާއި މުޖުތަމައުގެ ބޮޑު މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އަދި ތުހުމަތު ކުރެވޭ ފަރާތްތައް ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އޮތް މައްސަލަތަކުގައިކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު މުހައްމަދު ޝަނީޒާއި ފަނޑިޔާރު ހުސެއިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

މައްސަލައިގެ ހުލާސާ - 2017 ވަނަ އަހަރު އަނަސް މަރައިލީ މާސްކް އަޅައިގެން ތިބި ބަޔަކު އޭނާ ފަހާ ދުވެ، އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައިގެންނެވެ. އޭނާ މަރާލީ އަދާވާތްތެރި ގުރޫޕެއްގެ މެމްބަރެއް ކަމަށް ހީކޮށެވެ. އަނަސްއަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއްގެ މެދުގައި އޮތް އަދާވާތްތެރިކަމާ ގުޅިގެންނެވެ.

ރަހުމުކުޑަކޮށް އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވި އެވެ. މި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމައި، 2022 އަހަރުގެ އޮކްޓޯބަރު މަހު ވަނީ 18 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން އެކުއްޖާގެ މައްޗަށް އިއްވި ހުކުމް މިދިޔަ އަހަރު ވަނީ 10 އަހަރަށް ލުއިކޮށްފަ އެވެ.

އަނަސް މަރާލުމުގެ ތުހުމަތު އޮތް އެންމެން ދޫކޮށްލުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.