އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތާ އެކު އޭނާގެ މައްސަލަ އޭސީސީއަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހުށަހަޅުއްވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތާ އެކު އޭނާގެ މައްސަލަ އޭސީސީއަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހުށަހަޅުއްވައިފި އެވެ.
ޖޭއެސްސީން، އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ހުސްނުއްސުއޫދު މިދިޔަ މަހު ސަސްޕެންޑުކޮށްފައިވަނީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
އޭގެފަހުން ސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ނަމަވެސް، އޭސީސީން ބަލަމުންދަނީ އެ ތިން ފަނޑިޔާރުންނާ ގުޅޭ ކޮން މައްސަލައެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.
ޝާމިލްއަށް ފޮނުވި ސިޓީގައި އަޒްމިރަލްދާ ވިދާޅުވީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައިވިޔަސް، އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއްގައި އެއްވެސް މައްސަލައެއް ބަލާކަން އޭސީސީން އަންގާފައިނުވާ ކަމަށެވެ.
އަދި މިދިޔަ މަހުގެ 26 ގައި އޭސީސީން ފަނޑިޔާރުންގެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީ ފޮނުވާފައިވަނީ ވެސް އިޖުރާއަތުތަކާ އުސޫލުތަކުގެ ބޭރުންކަމަށް އަޒްމިރަލްދާ ވިދާޅުވެފައިވެ އެވެ.
މިގޮތުން، އޭސީސީގެ ސިޓީ ފޮނުވާފައިވަނީ އާންމު އުސޫލުގެ ދަށުން ޖެމްސް މެދުވެރިކޮށް ނޫންކަމާއި އެ ސިޓީގައި ސިޓީ ނަމްބަރެއް ނެތްކަން އަޒްމިރަލްދާ ވިދާޅުވި އެވެ.
އަދި އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގިއިރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން އޭސީސީން ނިންމާފައިނުވާކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އެންޓި ކޮރަޕްޝަން ކޮމިޝަންގެ އާއްމު އިޖުރާއަތުތަކާ ހިލާފުވެ މަގާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރައްވައި ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުން ސަސްޕެންޑުކުރުމަށް ސިޓީ ފޮނުއްވާފައިވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލްކޮށްދިނުމަށާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ކަމަށް އެ ކޮމިޝަންގެ ގާނޫނަށް ގެނެވުނު ތިން ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއުުކުރުމުގެ މަސްހަލަތުކަމުގައި ވެސް ދެކެމެވެ،" އެ ސިޓީގައި އަޒްމިރަލްދާ ތުހުމަތު ކުރެއްވި އެވެ.
އަދި ޝާމިލްގެ މި އަމަލުތަކަކީ، ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއްކަމުގައިވާތީ، ޖިނާއީ ކުށުގެ މި ޢަމަލު އަވަސްގޮތެއްގައި ތަހުގީގުކޮށްދިނުމަށް އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފަ އެވެ.