ފޮރިން ސާވިސް ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ކުރީ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައިވާ ކަން ހާމަވެއްޖެ އެވެ.
ފޮރިން ސާވިސް ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ކުރީ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައިވާ ކަން ހާމަވެއްޖެ އެވެ.
ފޮރިން ސާވިސްގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) – މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބަޔާންކުރާ މުވައްޒަފުން އައްޔަންކުރަންވާނީ ފޮރިން ސާވިސް ގެ މުވައްޒަފުންގެ ޖުމްލަ ޢަދަދުގެ 20 ޕަސެންޓަށް ވުރެ ގިނަ ނުވާނެ ގޮތެއްގެ މަތިން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ނަމަވެސް، ގާނޫނުގައި ބަޔާންކުރާ އަދަދަށް ވުރެ އިތުރަށް ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވިދާޅުވެ، ސީދާ އަދަދު ސާފުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ލިޔުމުން ފޮނުއްވި ޖަވާބުގައިވާ ގޮތުން، ކުރީގެ އެމްޑީޕީ ސަރުކާރުގައި ވެސް ހާރިޖިއްޔާއަށް ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ނިސްބަތަށް ވުރެ އިތުރަށެވެ.
މިގޮތުން، ކުރީގެ ސަރުކާރުގެ އެންމެ ފަހު މަސް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، މިނިސްޓްރީ އާއި މިޝަންތަކުގައި ފޮރިން ސާވިސްގެ 137 މުވައްޒަފުން ތިބިއިރު، މިނިސްޓްރީ އާއި މިޝަންތަކުގައި 116 ސިޔާސީ މުވައްޒަފުން ތިބި ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
އެއީ ފޮރިން ސާވިސް މުވައްޒަފުންގެ ނިސްބަތުން ބަލާނަމަ، ގާތްގަނޑަކަށް 84 ޕަސެންޓެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި، މި ސަރުކާރުގައި، މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް، މިނިސްޓްރީ އާއި މިޝަންތަކުގައި ފޮރިން ސާވިސް މުވައްޒަފުންގެ ޖުމްލަ އަދަދަކީ 139 އެވެ. އަދި އެ މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އާއި މިޝަންތަކަށް އައްޔަނުކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު 132 އަށް އަރަ އެވެ.
އެއީ ފޮރިން ސާވިސް މުވައްޒަފުންގެ ނިސްބަތުން، 95 ޕަސެންޓެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރައްވާފައިވާ ފާތިމަތު އިނާޔާގެ ޝަރުތު ހަމަނުވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަން ސާފުކުރެއްވުމަށް ވެސް މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލުގެ ޖަވާބު ވެސް އިއްވާފައިވެ އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ހަލީލް ވިދާޅުވީ، ފޮރިން ސާވިސް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން، އިނާޔާ އަކީ މިނިސްޓްރީގެ އެގްޒެކެޓިވް ސްޓާފުންގެ ގިންތީގެ "ސެކްރެޓަރީ" ގެ މަގާމުގައި ހިދުމަތްކުރަމުންގެންދާ ފޮރިން ސާވިސްގެ މުވައްޒަފުންގެ ތެރެއިން ފޮރިން ސާވިސްގެ ތަޖުރިބާ އާއި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމާއެކު، މިނިސްޓްރީގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށެވެ.