ޔާމީންގެ ވެރިކަމުގައި، 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ކަމަށާއި، އޭރު އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވެސް ނުފޫޒު ފޯރުވަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރި ވެރިކަމެއްކޮށް، ގައުމަށް އެންމެ ބޮޑަށް ހިޔާނާތްތެރިވި ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށާއި ޖުޑީޝަރީއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހް ވިދާޅުވީ 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށާއި ސަރުކާރުގެ އަތްފައި މަޖިލީހަށް ފޯރުވަމުން ނުދާ ކަމަށެވެ.
ނަމަވެސް ޔާމީންގެ ވެރިކަމުގައި، 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ކަމަށާއި، އޭރު އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވެސް ނުފޫޒު ފޯރުވަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ އަޖައިބުވޭ ޔާމީނުް ޖުޑިޝަރީގެ ވާހަކަ އާއި ކޯޓްތަކުގެ ވާހަކަ ދައްކާތީ. އަދި މާ އަޖައިބުވޭ ވައްކަމުގެ ވާހަކަ ދައްކާތީ، އެއަށް ވުރެ އަޖައިބުވޭ އަނިޔާވެރި ކަމުގެ ވާހަކަ ދައްކާތީ. ބައެއް ފަހަރު ހިތައް އަރާ މި ވާހަކަތައް އެ ކިޔާދެނީ ހަމަ އަބްދުއްﷲ ޔާމީން ބާއޭ، މި ގައުމުގެ 15 އަހަރުން މަތީ ކޮއްމެ ރައްޔިތަކާ މި ސުވާލުތައް ކޮށްލަބަލަ ލިބެނީ މި ޖަވާބު ނޫންތޯ ބަލަން،" ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ކުރިން ޔާމީނާ ގާތް ގުޅުމެއް ބޭއްވި ފަލާހް ވިދާޅުވީ މިގައުމަށް އެންމެ ބޮޑަށް ހިޔާނާތްތެރިވެ، ޖުޑިޝަރީ "ފުނޑާލައި"، ކޯޓުތަކަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ ޔާމީން ކަމަށެވެ. މަޖިލީހުގެ 12 މެންބަރަކު މަޖިލީހަށް ވަނަނުދީ މަޖިލީސް ހިސޯރުކޮށްގެން އުޅުއްވީ ވެސް ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގައުމުގެ ބައިތުލްމާލު ދަވާލައި، އެތައް ސަތޭކަ މިލިޔަން ރުފިޔާ އަމިއްލަ އެކައުންޓް ތަކަށް ޖަމާކޮށްލީ ކާކު؟ ހަމަ އެވެސް ޔާމީން،"
ސުޕްރީމް ކޯޓަށާއި މަޖިލީހަށް ރައީސް ނުފޫޒު ފޯރުވަމުންދާ ކަމުގެ ވާހަކަތައް ގަދަވެފައިވާ ދުވަސްވަރެއްގައި ޔާމީން ވެސް ވަނީ ވަރަށް ބޮޑަށް އެކަމާ ގުޅިގެން ރައީސަށް ފާޑުވިދާޅުވެފަ އެވެ.