އަޒްމިރަލްދާއަށް ކުރާ ތުހުމަތުތައް ދޮގުކޮށް، ތަހުގީގަކީ ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ބުނެފި

ޖިނާއީ ކުށެއްގެ ތުހުމަތު ނެތީސް ހައްޔަރުކުރި އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރަން އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު -- މިހާރު ނޫސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާ ގުޅުވައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރަމުންދާ ތަހުގީގުގައި ކުރަނީ އެއްވެސް އަސާސެއް ތުހުމަތުތަކެއް ކަމަށާއި، އެ ހާލަތު އުފެއްދީ މަސައްކަތަށް ނުފޫޒު ފޯރުވަން ކަމަށް، އަޒްމިރަލްޑާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

އަޒްމިރަލްދާގެ އިތުރުން އެންމެ މަތީ ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދު ޖޭއެސްސީން ވަނީ ސަސްޕެންޑުކޮށްފަ އެވެ. ނަމަވެސް، އެއީ ސީދާ ކޮން މައްސަލައެއް ކަމެއް އޭސީސީން ވެސް އަދި ޖޭއެސްސީން ވެސް މިހާތަނަށް ބުނެފައެއް ނުވެ އެވެ. 

އެ މައްސަލަތައް ބަލަމުންދަނިކޮށް، ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ނަމަވެސް، އަޒްމިރަލްދާ އާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދަނީ، އަޒްމިރަލްދާގެ ފިރިކަލުން ފުލުހުން ހައްޔަރުކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ޕްރެޝަރު ކުރި ކަމަށް ބުނާ މައްސަލައެއް ކަމުގެ އަޑުތަކެއް ދަނީ އިވެމުންނެވެ. 

އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ނެތީސް ހައްޔަރުކުރި އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރަން އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅައި، ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލުތަކާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ޝަމީލް ވިދާޅުވި އެވެ. 

އަދި މި މައްސަލަ ބަލަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ފާއިތުވެފައިވާއިރު، ޝަމީލް ވިދާޅުވީ އެ މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ޖޭއެސްސީން ވެސް އަދި ޖޭއެސްސީން ވެސް މިހާތަނަށް ދީފައިނުވާ ކަމަށެވެ. 

"އޭސީސީން ފަނޑިޔާރުގެ މައްސަލައެއް ބަލަމުންދާ ކަމެއް ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއް ކަމެއް ވެސް އެއްގޮތަކަށް ވެސް އަންގާފައެއް ނުވެ އެވެ. އަދި ފަނޑިޔާރާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގު ކުރަމުންދާ ކަމަށް ޖޭއެސްސީން ބުނާތީ އެ މައުލޫމާތުތައް ހޯދުމަށް އޭސީސީއަށް ލިޔުމުން ހުށަހެޅުމުން ވެސް މިހާތަނަށް އެ މައުލޫމާތު ހިއްސާކޮށްފައެެއް ނުވެ އެވެ،" ބަޔާނުގައި ވަކީލް ވިދާޅުވި އެވެ.

އެހެންކަމުން، މި ތަހުގީގުގެ އަސާސާ މެދު ޝަމީލް ވަނީ ސުވާލު އުފައްދަވައިފަ އެވެ. 

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށެވެ. 

މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ސަރުކާރު ހިންގާ ޕީއެންސީން އިސްވެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ ފެށުމަށް ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބެލުމުގެ އިހުތިސާސެއް ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށް ބުނެ ބަންޑާރަނައިބުގެ އޮފީހުން އިއުތިރާޒް ކުރި އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލަން ނިންމައިފަ އެވެ.

އޭގެފަހުން، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރަން، ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު އިސްލާހެއް ހުށަހެޅުއްވި އެވެ. ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވިޔަސް، އޭނާ އެ ބިލު ހުށަހަޅުއްވާފައިވަނީ އަމިއްލަ ގޮތުންނެވެ.

ނަމަވެސް، ޕީއެންސީގެ މެމްބަރުންގެ ތާއީދާ އެކު އެ އިސްލާހު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެ އިސްލާހު ފާސްކުރުމުގެ ކުރިންނެވެ. އަދި އެ އިސްލާހު ފާސްކުރިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގު ކުރައްވާފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.