އެ ޕްލޭނަށް ރާއްޖޭން މަރުހަބާ ކިޔާކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޕްލޭންގެ ދަށުން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނުގައި ތިބެވޭނެ ކަން ކަށަވަރުވާ ކަމަށެވެ.
އިޒްރޭލުގެ ލާއިންސާނީ އުދުވާނުތަކުގައި ސުންނާފަތިވެފައި އޮތް ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވޭ ގޮތަށް އަރަބި ގައުމުތަކުން ހުށަހަޅާފައިވާ ޕްލޭނަށް ރާއްޖޭން މަރުހަބާ ކިޔައިފި އެވެ.
މިސްރުން އިސްވެ ހުށަހެޅި ޣައްޒާ އަލުން ބިނާ ކުރުމުގެ ޕްލޭން އަރަބި ބޮޑެތި ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.
ގާތްގަނޑަކަށް 53 ބިލިއަން ޑޮލަރުގެ ޕްލޭނުގައި ވަނީ ޣައްޒާގައި އިމާރާތްތަކާއި ވަސީލަތްތައް ބިނާކުރުމުގެ އިތުރަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ސަލާމަތީ ކަންކަން ބެލެހެއްޓުން ވަރަށް ތަފްސީލުކޮށް ހިމަނައިފަ އެވެ.
އެ ޕްލޭނަށް ރާއްޖޭން މަރުހަބާ ކިޔާކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޕްލޭންގެ ދަށުން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނުގައި ތިބެވޭނެ ކަން ކަށަވަރުވާ ކަމަށެވެ.
"ރާއްޖޭން ގަބޫލުކުރާ ގޮތުގައި، 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ ބޯޑަރާ އެއްގޮތަށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމަށް ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން އަންނަ އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި މިއީ އެޅިގެންދާނެ މުހިންމު ފިޔަވަޅެއް،" ހަލީލް ވިދާޅުވި އެވެ.
ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނެއް އެކުލަވައިލަން އަރަބި ގައުމުތަކުން އިސްނެގީ، ޣައްޒާ އަމިއްލަކޮށްލައި، އެތަން ތަރައްގީ ކުރަން، އެތަނުގައި ދިރިއުޅޭ 2.4 މިލިއަނެއްހާ ފަލަސްތީނުގެ ރައްޔިތުން ބާލަން އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް ހުށަހެޅުއްވުމުންނެވެ.
ނަމަވެސް، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ވަޒަނުން ބާލާ ގޮތަށް އެކުލަވައިލެވޭ އެއްވެސް ޕްލޭނަކާ ކަނޑައެޅިގެން ދެކޮޅު ކަމަށް ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ.