ރޯދަ މަހަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން ކާށީގެ އިތުރު ޝިޕްމެންޓް ގެނެސް، އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.
މިއީ އިންޑިއާއިން ގެނައި ކާއްޓެވެ. މީގެ ކުރިން ވެސް އެސްޓީއޯއިން ފަސް ރުފިޔާއަށް ކާއްޓެއް ވިއްކީ އިންޑިއާއިން ގެނެސްގެންނެވެ.
އެ ކުންފުނިން ބުނީ މިފަހަރު ކާށި ވިއްކަނީ 20 ރުފިޔާއަށް ކިލޯއެއްގެ މަގުން ކަމަށެވެ. ކާށީގެ ސައިޒަށް ބަލައި، ކާއްޓެއްގެ އަގު ޖެހޭނީ ގާތްގަނޑަކަށް ހަތް ރުފިޔާއާއި ނުވަ ރުފިޔާއާ ދެމެދެވެ.
ބާޒާރުގައި ކާށީގެ އަގު އުޅެނީ 40 ރުފިޔާއަށް ކިލޯ އެކެވެ.
އެސްޓީއޯ އިން ބުނެފައި ވަނީ މިއަހަރުގެ ރޯދަ މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން، ލުނބޯ، ފިޔާ އަލުވި، ލޮނުމެދު، ބިސް އަދި ކަދުރުފަދަ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ވަރަށް އަގުހެޔޮކޮށް ދަނީ ވިއްކަމުންނެވެ.