ސްޓެލްކޯ އެމްޑީ ފަހުމީ ވިދާޅުވި ގޮތުގައި 150 މެގަވޮޓުގެ ސޯލާ މަޝްރޫއާއެކު އިންޖީނުތައް އަށް ގަޑިއިރު ނިއްވާލިޔަސް މާލެ ސަރަހައްދަށް ކަރަންޓުދެވި ތެލަށްކުރާ ހަރަދު ބޮޑުތަނުން ކުޑަކުރެވޭނެ އެވެ.
ޑެންމާކް ކުންފުންޏަކުން މާލެ ސަރަހައްދުގައި ގާއިމްކުރާ އެސްއީޒެޑް އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބިޔަ މަޝްރޫއާއެކު މާލެ ސަރަހައްދުގެ އިންޖީނުތައް ދުވާލު ގަޑީގައި އިންޖީނުތައް ނިއްވާލައިގެން ކަރަންޓު ދެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާ 150 މެގަވޮޓުގެ ސޯލާ މަޝްރޫއާއެކު އިންޖީނުތައް އަށް ގަޑިއިރު ނިއްވާލިޔަސް މާލެ ސަރަހައްދަށް ކަރަންޓުދެވި ތެލަށްކުރާ ހަރަދު ބޮޑުތަނުން ކުޑަކުރެވޭނެ އެވެ.
އެމްޑީ ވިދާޅުވީ ރޯދައިގެ ފަހުން ސްޓެލްކޯން ފަށާ މާލެ ސަރަހައްދުގެ ސްމާޓް މީޓަރު ހަރު ކުރުމުގެ މަސައްކަތަކީ އިންޖީނު ނިއްވާލައިގެން ކަރަންޓު ދިނުމުގެ މަގު ފަހިކުރުމެވެ.
"ސްމާޓް މީޓަރު ހަރުކުރުމުގެ ރޯދައިގެ ފަހުން ފެށި އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. ސްމާޓް މީޓަރު ހަރުކުރީމަ އެކި ވަގުތުތަކުގައި ތެލުން އަދި އަވިން އުފައްދާ ހަކަތައިން ކަރަންޓު ދިނުމުގެ މަގު ފަހިވާނީ. އަދި ސްމާޓް މީޓަރުން ރިއަލް ޓައިމްގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގޭނެ،" ފަހުމީ ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހުގައި ހިންގާ އިޔާދަ ކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފެނިގެންދާނެ މި މަޝްރޫއު ހިންގަނީ ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ދިރިއުޅޭ ގްރޭޓާ މާލެ ސަރަހައްދުގަ އެވެ. މި މަޝްރޫއު ހިންގުމުގެ ހުއްދަ އެސްއީޒެޑް ގާނޫނުގެ ލިބިގެންދާ ހާއްސަ އިހުތިޔާރުގެ ދަށުން ދީފައި ވަނީ ކެނެޑާގެ އެބެކްސް ޕަވާ ކުންފުންޏަށެވެ. މި ކުންފުންޏާއެކު މި މަޝްރޫއުގައި ފަންނީ ކަންކަމުގައި ސަން ގްލޯ ޕަވާ ސަޕްލައި ކޯޕަރޭޝަން ހަރަކާތްތެރި ވާނެ އެވެ. މި ދެ ކުންފުންޏަކީ ވެސް މި ބާވަތުގެ މަސައްކަތްތަކުގައި ދުނިޔޭގައި މަޝްހޫރު ދެ ކުންފުންޏެވެ. ރައީސުލް ޖުމްހޫރިއްޔާ އަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ) ޑޮލަރެވެ. އެހެންވެ މި މަޝްރޫއު 100 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ އެވެ.
ރާއްޖޭން އަހަރަކު އެތައް މިލިއަން ޑޮލަރެއް ތެލަށް ހޭދަކުރަން ޖެހެ އެވެ. މި ބޮޑު ހަރަދުގެ ސަބަބުން ރާއްޖެއަށް ވަނީ ބޮޑެތި މައްސަލަތަކާ ކުރިމަތިވެފަ އެވެ.