ސްޓެލްކޯއިން ގެންނަ ބަދަލަކީ ރީޑިން ނަގާފަ ބިލް ބާއްވާފަ ފަހުން ފޮނުވުމުން އަރަމުންދާ ޒަމާންވީ އޮޅުން ފިލުވަން ގެންނަ ބަދަލެވެ. މި ބަދަލާއެކު ބިލް ކުރާ ތާރީހަށް އަންނަ ބަދަލާއެކު ކަސްޓަމަރުންނަށް އަރާ އޮޅުން ކުޑަ ވެގެންދާނެ އެވެ.
ސްޓެލްކޯ އިން އެއް ފަހަރާ ދެ ބިލެއް ފޮނުވައިގެން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު ހަގީގަތުގައި މި ބަދަލު ގެންނަން އެ ކުންފުނިން ދެ ބިލް ގާތްގާތުގައި ފޮނުވީ އެ ކުންފުނީގެ ބޮލުގައި ތާއަބަދު އަޅުވަކުންދާ "އިލްޒާމް" ނިމުމަކަށް ގެންނާށެވެ. އަނެއް ސަބަބަކީ ކަރަންޓުގެ ހިދުމަތް ހޯދާ ގިނަ ބަޔަކަށް އަރަމުންދާ އޮޅުން ފިލުވައި ހިތުގައި އުފެދިފައިވާ ކަރަންޓު ބިލްގެ ޝައްކާއި ވަހުމް ފިލުވާލާނެ ބަދަލެއް ބިލިން ނިޒާމަށް ގެނައުމެވެ. އެ ކުންފުނިން ބިލް ހަދައި ބިލް ކުރަން 20 އަހަރަށްވުރެ ގިނަ ދުވަހު ބޭނުންކުރި މުސްކުޅި ނިޒާމު ދޫކޮށް އާއްމުންނަށް އޮޅުން ނާރާނެ ބަދަލެއް ގެންނާނެ އެވެ.
ސުވާލަކީ މި ބަދަލު ގެންނަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ މި ބަދަލާއެކު ރައްޔިތުން މީހާގެ ޖީމަށް ބުރައެއް އަތުވެދާނެ ހެއްޔެވެ؟ މި ބަދަލުގެ ސަބަބުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟
ސްޓެލްކޯ އިން މި ބަދަލު ގެންނަ މަސައްކަތް ކުރީ މިއަދު އެކަންޏެއް ނޫނެވެ. މިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް މި ބަދަލަކީ ކޮންމެހެން ގެންނަން ޖެހޭ ބަދަލެއް ކަމަށް ދެކެ އެ ކަމަށް އެ ކުންފުނީގެ ފަންނީ މުވައްޒަފުން މަސައްކަތް ކުރި އެވެ. އެކަމަށް ތައްޔާރުވި އެވެ. އެކަމަކު އެ ފަހަރު އެކަން ފެއިލްވީ އޭރުގެ ސަރުކާރުން ލިބެން ޖެހޭ ފެހި ސިގްނަލް ނުލިބިގެންނެވެ.
"އަޅުގަނޑުމެން ޕްރެޒެންޓޭޝަން ހަދައިގެން ދިޔައިން ރައީސް އޮފީހަށް. ގޮސް ބަދަލުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ މަންފާ އާއި ލިބޭނެ ކުރިއެރުން ކިޔައި ދިނުން. އެކަމަކު އެ ފިޔަވަޅު އަޅާކަން ނުކެރުނު،" އެ މަސައްކަތުގައި ގާތުން މަސައްކަތް ކުރި ސްޓެލްކޯގެ މުވައްޒަފަކު ބުންޏެވެ.
އެ ފަހަރު ސަރުކާރުން އެކަން ކުރަން ބޭނުން ނުވިނަމަވެސް ތާއަބަދު އަރަމުންދާ މި އޮޮޅުން ބޮޅުން ގަނޑުން ސަލާމަތްވާން ސްޓެލްކޯއިން އަޅަން ނިންމި މި ފިޔަވަޅަށް މި ފަހަރު ސަރުކާރުން ވެސް އޮތީ ރުހި ގެންނެވެ. ސަބަބަކީ މި ބަދަލު ނުގެނެސްފިނަމަ ފަހުން އަންނާނެ ދަތިތަކާއި ރައްޔިތުންނަށް އުފުލަން ޖެހޭނެ ތަކުލީފު އިންތިހާއަށް ބޮޑުވުމެވެ. މި ބަދަލު ނުގެނެސްފިނަމަ ފަހުން ކުރިމަތިވާނެ މައްސަލަތައް މިދިޔަ ރޯދަ މަހު ގިނަ ބަޔަކަށް ތަހައްމަލް ކުރަން ޖެހުމެވެ.
ސަރުކާރުން ކޮންމެ ރޯދަ މަހެއްގައި ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދެނީ ރައްޔިތުންނަށް ލުއި ފަސޭހައަކަށެވެ. ނަމަވެސް ސްޓެލްކޯގެ ބިލިން ސައިކަލް އިންނަ ގޮތުން ބައެއް ބިލްތައް ރޯދަމަހުގެ ފަހަށް ފޯލްވެ އެ ބިލްތަކަށް ޑިސްކައުންޓް ނުލިބި މިދިޔަ އަހަރު ބޮޑެތި މައްސަލަ ތަކެއް ފެންނަތިވި އެވެ. ގިނަ ބައެއްގެ ޝޯޓް މެމޮރީގައި މިދިޔަ އަހަރު ޖެހުނު މި މައްސަލަ ހަނދާން ނެތަސް މިކަމުގެ ސަބަބުން ގިނަ ރައްޔިތުންތަކަށް ބޮޑު ތަކުލީފެއް މިދިޔަ އަހަރު ކުރިމަތިވިކަން އެނގެން އެބައޮތެވެ. މީގެ ސަބަބުން މާލީ ގޮތުން ވެސް އުފުލަން ޖެހުނު ބުރަވެސް ދެ ގުނަވި އެވެ. ރޯދަ މަހު ޑިސްކައުންޓް ދިނުމަށްފަހު ޖެހިގެން އައި މަހު ވެސް ސަރުކާރަށް ޑިސްކައުންޓް ދޭން ޖެހުމެވެ.
ސްޓެލްކޯ އިން މިހާރު ގެންނަ ބަދަލަށް ފޮރުރާޅަން ޖެހުނު އެއް ސަބަބަކީމި އެވެ. އަނެއް ސަބަބަކީ ސްޓެލްކޯއިން މީޓަރުގެ ރީޑިން ނެގުމަށްފަހު އެ ކުންފުނީގައި ބިލް ބާއްވާ ސަގާފަތް ނިމުމަކަށް ގެނައުމެވެ.
ސްޓެލްކޯގައި 30 އަހަރު ދުވަހު މަސަކައްކަތް ކުރައްވާފައިވާ މިހާރުގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވި ގޮތުގައި ގާތްގާތުގައި ދެ ކަރަންޓު ބިލެއް ފޮނުވަނީ، ރޯދަމަހުގެ ޑިސްކައުންޓް ފުރިހަމަ އަށް ދޭން ކަމަށާއި އެންމެ ފަހުން ފޮނުވި ބިލު ދައްކަން އިތުރު މުއްދަތު ލިބޭނެ އެވެ. މި ބިލްތަކުގެ ސަބަބުން ރައްޔިތުންނަށް ގެއްލުމެއް ނުވާނެ އެވެ.
އޭނާ ވިދާޅުވީ ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް ކަމަށާއި އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމާ ނިންމުމެއް ކަމަށެވެ.
"ބިލްތަކުގެ ރީޑިން ނެގި ތާރީހްތައް ބިލުން ފެންނަން ހުންނާނެ. މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީިޑިން ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް،" ފަހުމީ ވިދާޅުވި އެވެ.
ރޯދަ މަހު ބިލް ހެދުމަށް ސްޓެލްކޯ އިން ގެންނަ ބަދަލާއެކު ބައެއް އޮޅުން ތަކެއް ކަސްޓަމަރުންނަށް އެރުން ގާތެވެ. ނަމަވެސް ސްޓެލްކޯ އިން ވަނީ މި ބިލްތަކަށް ފައިސާ ދެއްކުމަށް ވަނީ ބުރަ ބޮޑު ނުވާނެ ގޮތަށް އަތުރާލާފަ އެވެ.
ޖެނުއަރީ މަހު ސްޓެލްކޯ އިން ފޮނުވި ބިލްގެ ޑިއު ތާރީހު ނުވަތަ ބިލް ދައްކަން ޖެހޭ މުއްދަތަކީ މި މަހުގެ 4-2 އެވެ. އަދި ފެބްރުއަރީ މަހުގެ ބިލް ޑިއުވާނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. އެވްރެޖުކޮށް ސްޓެލްކޯ އިން ފޮނުވާ ކަރަންޓު ބިލަށް ގްރޭސް ޕީރިއަަޑް ނުވަތަ ބިލް ދައްކަން ޖެހޭ މުއްދަތުގެ ގޮތުގައި 10 ދުވަސް ދެ އެވެ. އެކަމަކު ރޯދަ މަހަށް މިދިޔަ މަހުގެ 27 ގައި ރީޑިން ނެގި ކަރަންޓު ބިލް ދައްކަން އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ ބިލްގެ ގްރޭސްޕީރިއަޑް ހަމަވާނީ އެޕްރީލް އެއްވަނަ ދުވަހު އެވެ.
މި ފުރުސަތު ދިން ނަމަވެސް ބިލް ދެއްކުމުގައި ދަތިވާ ފަރާތްތަކަށް ލުއިދޭން އެ ކުންފުނިގައި އޮންނަ ނިޒާމުގެ ދަށުން އެކަން ކޮށްދޭނެ އެވެ. އެ ކަމަކީ ކޮންމެހެން އެމްޑީގެ އަރިހަށް ނޫނީ ސްޓެލްލޯ ވެރިއެއްގެ އަރިހަށް ނުގޮސް އޮންނަ ނިޒާމުގެ ދަށުން ސްޓެލްކޯ ވެބްސައިޓް މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު އޮންނަ ނިޒާމެވެ.
ފަހުމީ ވިދާޅުވީ ރޯދަމަހަށް ވަކިން ބިލެއް ހެދުމުގެ ރޯދަމަހު ބޭނުންކުރާ ކަރަންޓަށް ބިލް ކުރުމެވެ. ރޯދަ މަހާއެކު ބިލިން ނިޒާމަށް ގެންނަ މި ބަދަލާއެކު ސްޓެލްކޯ އިން މިހާރު ނިންމާފައިވަނީ މި ބެކްލޮގް ފިލުވާލެވުމާއެކު އަންނަ މަހުން ފެށިގެން އެ މަހެއްގެ ފަހު ހަފުތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށް ދިނުމަށެވެ.
"އޭގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންއާއި މީޓަރާ އަޅައިކިޔުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވާނެ،" ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯ އިން އާއްމުކޮށް ރީޑިން ނެގުމަށްފަހު ބިލް 25 ދުވަހު ސްޓެލްކޯގައި ބާއްވަ އެވެ. މިގޮތަށް އަމަލު ކުރާތާ 20 އަހަރު ވަނީ ވެފަ އެވެ. މިގޮތަށް އަމަލު ކުރާތީ ބައެއް ފަހަރު ސްޓެލްކޯ އަށް ބިލް ބަދަލުކުރާ ކަމުގެ ތުހުމަތު ކުރެ އެވެ. އެކަމަކު ހަގީގަތުގައި ހިދުމަތުގައި 75 އަހަރުގެ ދިގު ތާރީހެއް އޮތް އެ ކުންފުންޏަށް ބޭނުންކުރާ ކަރަންޓު ބިލް ބޮޑު ކުރުމާއި ކުޑަ ކުރުމުގެ އެއްވެސް އިހުތިޔާރެއް ނޯވެ އެވެ. އެކަން ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ އެވެ. އަދި އެކަން ކުރުމުގެ ނިޔަތެއް ވެސް އެ ކުންފުނީގެ އެއްވެސް މުވަޒަފެއްގައި އެއްވެސް ދުވަސްވަރެއްގައި ނެތެވެ
އެމްޑީ ފަހުމީ ވިދާޅުވި ގޮތުގައި އަބަދުވެސް ބުނާ ގޮތަށް ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށެވެ.
"މި ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ. އޮޅުވާލާނެ އެއްޗެއް ވެސް ނޯންނާނެ. ސްޓެލްކޯ އިން މަސައްކަތް ކުރާނީ އަބަދުވެސް އިހުލާސްތެރިކަމާއެކު. އަދި ސްޓެލްކޯއަކީ އަބަދު ވެސް ކަސްޓަަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތްކުރާ ކުންފުންޏެއް،" ފަހުމީ ވިދާޅުވި އެވެ.
ކަރަންޓު މަސައްކަތް ކުރާ ގޮތަށް ބަލާއިރު އިންޖީނު ތަކުން ފޮނުވާލާ ކަރަންޓު ޑިސްބިއިޝަން ފޮށިތައް މެދުވެރިކޮށް ދަނީ ސީދާ ގޭގެ އަށެވެ. އެހެންވީއިރު ސްޓެލްކޯގެ މުވައްޒަފުންނަށް ކަރަންޓު ބިލްތަކާ ކުޅެ ބޮޑު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހަމަ ބުއްދި ހުރި އެކަކުވެސް ގަބޫލެއް ނުކުރާނެ އެވެ. ބިލެއް ބޮޑުކޮށް ކުޑަކުރަން އޮތް ހަމައެކަނި ފުރުސަތުތަކީ ރީޑިން ނަގާއިރު އޮޅުވާލުމެވެ. އެކަމަކު ރީޑިން ނެގުމަށްފަހު ބިލް ހެދުމާދެމެދު އޮންނަ މަރުހަލާތަކުގައި އެކަން ވެރިފައި ކުރެވެ އެވެ. އަދި މައްސަލައެއް ކުރިމަތި ވެއްޖެނަމަ އެކަން ބެލޭނެ ނިޒާމެއް ވެސް އެ ކުންފުނީގައި އޮވެ އެވެ. ކަރަންޓާއި ފެނަކީ ވެސް ބޭނުންކުރާ ވަރު ނުވަތަ "ކޮންސަމްޝަން" އަށް ކުރާ އެއްޗެއްކެވެ. ކަރަންޓަށް ބިލް ކުރާނެ ބޭންޑް ތަކެއް ހަދާފައިވެ އެވެ. އެ ބޭންކްތަކަކީ ސަރުކާރުން ކަމާބެހޭ ވުޒާރާ އެނާޖީ އޮތޯރިޓީން އާއްމުކޮށް ބަލަހައްޓާ ނިޒާމެކެވެ. ކަރަންޓު ބޭނުން ކުރާ ފަރާތުން ބޭންކުރަމުން ގޮސް އެއް ބޭންޑުތައް ފަހަނަ އަޅައި އަނެއް ބޭންޑް އަށް ފޯލްވުމުން ބިލަށް އަންނަ ބަދަލަކީ މުޅިން އެހެން ޓޮޕިކެކެެވެ. އެއީ ކަރަންޓު ބޭނުންކުރާ ފަރާތުގެ މައްސަލަ އެކެވެ.