ސުއޫދު އިސްތިއުފާ ދެއްވީ ސީރިއަސް މައްސަލަތަކެއް ބަލަން ފެށުމުން ކަން ހާމަވެއްޖެ

ޖޭއެސްސީން ބަލާފައިވާ ސުޢޫދުގެ މައްސަލަތަކުގެ ތެރޭގައި ކުރީގެ ވަޒީރު ޢަލީ ވަޙީދު ކޯޓުގެ ޙުރުމަތް ކަނޑައިގެން ކުރި ޙުކުމް ސުޢޫދު ގިނިކަންޏާ ބާތިލުކުރެއްވިކަމަށް ބުނާ މައްސަލައެއްވެސް ހިމެނެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވަން ހުށަހެޅުއްވީ އޭނާއަށް ތުހުމަތު ކުރެވޭ ސީރިއަސް ބޮޑެތި މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހަޅައި ތަހުގީގު ފެށުމުންކަން ހާމަވެއްޖެ އެވެ.

އިއްޔެގެ ފަތިހުގެ ވަގުތެއްގައި ސުއޫދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނާ ސިޓީ ވަނީ މީސްމީޑިއާގައި އާންމުވެފަ އެވެ. ނަމަވެސް އެ ސިޓީ ޖޭއެސްސީގެ ރައީސް އަށް އިއްޔެ މެންދުރާ ހަމައަށް ވެސް ލިބިވަޑައިގެންފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެހެންކަމުން ސުއޫދަށް ތުހުމަތު ކުރެވޭ މައްސަލަތަކާބެހޭ ބައްދަލުވުމެއް ޖޭއެސްސީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގެ އެޖެންޑާގައިވާ ގޮތުން ސުއޫދަށް ތުހުމަތު ކުރެވޭ ހަތަރު މައްސަލައެއްގައި އެ ކޮމިޝަންގެ މައްސަލަބަލާ ކޮމިޓީން ނިންމަވާފައިވާ ނިންމެވުންތަކުގެ ރިޕޯޓްތައް އޮތީ ތާވަލުކޮށްފަ އެވެ.

ޖޭއެސްސީން ބަލާފައިވާ ސުއޫދުގެ މައްސަލަތަކުގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓުގެ ހުރުމަތް ކަނޑައިގެން ކުރި ހުކުމް ސުއޫދު ގިނިކަންޏާ ބާތިލުކުރެއްވިކަމަށް ބުނާ މައްސަލަ އެއްވެސް ހިމެނެ އެވެ. ހަމައެއާއެކު ސުއޫދުގެ އާއިލީ ބޭފުޅެއްގެ މައްސަލަ ސުޕްރީމްކޯޓުގެ ބެންޗްގެ އިސްފަނޑިޔާރަކަށް ސުއޫދު އިންނަވައިގެން ބެއްލެވި ކަމަށް ބުނާ މައްސަލައާއި ސުއޫދުގެ ކުރީގެ މުވައްކިލެއްގެ މައްސަލަ ސުއޫދު ފަނޑިޔާރެއްގެ ހައިސިއްޔަތުން ބެއްލެވި ކަމަށް ބުނާ މައްސަލަ އެއްވެސް ހިމެނެ އެވެ.

އޭގެ އިތުރުން އިލްމީ ބޭނުމަށް ސުއޫދު ލިޔުއްވާފައިވާ ފޮތެއްގައި ކޭސް ސްޓަޑީއެއްގެ ގޮތުގައި ބޭނުންކުރެއްވި ހައިކޯޓުގެ ގަޒިއްޔާ އަކާގުޅޭ އަސްލު މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ފޮތުގައި ސުއޫދު ދެއްވާފައިވާ ރައުޔާ އެއްގޮތް ރައުޔެއް ފަނޑިޔާރުންގެ ބެންޗުގައި އިންނަވައިގެންވެސް ނެރުއްވި ކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.

ސުއޫދުގެ މި މައްސަލަތަކުގައި ގޮތެއް ނިންމުމަށް ޖޭއެސްސީގެ ބައްދަލުވުމަށް އެޖެންޑާ ކުރުމުން ސުއޫދު ވަނީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ނަމަވެސް އިއްޔެ މެންދުރު ފަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސުއޫދުގެ އިސްތިއުފާ ސިޓީ ޖޭއެސްސީއަށް ލިބިފައި ނުވާތީ އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތައް ކުރިއަށް ގެންދިއުމަށެވެ. 

ނަމަވެސް ބައްދަލުވުން ނިމުނު ފަހުން ސުއޫދު އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ހުށަހެޅުއްވި ކަމަށް މައުލޫމާތު ލިބިފައި ވީނަމަވެސް ޖޭއެސްސީން ސުއޫދުގެ އިސްތިއުފާ ގަބޫލުކުރުމާ ގުޅޭ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.