ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލަން އެމްޑީޕީން ގޮވާލައިފި

ބަޔާނުގައި ވަނީ، އަމިއްލަ ފަރުދަކު ވިޔަސް އަދި ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކަސް ފަނޑިޔާރުންގެ މަސައްކަތަށް ބެހި ނުފޫޒު ފޯރުވުމަކީ ގާނޫނުއަސާސީގެ 141 ބަނަ މާއްދާއާ ހިލާފުކަމެއް ކަމަށެވެ.

އެމްޑީޕީގެ އިސްވެރިން ޖަލްސާއެއްގައި --

ސުޕްރީމް ކޯޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ދައުލަތުގެ އެހެން އިދާރާތަކުން ތަހުގީގު ކުރުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކައި، އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ވަކިގޮތަކަށް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އިސްތިއުފާ ދެއްވފައި ވާތީ، އެ މައްސަލަ ތަހުގީގު ކުރަން ދައުލަތުގެ އިހެން އިދާރާތަކަށް ގޮވާލާފަ އެވެ.

ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވި ސިޓީގައި، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލުން ހުއްޓުވަން، ފަނޑިޔާރުންނަށް ބިރުދައްކައި، ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ބުނެފައި ވަނީ، ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެލުމުގެ ފުރިހަމަ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، ޖުޑިޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް ސަރުކާރުން ބަލަމުން ދަނީ އެއްވެސް އަސާސެއް ނެތް މައްސަލަތަކެއް ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އާރާއި ބާރުވެރިކަން މިއަދު އޮތުމުން އެ މައްސަލަތައް ނުބެލޭނެ ކަމުގެ ޔަގީންކަން މުއިއްޒުއަށް އޮތް ނަމަވެސް، މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް އެމަނިކުފާނު އިސްވެ ހުންނަވައި ދެމުންދާ ހަމަލާތައް ތަހުގީގުކޮށް، ހަރުކަށި އަދަބު ދިވެހި ރައްޔިތުން ދޭނެކަން ހަނދުމަކޮށް އަރުވަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ، އަމިއްލަ ފަރުދަކު ވިޔަސް އަދި ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކަސް ފަނޑިޔާރުންގެ މަސައްކަތަށް ބެހި ނުފޫޒު ފޯރުވުމަކީ ގާނޫނުއަސާސީގެ 141 ބަނަ މާއްދާއާ ހިލާފުކަމެއް ކަމަށެވެ.

"ވީމާ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ އެންމެހައި އިދާރާތަކަށް ގޮވާލަން،" އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.