ގާތްގާތުގައި ދެ ކަރަންޓް ބިލް ފޮނުވިޔަސް ގެއްލުމެއް ނުވާނެ

ސްޓެލްކޯއިން ގާތްގާތުގައި ދެ ކަަރަންޓު ބިލް ފޮނުވިނަމަވެސް ބިލް ދައްކަން އިތުރު ވަގުތު ދީފައިވެ އެވެ. އަދި މި ބަދަލާއެކު އަންނަ މަހުން ފެށިގެން ރީޑިން ނެގުމަށްފަހު ސްޓެލްކޯގައި ބިލް 20 ދުވަހު ބޭއްވުމުގެ ދިގު ތާރީހު ނިމުމަކަށް އަންނާނެ އެވެ،

ސްޓެލްކޯ އިން މި މަހު ގާތްގާތުގައި ދެ ކަރަންޓު ބިލް ފޮނުވިޔަސް އެ ބިލްތައް ދައްކަން އިތުރު ވަގުތު ދީފައިވާތީ ކަސްޓަމަރުންނަށް މި ބިލްތައް ފޮނުވުމުން އެއްވެސް ބުރައެއް ކުރިމަތި ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ. 

ކައިރި ކައިރީގައި ދެ ކަރަންޓު ބިލް ފޮނުވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭތާ 75 އަހަރުވީ ކުންފުނީގެ އެމްޑީ ފަހުމީ ވިދާޅުވި ގޮތުގައި ގާތްގާތުގައި ދެ ކަރަންޓު ބިލެއް ފޮނުވަނީ، ރޯދަމަހުގެ ޑިސްކައުންޓް ފުރިހަމަ އަށް ދޭން ކަމަށާއި އެންމެ ފަހުން ފޮނުވި ބިލު ދައްކަން އިތުރު މުއްދަތު ލިބޭނެ އެވެ. 

ސްޓެލްކޯ އިން ކުރިން ވެސް ދީފައިވާ މައުލޫމާތު ތަކުރާރު ކުރައްވައި އެމްޑީ ވިދާޅުވީ ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަމަށާއި އެ ކުންފުނިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. 

އޭނާ ވިދާޅުވީ ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް ކަމަށާއި އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކަށް ނިންމި ނިންމުމެއް ކަމަށެވެ.

އަދި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ވެސް ނޫން. ބިލްތަކުގެ ރީޑިން ނެގި ތާރީހްތައް ބިލުން ފެންނަން ހުންނާނެ. މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީިޑިން ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް،" ފަހުމީ ވިދާޅުވި އެވެ. 

ގާތްގާތުގައި ދެ ބިލް ފޮނުވި ސަބަބު

ރޯދަ މަހު ބިލް ހެދުމަށް ސްޓެލްކޯއިން ގެންނަ ބަދަލާއެކު ބައެއް އޮޅުންތަކެއް ކަސްޓަމަރުންނަށް އެރުން ގާތެވެ. ނަމަވެސް ސްޓެލްކޯ އިން ވަނީ މި ބިލްތަކަށް ފައިސާ ދެއްކުމަށް ވަނީ ބުރަ ބޮޑު ނުވާނެ ގޮތަށް އަތުރާލާފަ އެވެ.

ޖެނުއަރީ މަހު ސްޓެލްކޯ އިން ފޮނުވި ބިލްގެ ޑިއު ތާރީހު ނުވަތަ ބިލް ދައްކަން ޖެހޭ މުއްދަތަކީ މިމަހުގެ 4-2 އެވެ. އަދި ފެބްރުއަރީ މަހުގެ ބިލް ޑިއުވާނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. އެވްރެޖުކޮށް ސްޓެލްކޯ އިން ފޮނުވާ ކަރަންޓު ބިލަށް ގްރޭސް ޕީރިއަަޑް ނުވަތަ ބިލް ދައްކަން ޖެހޭ މުއްދަތުގެ ގޮތުގައި 10 ދުވަސް ދެ އެވެ. އެކަމަކު ރޯދަ މަހަށް މާދަމާ ރީޑިން ނަގާ ކަރަންޓު ބިލް ދައްކަން އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ ބިލްގެ ގްރޭސްޕީރިއަޑް ހަމަވާނީ އެޕްރީލް އެއްވަނަ ދުވަހު އެވެ. 

ފަހުމީ ވިދާޅުވީ އެ ބިލް ފޮނުވި ސަބަބަކީ ރޯދަމަހުގެ ބިލަކީ ސީދާ މި މަހު ބޭނުންކުރާ ކަރަންޓަށް ބަލައި ތައްޔާރުކުރާ ބިލެއްގެ ގޮތުގައި ހެދުމަށެވެ. އެ މަގުސަދުގައި ސްޓެލްކޯއިން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު މުޅިރާއްޖޭގައި ރީޑިން ނެގުމުގެ ހަރަކާތެއްވެސް ހިންގާފަ އެވެ.  

ސްޓެލްކޯ އިން މިހާރު ނިންމާފައިވަނީ މި ބެކްލޮގް ފިލުވާލެވުމާއެކު އަންނަ މަހުން ފެށިގެން އެ މަހެއްގެ ފަހު ހަފުތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށް ދިނުމަށެވެ.

"އޭގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންއާއި މީޓަރާ އަޅައިކިޔުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވާނެ،" ފަހުމީ ވިދާޅުވި އެވެ. 

ސްޓެލްކޯ އިން އާއްމުކޮށް ރީޑިން ނެގުމަށްފަހު ބިލް 25 ދުވަހު ސްޓެލްކޯގައި ބާއްވަ އެވެ. މިގޮތަށް އަމަލު ކުރާތާ 20 އަހަރު ވަނީ ވެފަ އެވެ. މިގޮތަށް އަމަލު ކުރާތީ ބައެއް ފަހަރު ސްޓެލްކޯ އަށް ބިލް ބަދަލުކުރާ ކަމުގެ ތުހުމަތު ކުރެ އެވެ. އެކަމަކު މިހާރު ގެނެސްފައިވާ ބަދަލާއެކު އަންނަ މަހުން ފެށިގެން ބިލް ކުރަން ފެށުމުން މަހު ފަހު ހަފުތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށް ދޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.