ޗައިނާއިން އެތެރެކުރާ ދުންފަތުން ނަގާ ޑިޔުޓީއަށް އެފްޓީއޭއިން ލުޔެއް ނުލިބޭ

ސައީދު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ ރާއްޖެ-ޗައިނާ އެފްޓީއޭގެ ދަށުން، ޗައިނާއިން ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިޓީ މައާފެއް ނުވާނެ ކަމަށެވެ.

އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް

ޗައިނާ އާ އެކު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓީއޭ)ގެ ދަށުން، އެ ގައުމުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޑިޔުޓީއަށް ލުޔެއް ނުލިބޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެފްޓީއޭ އާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް ސައީދާ ސުވާލު ކުރައްވާފައިވަނީ އެފްޓީއޭގެ ދަށުން ޗައިނާއިން އެތެރެކުރާ ދުންފަތާއި ސިނގިރޭޓުން ނަގާ ޑިޔުޓީ މައާފުވާނެތޯ އާއި އެކަމުން ދައުލަތަށް ގެއްލޭ އާމްދަނީ ސާފުކުރުމަށެވެ. 

މެމްބަރުގެ ސުވާލަށް ސައީދު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ ރާއްޖެ-ޗައިނާ އެފްޓީއޭގެ ދަށުން، ޗައިނާއިން ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިޓީ މައާފެއް ނުވާނެ ކަމަށެވެ.

އަދި އެހެން ގައުމުތަކުން މިހާރު ނަގަމުންދާ ރޭޓުގައި، ޗައިނާއިން އެތެރެކުރާ ދުންފަތާއި ސިނގިރޭޓުގެ ބާވަތްތަކުން ޑިޔުޓީ ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

"ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓުން ޑިޔުޓީ ނަގަ އެވެ. ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓުގެ ޑިޔުޓީން ދައުލަތަށް ލިބޭނެ އާމްދަނީ ބިނާވާނީ ޗައިނާއިން ދިވެހިރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓު އެތެރެކުރާ މިންވަރެއްގެ މައްޗަށެވެ،" ސައީދުގެ ޖަވާބުގައި ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ގާއިމް ކުރިނަމަވެސް މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އެއްބަސްވުމަށް އަމަލު ކުރުން އޮތީ ހުއްޓުވާފަ އެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަނީ ދިވެހިންނަށް ބޮޑު މަންފާއެއް ލިބޭ ގޮތަށް އެއްބަސްވުން ފަހި ކުރައްވާފަ އެވެ.

އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ މުދަލުގެ 91 ޕަސެންޓް މުދަލުން ޑިއުޓީ ނުނަގާއިރު ރާއްޖޭން ޗައިނާ އަށް އެކްސްޕޯޓް ކުރާ މަހުގެ ހުރިހާ ބާވަތް ތަކުން ޑިއުޓީ މައާފު ވާނެ އެވެ. މީގެތެރޭގައި، ތާޒާ، ފިނިކޮށް ގަނޑުކޮށްފައި ހުންނަ ކަޅު ބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސް ދަޅާއި ވަޅޯ މަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނެ އެވެ.

ރާއްޖެ އަށް އަހަރަކު 700 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރާ ޗައިނާއާ ދެމެދު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ސަރުކާރުން ވަނީ ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި އަހަރު އެއް ބިލިއަން ޑޮލަރަށް މަތި ކުރާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.