ސުޕްރީމް ކޯޓުން ސިޔާސީ ކަމެއްގެ ތެރެއަށް ވަނުން ގޯސް

ސިޔާސީ ކަންކަމާ ބަސް ކިޔައި ގޮތް ކިޔައި ހަދާނީ ސިޔާސީ މީހުންނެވެ. ފަނޑިޔާރު ގެ އަކުން ނޫނެވެ. ޚާއްސަކޮށް ސުޕްރީމް ކޯޓުން އެކަންކަމާ ބަސް ކިޔާ ހިސާބަށް ދިއުމަކީ ކަނޑައެޅިގެން ގޯހެކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ސުޕްރީމެސީއަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެއީ ޑިމޮކްރެސީތައް ދަންނަ ސިފައެއް ނޫނެވެ. އެއީ ކަނޑައެޅިގެން ޑިކްޓޭޓަޝިޕްގެ ސިފައެކެވެ. ސުޕްރީމް ކޯޓަކީ ހުރިހާ ބާރުތަކެއްގެ ބާރުވެރިޔާކަމަށް އަމިއްލައަށް ކަނޑައަޅަން މަސައްކަތްކުރާނަމަ ދައުލަތުގެ އެހެން ބާރުތަކުން ސުޕްރީމް ކޯޓު ހަމަ މަގަށް ގެންނަން ޖެހެއެވެ. އަސްލު ސައިޒަށް ކުޑަކޮށްލަން ޖެހެއެވެ. އެހެން ނޫނީ ދައުލަތުގެ މުޅި ނިޒާމު އެފުށް މިފުށަށް ޖެހިގެން ހިނގައިދާނެ އެވެ.  

ސިޔާސީ ކަންކަމާ ބަސް ކިޔައި ގޮތް ކިޔައި ހަދާނީ ސިޔާސީ މީހުންނެވެ. ފަނޑިޔާރު ގެ އަކުން ނޫނެވެ. ހާއްސަކޮށް ސުޕްރީމް ކޯޓުން އެކަންކަމާ ބަސް ކިޔާ ހިސާބަށް ދިއުމަކީ ކަނޑައެޅިގެން ގޯހެކެވެ. 

ސުޕްރީމް ކޯޓަށް ބަޔަކު ސިޔާސީ ވިސްނުމެއްގައި ހުށައެޅި ދުސްތޫރީ މައްސަލަ ކުރިއަށް ގެންދަން ސުޕްރިމް ކޯޓުން ނިންމުމަކީ ސިޔާސީ އޮއިވަރެއްގައި ޖެހިގެން ހިންގާފައިވާ ފެން ނުހުފޭ އަމަލެކެވެ. 
މަލްޓި ޕާޓީ ސިސްޓަމްގެ ޑިމޮކްރެޓިކް ވެރިކަމުގެ އުސޫލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް މިހާރު ގިނަ މެމްބަރުން ހޮވެނީ ކޮންމެވެސް ޕާޓީއެއްގެ ނަމުގަ އެވެ. އެއީ އެ ޕާޓީއާއި އެ މެމްބަރަށް ވޯޓުދިން ރައްޔިތުންނާއި އެމެމްބަރާ ދެމެދު ވެވޭ މަދަނީ އަގުދެކެވެ. މަޖިލީހަށް ހޮވުނު ހައިސިއްޔަތު ބަދަލު ނުކުރެވުމެވެ. އެ އަހުދާއި ވައުދަށް ގާނޫނީ ސިފަ ޖެއްސީ އެމްޑީޕީ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ގާނޫނަކުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ހޮވޭ ހައިސިއްޔަތު ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުގައި ލިޔެ އެކަން ފާސްކުރީ އެވެ. 

ޕީއެންސީން ކުރިކަމަކީ އެ ގާނޫނަށް އިތުރަށް ހައިސިއްޔަތާއި ވަރުގަދަކަންދީ ގާނޫނު އަސާސީގެ ބައެއްގެ ގޮތުގައި ހިމަނައި ރައްޔިތުންގެ ނިންމުމަށް ރައްކާތެރިކަން ހޯދައިދިނީ އެވެ. މި ބަދަލު ސިޔާސީ ބައެއް ފަރާތްތަކަށް ބަލައެއް ނުގަނެވުނެވެ. އެމީހުން ދެކުނު ގޮތުގައި އެ އިސްލާހަކީ ރައްޔިތުންގެ ބާރު ކެނޑިގެންދާ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހެކެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން ވަންނަން ނުޖެހޭ ގޯޅިއަކަށް ވަދެއްޖެ އެވެ. އެއީ ވެސް ވަންވޭއާ އިދިކޮޅަށެވެ. އެހެންކަމުން ސުޕްރިމް ކޯޓު ހަމަ މަގަށް އެޅުވުމަކީވެސް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭނެ ކަމެކެވެ. ސުޕްރިމް ކޯޓުގެ ބެންޗު ތިރިކޮށްލުމަކީ އެކަމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. 

ރައްޔިތުންގެ މަޖިލީހުން އިޖުރާއަތްތައް ފުރިހަމަކޮށްގެން ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ސުޕްރީމް ކޯޓަށް ބާތިލު ނުކުރެވޭނެ ކަމުގެ ސްޓޭންޑް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ނަގާފަ އެވެ. އެކަމަށް އަދި ވަކިގޮތެއް ނުނިންމިއަސް، މައްސަލަ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެ ކަމަށް ގޮތެއް ކަނޑައަޅާނީ ހުކުމް ކުރާއިރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.