ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން ވެއްޓިއްޖެ

ޑޮލަރު ވިއްކާ ފަރާތްތަކުން ބުނާ ގޮތުގައި ކަޅުބާޒާރުގައި ޑޮލަރުގެ އަގު މި ވަގުތު ދަށްވެފައިވަނީ ޑިމާންޑް ނެތުމާއި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރު ރޫޅެމުން ދިއުމެވެ.

މަގުމަތީގައި މީހަރު ޑޮލަރު މާރު ކުރަނީ -- މިހާރު

މަރުކަޒީ ބޭންކުން ބޭރު ފައިސާ ވިއްކަން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ވިއްކުމަކީ މަނާކަމކެވެ. ނަމަވެސް ރާއްޖޭގައި ވިއްކަ އެވެ. އެހެންވެ ކަޅުބާޒާރުން ބޮޑު ޑިމާންޑެއް އަބަދުވެސް އޮވެ އެވެ. ނަމަވެސް ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގު މިދިޔަ ތިން މަސް ދުވަހާ އަޅާބަލާއިރު މިހާރު ވަނީ ބޮޑުތަނުން ވެއްޓިއްފަ އެވެ، މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ 

މީގެ ތިން މަސް ދުވަހުގެ ކުރިއަަށް ބަލާއިރު ޕެރެރަލް މާކެޓް ނުވަތަ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 19ރ. އަށެވެ. ނަމަވެސް މިހާރު ޑޮލަރުގެ އަގުވަނީ 18.60ރ. އަށް ވެއްޓިފަ އެވެ. 

ޑޮލަރު މާރު ކުރުމުގެ ވިޔަފާރީގައި އުޅޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ޑޮލަރުގެ އަގު ވެއްޓިފައިވާ މައިގަނޑު އެއް ސަބަބަކީ މި ވަގުތު ޑިމާންޑް ނެތުމެވެ. ޑޮލަރު ބޭނުންވާނެ ސަބަބުތައް މަދުވުމެވެ. މިގޮތުން އުމްރާ އާއި ހައްޖުގެ އަޅުކަމަށްދާ ފަރާތްތަކުން ވެސް ވަނީ ޑޮލަރު ގަނެފަ އެވެ. އަދި ރޯދަ މަހު މުދާ އެތެރެ ކުރުމުގެ އިމްޕޯޓް ވެސް ވަނީ ނިމިފަ އެވެ. އަނެއްކާ މި ވަގުތު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ގިނަ އެވެ. އެހެންވެ އެތެރެވާ ޑޮލަރުގެ އަދަދު ވެސް އިތުރެވެ. 

ކަޅު ބާޒާރަށް ލޮޅުން އެރި އަނެއް ސަބަބެއްގެ ގޮތުގައި މި ވިޔަފާރީގައި އުޅޭ ފަރާތްތަކުން ފާހަގަކުރާ އަނެއް ސަބަބަކީ ސަރުކާރުން ޑޮލަރު މާރުކުރުމަށް ގެނެސްފައިވާ ބަދަލެވެ. މި ބަދަލުގެ ސަބަބުން ކުރިން ކަޅު ބާޒާރަށް ވަންނަމުން ދިޔަ ޑޮލަރު ބޭންކިން ނިޒާމަށް ވަންނަން ފެށުމަކީ ވެސް ސަބަބެކެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި ކަޅު ބާޒާރު އިތުރަށް ވެއްޓެމުންދާނެ ކަމަށް މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާ ކުރެވެ އެވެ. 

މީހަކު ޑޮލަރުތަކެއް ގުނަނީ: ރާއްޖޭން ޑޮލަރު ބޭރުވުން އިންތިހާއަށް މަތި

ފައިސާ މާރު ކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރާ ފަރާތްތަކުން ބުނި ގޮތުގައި ޓޫރިޒަމް ސިނާއަތަށް ވަންނަ ޑޮލަރުން ބައެއް ބޭންކްތަކަށް މާރުކުރަން ލާޒިމް ކުރުމުގެ ހަގީގީ ފައިދާ ފެންނަން ފަށާނީ ވިޔަފާރިވެރިން ޑޮލަރު ގަންނަން ބޭންކްތަކުން ދޫކުރާ ޑޮލަރުގެ ޓީޓީ އިތުރު ކުރުމުންނެވެ. މި ވަގުތު ބޭންކްތަކުން ވިޔަފާރިވެރިންގެ މުދާ ގަންނަން އަންނަ ޓީޓީތަކަށް އާއްމުކޮށް ދެނީ ފަސް ޕަސެންޓާއި 10 ޕަސެންޓުގެ ކުޑަ އަދަދެކެވެ. ނަމަވެސް މި އަދަދު 30 ޕަސެންޓާއި 50 ޕަސެންޓަށް ޖެއްސިއްޖެނަަމަ ކަޅުބާޒަރު އެއްކޮށް ފުނޑިގެންދާނެ އެވެ. 

ޖެނުއަރީން ފެށިގެން ޑޮލަރު ޓީޓީ މަތިކުރާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ވިޔަފާރިތަކުން މުދާ އެތެރެކުރަން ބޭނުންވާ ޑޮލަރު ފޯރުކޮށް ދިނުން އިތުރު ކުރާނެކަމަށް ވައުދުވެފަ އެވެ. 

ރައްޔިތުން މަޖިލީސް ހުޅުވުމުގެ ގޮތުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ. އެކަމަށްޓަކައި މިހާރު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ބޭރު ފައިސާގެ ގާނޫނެއް އެކުލަވާލައި އަމަލު ކުރަން ފެށުމަކީ މިގޮތުން އެޅުނު މުހިންމު ފިޔަވަޅު،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމުގެ ހެޔޮ ފައިދާ ކައިރި މުސްތަގުބަލެއްގައި ދިވެހި ރައްޔިތުންނަށް މި ބަަދަލުގެ ތިޔާގިކަން ފެންނަން ފަށާނެ އެވެ. މިގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރު ގަތުން ހުއްޓާލައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވިޔަފާރިވެރިން މުދާ އެތެރެކުރަން ބޭނުންވާ ޓީޓީ ހަދަންދޭ ޑޮލަރު އިތުރު ވެގެން ދާނެ ކަމަށެވެ.

"ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ. 

ސަރުކާރުން ވަނީ މި އަހަރުގެ އުމްރާއަށްދާ މީހުންނަށް ދޭ ޑޮލަރު ކާޑު ލިމިޓް މިހާރު މަތިކޮށްފަ އެވެ. މިފަހަރު އުމްރާވެރިންނަށް 1750 ޑޮލަރުގެ ކާޑު ލިމިޓެއް ދިނެވެ، އަދި މީގެ އިތުރުން އުމްރާވެރިންނަށް 500 ޑޮލަރުވެސް ވިއްކި އެވެ. 

ބޭރު ފައިސާ މާރު ކުރާ ގާނޫނުގައިވާ ގޮތުން 500 ޑޮލަރު މާރުކުރަންޖެހޭ އެސްޓަބްލިޝްމެންޓުތަކަކީ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑުތަކާއި އެނޫންވެސް އެފަދަ ތަންތަން ކަމުގައި ކަނޑައަޅައި 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސް އަދި ސިޓީ ހޮޓާތަކާއ ޓޫރިސްޓު އުޅަނދުތައް 25 ޑޮލަރު މާރުކުރާ ކެޓަގަރީ އަށް ބަދަލުކުރުމެވެ. އެގޮތުން މި ގާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވަނީ ކެޓަގަރީ އޭ ޓުރިޒަމް އެސްޓަބްލިޝްމެންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން އެ މަހެއްގައި އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަށް ޖެހޭ މިންވަރު އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީކޮށްފއިވާ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމުގަ އެވެ. 

މި ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ޓޫރިޒަމް ސިނާއަތުން ވަނީ މިދިޔަ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު ބޭންކިން ނިޒާމަށް މާރުކޮށްފަ އެވެ. 

ރާއްޖޭގެ ހަތަރު ބިލިއަން ޑޮލަރުގެ ޓޫރިޒަމެއް އޮތްނަމަވެސް ރާއްޖޭގެ ރިޒާވް ދަށްވުމަކީ ދުނިޔޭގެ މާލީ އިދާރާތަކުގެ އެންމެ ބޮޑުއެއް ކަންބޮޑުވުމެވެ. މިކަން ހައްލު ކުރަން ފިޔަވަޅު އަޅަން އެތައް ފަހަރު އެ ފަރާތްތަކުން އެދިފައިވެ އެވެ. މިދިޔަ ސަރުކާރުން ކޮވިޑް-19 ގެ ފަހުން އެ ފިޔަވަޅު އަޅަން ޓޫރިޒަމްގެ އިސް ފަރާތްތަކާ މަޝްވަރާ ކުރި އެވެ. ނަމަވެސް ސިޔާސީ ގޮތުން އަންނާނެ ޕްރެޝަރަަށް ބަލާފަ އެ ފިޔަވަޅު އަޅާފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.