މާލެ ބޮޑުބަޔަކަށް މިހާރު ކުރަމުންދާ ބޯވިއްސާރައިގައި، މާލޭގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ސަރުކާރުގެ އޮފީސްތައް މިއަދު ބަންދުކޮށްފި އެވެ.
މާލެ ބޮޑުބަޔަކަށް މިހާރު ކުރަމުންދާ ބޯވިއްސާރައިގައި، މާލޭގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ސަރުކާރުގެ އޮފީސްތައް މިއަދު ބަންދުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
ރާއްޖެ އަށް މިހާރު ކުރަންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ މުޅިރާއްޖެއަށް އޮރެންޖް ސަމާލު ނެރެފަ އެވެ. މި ދުވަސްވަރު ވިއްސާރަ ކުރަމުންދާއިރު މިއީ އިރުވައި މޫސުމުގެ ހަތްވަނަ ނަކަތް ކަމަށްވާ ފުރަބަދުރުވަ ނަހަކަތުގެ ތިންވަނަ ދުވަހެވެ. ފުރަބަދުރުވަ ނަކަތަކީ ވިދުމާއި ވިއްސާރަ ގުގުރުން ގިނަ ނަކަތެކެވެ.
މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާތީ، ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގައި ފުލުހުންނާއި ސިފައިން އަދި މާލެ ސިޓީ ކައުންސިލުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިގޮތުން، މާލޭގެ ހަ ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މާލޭގެ އިތުރުން ހާއްސަކޮށް މެދުރާއްޖޭ ތެރޭގެ ރަށްތަކަށް ދަނީ ބޯކޮށްވާރޭވެހެމުންނެވެ.
މޫސުމާ ބެހޭ އިދާރާ އިން މިހާރު ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިއަދުގެ ހެނދުނު ހަތެއް ޖަހަންދެން ޔެލޯ އެލާޓު ނެރެފަ އެވެ. އެ އިދާރާ އިން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.