މޫސުން ގޯސްވެ މިވަގުތު މުޅިރާއްޖެއަށް ވަނީ އޮރެންޖު ސަމާލު ނެރެފަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައި އެވެ.
ރާއްޖެެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވޭރޭވެހި ވައިގަދަ ވުމުގެ ސަބަބުން ވީއައިއޭ އަށް ޖައްސަން މިރޭ އައި ގިނަ ފްލައިޓްތަކެއް ނުޖެއްސި ލަސްވެއްޖެ އެވެ.
ފްލައިޓް ރޭޑާއިން އެނގޭ ގޮތުގައި މިދިޔަ 10 ވަރަކަށް މިނެޓުގެ ތެރޭގައި ހަތަރު ފްލައިޓެއް ޖައްސަން އައިނަމަވެސް ވީއައިއޭގައި ނުޖެއްސި ދަނީ ވީއައިއޭ މަތީގައި އެނބުރެމުންނެވެ. މި ވަގުތު ނުޖެއްސި އުދެހެމުންދާ ފްލައިޓްތަކުގެ ތެރޭގައި ގައުމީ އެއާލައިންގެ ދެ ބޯޓަކާއި އެއާ އެމްބިއުލާންސްގެ އިތުރުން ގަތަރު އެއާވޭސް ހިމެނެ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވެސް މިރޭ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ޑޮމެސްޓިކް ފްލައިޓްތައް ލަސްވެފައިވާ ކަމަށެވެ.
ރާއްޖެ އަށް މިހާރު ކުރަންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ މުޅިރާއްޖެއަށް އޮރެންޖް ސަމާލު ނެރެފަ އެވެ. މި ދުވަސްވަރު ވިއްސާރަ ކުރަމުންދާއިރު މިއީ އިރުވައި މޫސުމުގެ ހަތްވަނަ ނަކަތް ކަމަށްވާ ފުރަބަދުރުވަ ނަހަކަތުގެ ތިންވަނަ ދުވަހެވެ. ފުރަބަދުރުވަ ނަކަތަކީ ވިދުމާއި ވިއްސާރަ ގުގުރުން ގިނަ ނަކަތެކެވެ.
މެޓް އޮފީހުން މިހާރު ނެރެފައިވާ އޮރެންޖު ސަމާލުގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި އެވެ.
އެ ސަރަހައްދު ނޫން އެހެން ހުރިހާ ސަރަހައްދަކަށް މިރޭ 9:00 އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ސަރަހައްދުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.