ލިސްޓާމެދު ޝަކުވާއެއް އޮތްނަމަ، މިއަދުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގައި ދޫކުރަން ނިންމި 4000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު މިއަދުން ފެށިގެން އެ ލިސްޓަށް ޝަކުވާ ހުށައަޅަން ފުރުސަތު ހުޅުވާލައިފި އެވެ.
މިހާރު ގެޒެޓްކޮށްފައި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ 1820 މީހުނެވެ. ލިސްޓާއެކު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި ހުރި ފޯމުތައް އިވެލުއޭޓް ކުރިއިރު ދެ ކަމަކަށް ބަލާފައިވާނޭ ކަމަށެވެ.
އެގޮތުން، ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް، ތިން ކޮޓަރީގެ ފްލެޓް ލިބޭނީ 75 ޕޮއިންޓުން މަތިން ލިބޭ ފަރާތްތަކަށް ކަމަށާއި، ދެ ކޮޓަރީގެ ފްލެޓް ލިބޭނީ 73 ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް ކަމަށް ކަނޑައަޅާފައިވާތީ، އެ އަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެޔާއެކު، މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހުން ކަމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ސައްހަ އަދި ހުށަހަޅަން ޖެހޭ އެންމެހާ ލިޔުންތައް ހުށަހަޅާފައިވާ މީހުން ޝަރުތު ހަމަވާ މީހުންގެ ގޮތުގައި ހިމަނާފައިވާނޭ ކަމަށް އެ އިއުލާނުގައިވެ އެވެ.
ލިސްޓާމެދު ޝަކުވާއެއް އޮތްނަމަ، މިއަދުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން އެކަމަށް ފޯމު ހުށަހަޅާފައިވާ ފަރާތެއްނަމަ، އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ 'ގެދޮވެރިން ޕޯޓަލް' މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ gedhoruveriya@infrastructure.gov.mv އީމެއިލްއަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ސިޓީއަކުން ޝަކުވާ ހުށަހެޅޭނެ އެވެ.