ރޯދައަށް ތައްޔާރުވާން ނުކުމެ އެވްރެޖުކޮށް ގޭބިސީއަކުން 100-300ރ އާ ދެމެދުގެ ވިޔަފާރިއެއްކޮށްފައިވެ އެވެ.
ރޯދަ އަޔަސް އީދު އަޔަސް އެންމެ ފަހު ދުވަހު ވިޔަފާރިއަށް ނުކުތުމަކީ އާދައެކެވެ. މި އާދައިގެ ދަށުން އިއްޔެ އާއި ރޭވެސް ވަނީ ގިނަ ބަޔަކު ވިޔަފާރި ކުރަން ނުކުމެފަ އެވެ. މުލަ ރޯދަ ދުވަސް ނުވަތަ ރޯދައިގެ ފުރަތަމަ ދުވަހަކީ މިއަދުކަން ހަނދު ކޮމެޓީން ރޭ ހާމަ ކުރުމާއެކު މަގުތައް ފުރިގެންދިޔަ އެވެ. ވެހެމުން ދިޔަ ބޯވާރޭގައި ތެމި ފޯވެގެން ވިޔަފާރިއަށް ނުކުތް ގިނަ ބަޔަކު ފިހާރަތަކަށް ދިއުމާއެކު ބައެއް ފިހާރަތަކުން މުދަލުގެ ސްޓޮކް ހުސްވެގެން ދިޔަ އެވެ. މުލަ ރޯދައިގެ ވިޔަފާރިއާއެކު އެންމެ ބޮޑު ފައިދާއެއް ކުރި ބަޔަކީ ބޮޑެތި މާޓްތަކާއި ފިހާރަތަކަށެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރާ ރެޑްވޭވްގެ ހުރިހާ ފިހާރައެއް ވެސް އޮތީ ގާތްގަނޑަކަށް ފުރިފަ އެވެ. ދެން އެންމެ ބާރުބޮޑުކޮށް އޮތީ ސަރުކާރުގެ މައި ފިހާރަ އެސްޓީއޯ އެވެ. އެސްޓީއޯ ސުޕަމާކެޓު ވެސް އޮތީ ފުރި ތޮއްޖެހިފަ އެވެ. މި ނޫންވެސް އެހެން ފިހާރަތައް ފެނުނީ ގާތްގަނޑަކަށް ފުލްކޮށެވެ.
މާލޭގެ ބޮޑު ފިހާރައެއްގެ ވެރިއަކު ބުނި ގޮތުގައި އާއްމުން ރޭ ކުރި ވިޔަފާރި އެހެން އަހަރުތަކަށްވުރެ މަދު ކަމަށް ބުނެފެނެ އެވެ.
"އެވްރެޖުކޮށް މުލަ ރޯދަ ދުވަހުގެ ރެ އާއި އީދު ދުވަހުގެ ރޭ އަޅުގަނޑުމެންނަށް 60،000ރ. އާ ގާތް ކުރާ ވަރަށް ސޭލްވާނެ. މި އަހަރު ވެސް ގާތްގަނޑަކަށް އެ އަދަދަށް ސޭލްވި،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.
މި ރޯދަ މަހަށްވެސް ވިޔަފާރިވެރިން ވަނީ ހުރި ދަތިތަކާއެކު ވެސް ތައްޔާރުވެ ބޭނުންވާ ގިނަ އަދަދެއްގެ މުދާ ގެނެސްފަ އެވެ. މި އަހަރު ވެސް ވިޔަފާރިތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ މުދާ އެތެރެ ކުރަން ބޭނުންވާ ޑޮލަރު ސަހަލު އަގެއްގައި ނުލިބުމެވެ. ބޭންކުތަކަށް ޑޮލަރު ގަންނަން ދިއުމުން ވިޔަފާރިވެރިން ބޭނުންވާ ޑޮލަރުގެ ލިބެނީ އެންމެ ފަސް ވަރަކަށް ޕަސެންޓެވެ. ނަމަވެސް މި މައްސަލަ ހައްލު ވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމާއެކު އަންނަ އަހަރު ވިޔަފާރިތަކަށް ދޫކުރާ ޓީޓީގެ ނިސްބަތް މަތިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެފަ އެވެ. މި އަހަރުގެ ރޯދަ މަހަށް ވިޔަފާރިވެރިން ގާތްގަނޑަކަށް 249.1 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާނެ ކަމަށް މަރުކަޒީ ބޭންކުން ލިބެން ހުރި ހިސާބުތައް ބަލައިލުމުން އަންދާޒާ ކުރެވެ އެވެ.
ރޯދަ މަސް ފެށޭ ދުވަހުގެ އާއްމުކޮށް މީހަކު ކުރާ ހަރަދުގެ ރަސްމީ ސާވޭއެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި ރޭ އެވްރެޖުކޮށް އާއްމު ގޭބިސީއަކުން 300ރ. އާއި 1،000ރ އާ ދެމެދުގެ ދެމެދުގެ އަދަދަކަށް ވިޔަފާރި ކުރާނެ އެވެ.
ގިނަ ބަޔަކު ވިޔަފާރިއަށް ނުކުތްއިރު މިއަދުވެސް ގިނަ ފިހާރަތައް ފެންނާނީ ފުލްކޮށެވެ. މި އަހަރުގެ ރޯދަ މަސް ފެނިގެން ދިޔައިރު ތަކެތީގެ އަގުތައް ހުރީ ހިފެހެއްޓިފަ އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތައް ދައްކާ ގޮތުގައި ނޮވެމްވަރު މަގު ރާއްޖޭގައި ހިދުމަތާއި އަގު އުފުލުން ދެ ޕަސެންޓަށްވުރެ މައްޗަށް އެރި ނަމަވެސް އަގު އުފުލުން ދަނީ ދަށްވަމުންނެވެ. އެންމެފަހުން ފެނުއަރީ މަހުގެ އިންފްލޭޝަން ހުރީ 0.33 ޕަސެންޓުގަ އެވެ.
މި އަހަރުގެ ރޯދަމަހަށް އައިއިރު އަގުތައް މަތިވުން ހިފެހެއްޓުމުގެ މައިގަނޑު އެއް ސަބަބަކީ އަގު ކޮންޓްރޯލް ކުރަން ސަރުކާރުން އެޅި ބައެއް ފިޔަވަޅުތައް މަސައްކަތް ކޮށްފައިވުމެވެ. މި އަހަރުވެސް އެސްޓީއޯއިން ފިޔާ އާއި އަލުވި އަދި ބިހުގެ އިތުރުން އަގު އުފުލުނު ކާށި ވެސް ގެނެސްފައިވެ އެވެ.
ބާޒާރުގެ އަގުތައް މިއަދު ހުރި ގޮތަށް ބަލާއިރު ކަރާ ކިލޯއެއް ހުރީ 25ރ. އަށެެވެ. މިއީ އާއްމުކޮށް ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަރާގެ އަގު ހުންނަ މިންވަރެވެ. މިދިޔަ ދެ ތިން އަހަރު ކަރާގެ އަގުތައް 30ރ. އަށް ވެސް އުފުލިގެން ދިޔަ އެވެ. މިވަގުތު ބާޒާރުގައި އެންމެ އަގު ބޮޑުކޮށް ފެންނަނީ ކާއްޓެވެ. ކާށީގެ އަގުތައް ފެންނަނީ ރަނަށްވެފައި ހުރި ތަނެވެ. ކުޑަ ކާއްޓެއްގެ އަގު 10ރ. އާއި 12ރ. އާ ދެމެދުގަ އެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ވިޔަފާރީގެ ބާކީބައި ބާޒާރު ހުޅުވުމާއެކު މިއަދު ފެށިގެންދާނެ އެވެ. އެކަމަކު މި ހިސާބަށް ދިއުމުގެ ކުރީގައި ރޭއެކަނިވެސް ބޮޑެތި މާޓުތަކުން ފަސް ލައްކަ އާއި މިލިއަނަކާ ގާތްކުރާ އަދަދަށް ވިޔަފާރިކޮށްފި އެވެ.