ރޯދަ މަހު ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމަށް ސަރުކާރުން އިސް ނަގާނެ: ރައީސް

ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސް ނަންގަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މުރައިދޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ --

ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އިސް ނަންގަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލުވުމުގެ އުފަލުގައި، ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ، ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރު ކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ އިޚްލާޞްތެރި މަސައްކަތް އިރާދަކުރެއްވިއްޔާ ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.

އަހަރަކު އެއްފަހަރު ބައްދަލުވާ ރަމަޟާން މަހު، އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ޙަޔާތުގައިވެސް ދެމެހެއްޓުމަށް ޢަޒުމު ކަނޑައަޅައި، ދިވެހި ކޮންމެ ކުޑަ ކުއްޖަކާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހެދުމަށް އެމަނިކުފާނުގެ ޚިޠާބުގައި ހިތްވަރުދެއްވާފައިވެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފުސަށް ގެއްލުންހުރި، ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އެޅުމަށް ބާރުއަޅުއްވައި، ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ޙަޔާތެއް އުޅުމުގެ ޢަޒުމު ކަނޑައެޅުމަށް އެމަނިކުފާނު ނަސޭޙަތްތެރިވެވަޑައިގެންފައިވެ އެވެ.

ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ ރަމަޟާން މަހަކީ ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއްކަން ހަނދުމަފުޅުކޮށް އަރުވަމުން އެމަނިކުފާނު ވަނީ، ރަމަޟާންމަހު ހިފާ ރޯދަ އާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެއިތުރުން، ދިވެހީންގެ ސިލްމާ ސަލާމަތާ ކާމިޔާބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާކަން، މި ފަދަ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން ޔަގީން ކުރަންވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާތް ﷲ ދިވެހީންނަށް ދެއްވާފައިވާ ނިޢުމަތްތަކާއި، އަމާންކަމާއި، ރަޙްމަތުގެ ބޮޑުކަމާއި، ގަދަކީރިތިވަންތަ ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރު ކުރާ ޙާލު، މުޅި އިސްލާމީ އުންމަތާއި، ޚާއްޞަކޮށް ނުތަނަވަސްކަމާއި ދަތި ޙާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދީ ހެޔޮ ފޯރުވައިދޭން އެމަނިކުފާނުގެ ޚިޠާބުގައި އިރުޝާދުދެއްވާފައިވެއެވެ. އެގޮތުން، ފަލަޞްޠީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫންވެސް މުސްލިމު މުޖްތަމަޢުތަކާއި ޢާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.