ފްލެޓް ލިސްޓު އެކުލަވާލުމުގައި ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއްވެސް ފޯރުވާފައި ނޯންނާނެ: ރައީސް

އެމަނިކުފާނު ވިދާޅުވީ، މިއީ އެމަނިކުފާނަށް ގެދޮރުވެރިކަމުގެ މައުލޫމާތުތައް އެނގިވަޑައިގަންނަވަން ފެއްޓެވީއްސުރެ، ނުފޫޒެއް ނުފޯރުވާ، ގެދޮރު ލިބޭނޭ މީހުންގެ ލިސްޓެއް ނެރުއްވި ފުރަތަމަ ފަހަރު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މިއަދު ސަރުކާރުން އިޢުލާންކުރެއްވި ފްލެޓް ލިސްޓު އެކުލަވާލެއްވުމުގައި ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއްވެސް ފޯރުވާފައި ނޯންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވާފައިވަނީ، އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް އިފްތިތާހު ކުރެއްވުމަށް ފަހު މިރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މިއަދު އިއުލާން ކުރެއްވި ލިސްޓު އާންމުކުރައްވާފައި އެވަނީ، މިދިޔަ ސަރުކާރުން އިއުލާނު ކުރެއްވި ލިސްޓުގައި ހުރި މައްސަލަތައް އޭސީސީއިން ބަލައި، އެ ސަރުކާރުން އިއުލާނު ކުރެއްވި ޝަރުތުތަކަށް ޕޮއިންޓްދޭން ކަނޑައަޅާފައިވާ އުސޫލަށް ބައްލަވައިގެންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އަދި ލިސްޓުން ބަޔަކު އުނިވެފައިވާނަމަ، އެ އުނިވީ ސަބަބުތައްވެސް އެނގޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގަސްދުގައި އެއްވެސް މީހަކު ލިސްޓުން އުނިކުރައްވާފައި ނުވާނޭ ކަމަށާ މި ސަރުކާރަކީ ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދިނުމުގައި އިންތިހާއަށް ޝައުގުވެރިކަންހުރެ، ހަމަހަމަކަމާއި ލޯތްބާއި އަދުލުވެރިކަމާއެކު ހިދުމަތްކުރަން އައި ސަރުކާރެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިއީ އެމަނިކުފާނަށް ގެދޮރުވެރިކަމުގެ މައުލޫމާތުތައް އެނގިވަޑައިގަންނަވަން ފެއްޓެވީއްސުރެ، ނުފޫޒެއް ނުފޯރުވާ، ގެދޮރު ލިބޭނޭ މީހުންގެ ލިސްޓެއް ނެރުއްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެކި ސަބަބުތަކާހުރެ ލިސްޓަށް ނޭރި ރައްޔިތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އުސޫލުން ޝަކުވާ ހުށަހެޅުއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ހައްގު ވެރީންނަށް ފްލެޓް އެކަށައެޅުމަށްފަހު، ބާކީ ފްލެޓް ހުރިނަމަ، މި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި މި ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަމުގެ ފުރުސަތު ފަހިވެގެންދާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.