ޝަރުތު ހަމަވުމާމެދު ސުވާލު އުފެދުމުން ހައިދަރު ފްލެޓް ދޫކޮށްލައްވައިފި

މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހުގައި --

ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގައި ދޫކުރަން ނިންމި 4000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ނަން އޮތުމުން، ފްލެޓަށް އޭނާގެ ޝަރުތު ހަމަވާވުމާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، ފްލެޓު ދޫކޮށްލައްވަން އޭނާ ނިންމަވައިފި އެވެ.

މިހާރު ގެޒެޓްކޮށްފައި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ 1820 މީހުނެވެ. ލިސްޓާއެކު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި ހުރި ފޯމުތައް އިވެލުއޭޓް ކުރިއިރު ދެ ކަމަކަށް ބަލާފައިވާނޭ ކަމަށެވެ.

އެގޮތުން، ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް، ތިން ކޮޓަރީގެ ފްލެޓް ލިބޭނީ 75 ޕޮއިންޓުން މަތިން ލިބޭ ފަރާތްތަކަށް ކަމަށާއި، ދެ ކޮޓަރީގެ ފްލެޓް ލިބޭނީ 73 ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް ކަމަށް ކަނޑައަޅާފައިވާތީ، އެ އަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެޔާއެކު، މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހުން ކަމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ސައްހަ އަދި ހުށަހަޅަން ޖެހޭ އެންމެހާ ލިޔުންތައް ހުށަހަޅާފައިވާ މީހުން ޝަރުތު ހަމަވާ މީހުންގެ ގޮތުގައި ހިމަނާފައިވާނޭ ކަމަށް އެ އިއުލާނުގައިވެ އެވެ.

ނަމަވެސް، ވަޒީރުކަމާ ހަވާލުވެވަޑައިގަންނަވަން ރާއްޖެއަށް ވަޑައިގެންނެވުމުގެ ކުރިން، އެތައް އަހަރެއް ވަންދެން ހައިދަރު ދިރިއުޅުއްވަމުން ގެންދެވީ އޮސްޓްރޭލިއާގަ އެވެ. 

އެކަމާ ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް، ހައިދަރު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އާއި އަނބިކަނބަލުންނަށް ލިބިފައިވާ ފްލެޓު ދޫކޮށްލައްވަން ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑު މިހާރު މި ހުރި ހައިސިއްޔަތުގެ ގޮތުން، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންގެ ނަމުގައި ކަނޑައަޅާފައިވާ ފްލެޓް ލިބިގަތުމަށް އުޒުރުވެރިވަމެވެ،" ހައިދަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ފްލެޓް ލިސްޓު ވެރިފިކޭޝަންއަށްފަހު އެކުލަވާލާފައިވާ އާ ލިސްޓު މިއަދު އާންމު ކޮށްފައިވާއިރު، ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި 4,939 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ އިވެލުއޭޝަން ނިމުނުއިރު ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 ގެ ތެރެއިން 2695 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އަދި ބާކީ ތިބި 424 މީހުންނަކީ ވެރިފިކޭޝަން ނިމުނުއިރު ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ނުލިބޭ މީހުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.